ބިިދޭސީއެއްގެ ރަހުމްކުޑަ މަރެއް: ދައުވާލިބޭ ބިދޭސީ މީހާ އިސްތިއުނާފް ނިމެންދެން ބަންދަށް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ކަމުގެ ދައުވާލިބޭ ބިދޭސީއަކު ދަށު ކޯޓުން ސަލާމަތްވެފައި ވަނިކޮށް، އިސްތިއުނާފް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ނޮވެމްބަރު، 2012 ގައި ޗާންދަނީމަގުގައި ހުރި ގެއެއްގެ ކޮޓަރި ތެރޭގައި ވަޅިއަކުން ކަރަށް ހަމަލާދީ ބަންގްލަދޭޝް މީހެއް ކަމަށްވާ މުނީރުލް އިސްލާމް މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރިީ އެ ގައުމުގެ މީހެއް ކަމަށްވާ ކަމްރުލް އިސްލާމްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން 2018 ގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލައަކީ ރަހުމްކުޑަ ގޮތަކަށް މީހަކު މަރާލި މައްސަލައެއް ކަމަށްވާތީ އާއި ކަމްރުލްއާ ދެކޮޅަށް އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާތީ އޭނާ ދޫކޮށްލުމަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެ ކަމަށެވެ. އަދި ދަށު ކޯޓުން ސަލާމަތްވި ފަހުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އޭނާ ހުއްޓަސް، އެތަނަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުން ބައިތިއްބާ ތަނަކަށް ނުވާތީ އިސްތިއުނާފް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރަން ދައުލަތުން އެދުނެވެ.

ކަމްރުލްއަށް ދައުލަތުން ހަމަޖައްސައިދީފައިވާ ދިފާއީ ވަކީލް އައިމިނަތު ރުކްޝާނާ ވިދާޅުވީ އެ ހާދިސާ ހިނގިތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު އެތައް އަހަރެއް ވަންދެން ކަމްރުލް ފުލުހުންގެ ބަންދުގައި ބެހެއްޓި ކަމަށެވެ. އެހެންވެ، ކުށް ސާބިތުނުވެ ހުއްޓާ އަނެއްކާވެސް އިތުރު ދުވަސްތަކެއްގައި ބަންދުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރުކްޝާނާ ވިދާޅުވީ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމްރުލް ހުރީ ވިސާގެ މައްސަލަތަކެއްގައި ކަމަށާއި އެކަމަކު އޭނާ ބޭނުންވަނީ މިހާރު ގައުމަށް ދާން ކަމަށެވެ.

އެކަމަކު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލަ ހިނގަމުން ދަނިކޮށް މަގްބޫލު އުޒުރެއް ނެތި ފުރައިގެން ގައުމަށް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު އަޑުއެހުން މެދުކަނޑާލުމަށް ފަހު އަލުން ފަށައި، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަމްރުލް ރިމާންޑް ޖަލެއްގައި ބަންދުގައި ބަހައްޓަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކުރީ ކަމަށެވެ.

އެ އަޑުއެހުމުގައި ދައުލަތުން ބުނީ ކަމްރުލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރުގެ ހެކި ހުށަހަޅާފައި ވަނިކޮށް ކަމަށާއި އެކަންކަމަށް ދަށު ކޯޓުން ރިއާޔަތް ކޮށްފައި ނެތް ކަމަށެވެ. އެ މަރަކީ ކޮޓަރިއެއްގެ ތެރޭގައި އެހެން ބަޔަކަށް ނުފެންނަ ގޮތަށް ހިންގާފައި އަމަލެއް ކަމަށްވާތީ އެ މައްސަލަ ބިނާކުރީ ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ކަމަށާއި ހެކިތަކުން ލިބޭ ނަތީޖާތަކަށް ބަލާއިރު، މުނީރުލް މަރާލުމުގެ ތުހުމަތެއް ނުވަތަ ޝައްކެއް ވިޔަސް، ކަމްރުލް ނޫން މީހަކަށް ނުކުރެވޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ އިސްލާމީ ޝަރީއަތުގައި މަރެއް ސާބިތު ކުރުމުގައި އެ މަންޒަރު ލޮލަށް ފެނުނު ހެކިން ތިބުން ކޮންމެހެން ލާޒިމްނުވާ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑުގެ އިތުރުން ގާނޫނު އަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ވެސް ކުށް ސާބިތު ކުރެވިދާނެކަން ދައުލަތުން ފާހަގަކުރި އެވެ.

މީގެ އިތުރުން ތަހުގީގުގައި ކަމްރުލް ކުށަށް އިއުތިރާފްވެ، މުނީރުލް ނިދާފައި ވަނިކޮށް އޭނާއަށް ވަޅިން ހަމަލާދިން ގޮތާއި އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ފަހުން ކޯޓުގައިި އޭނާ އެކަމަށް އިންކާރު ކުރިޔަސް، އޭނާ ތަހުގީގުގައި ކުށަށް އެއްބަސްވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ވެސް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ކަމްރުލް ފަރާތުން ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް ފަހު އެވެ. އަދި މަރުވި މުނީރުލް އަކީ މުސްލިމެއް ތޯ ބަންގްލަދޭޝްގެ އެމްބަސީ މެދުވެރިކޮށް ކަށަވަރު ކުރަން ފަނޑިޔާރުން ބެންޗުން ދައުލަތަށް އެންގެވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.