ބޮޑުފިނޮޅުން ބިދޭސީން ބޭލުމުގެ އަމުރަކަށް އެދިއްޖެ

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ބިދޭސީން ބޭލުމުގެ އަމުރަކަށް އެ ރަށުގެ ވެރިފަރާތް، ސީލް މޯލްޑިވްސް އިން ބ. ތުޅާދޫ ކޯޓުގައި އެދިއްޖެ އެވެ.


އެ ކުންފުނިން މިއަދު ބުނީ އެ މައްސަލައިގެ އަޑު އެހުމެއް އޮންލައިންކޮށް މިއަދު ބާއްވަން ތާވަލްކޮށްފައިވާ ކަމަށެވެ.

އެ ރަށުގައި މިހާރު ތިބި ގާތްގަނޑަކަށް 170 ބިދޭސީންނަކީ ސީލް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު، ރިޒް ކުންފުނި ތަމްސީލްކުރާ ލޯ ކްރާފްޓްގެ ވަކީލަކު ވިދާޅުވެފައި ވަނީ އެ ރަށުގައި ތިބި ބިދޭސީންނަކީ ބޮޑުފިނޮޅު ރިސޯޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ގެނެސްފައި ތިބި ބައެއް ކަމަށެވެ.

އެ މީހުންނަކީ ގަވާއިދާ އެއްގޮތަށް އަދި ހުރިހާ ލިޔުންތަކެއް ހަމައަށް ތިބި ބައެއް ކަމަށާއި އެކަމަކު އެހެން ކުންފުންޏެއްގެ ކޯޓާގައި ތިބި މުވައްޒަފުންތަކަކާ ހަވާލުވުމުގެ ކުރިން އެއީ ކޮން ބައެއްގެ މުވައްޒަފުން ކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށާއި އެކަން ސާފުކުރަން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ރިޒްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ކޯޓާ ހޯދާފައިވާ ކަމަށް ރިޒް ކުންފުނިން ބުނާ ކުންފުންޏަކީ އެނގިފައިވާ ގޮތުގައި ބޮޑު ފިނޮޅު ހޮޓެލް އެންޑް ރިސޯޓް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ އަހްމަދު އައިހަމް ކިޔާ މީހަކާއި މަހްފޫޒް އިބްރާހިމް ކިޔާ މީހެކެވެ. އެއީ ބޮޑު ފިނޮޅު ތަރައްގީކުރާ ކުންފުންޏާ ގުޅުމެއް ހުރި ކުންފުންޏެއް ނޫން ކަމަށް އެނގިފައިވެ އެވެ.

ރިޒް ކުންފުންޏާއި ސީލް ކުންފުނީގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމުގައި އެ ބިދޭސީންނާ ހަވާލުވާނެ ބަޔަކު ނެތެވެ. އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ، އެނގިފައިވާ ގޮތުގައި، ރިޒް ކުންފުނިންނެވެ.

ރިޒް ކުންފުންޏާއި ސީލް މޯލްޓިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، މުވައްޒަފުން އިންޝުއާ ކުރުން ފަދަ ކަންކަން އޮތީ ރިޒް ކުންފުނީގެ ޒިންމާއެއްގެ ގޮތުގަ އެވެ. އެކަމަކު މުސާރަ ނުދިން މައްސަލައިގައި ވެސް ރިޒް ކުންފުންޏާއި ސީލް ކުންފުނީގެ އަރައިރުމުގައި ތުހުމަތު އަޅުވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގަ އެވެ.

މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ބިދޭސީން ވަނީ ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް، ރަށުގެ ތަކެއްޗަށް ގެއްލުންދީ ފުލުހުންނާ ވެސް ކުރިމަތިލައިފަ އެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހައިފަ އެވެ.

މި މައްސަލައިގެ ތެރެއިން ފެންމަތިވީ އެ ބިދޭސީންނާ މެދު ހިއުމަން ޓްރެފިކިންގެ އަމަލުތަކެއް ހިންގާފައިވާ ކަމެވެ.

ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ މި މައްސަލައިގައި ބޮޑެތި ތުހުމަތުތައް ކުރަނީ ރިޒް ކުންފުނީގެ މައްޗަށެވެ. މި ތަހުގީގަށް މެމްބަރު ރިޒާއާ ވެސް ސުވާލުކޮށްފައިވާއިރު، ފުލުހުން ބުނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ.