ހިއުމަން ޓްރެފިކިންގެ ތުހުމަތުކުރާތީ ބިދޭސީންނާ ހަވާލުނުވެވޭނެ: ރިޒް

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވެވެން ނެތީ ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކަކާ އެކު ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށް ބުނެ ރިޒުން އަނެއްކާވެސް އިތުރު ވާހަކަތަކެއް ދައްކައިފި އެވެ.


މިދިޔަ ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް، ރިސޯޓުގެ ތަކެއްޗަށް ގެއްލުންދީ، ފުލުހުންނާ ކުރިމަތިލައިފަ އެވެ. މި ހަމަނުޖެހުން ހިނގުމާ އެކު ރިޒުން އަންނަނީ އެ ބިދޭސީންނަކީ އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި ބައެއް ނޫން ކަމަށް ބުނެ ހަވާލުވާން އިންކާރު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ވަކީލުން މިދިޔަ އާދީއްތަދުވަހު ބުނެފައި ވަނީ ބޮޑުފިނޮޅުގައި ތިބީ އެ ކުންފުނިން ހަވާލުވާން ޖެހޭ 14 ބިދޭސީން ކަމަށެވެ. ބާކީ ތިބި ބިދޭސީން ސީލް މޯލްޑިވްސްގެ ބޮލުގައި އަޅުވާއިރު، އެ މީހުންނާ ހަވާލުނުވެ، އެ ބިދޭސީން ބޭލުމުގެ އަމުރަކަށް ސީލް މޯލްޑިވްސް އިން ވަނީ ބ. ތުޅާދޫ ކޯޓުގައި އެދިފަ އެވެ.

ރިޒް ކުންފުނިން މިއަދު ވަނީ، އެ ކުންފުނީގެ ވެރިޔާ ރިޒާ އާއި ކުންފުނި ބަދުނާމުވާ ގޮތަށް މީޑިއާ އިން ޚަބަރު ފަތުރަމުންދާ ކަމުގެ ތުހުމަތާ އެކު ދިފާއުވާން ދިގު ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް އެ ކުންފުންޏާ ދެކޮޅަށް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މި ތުހުމަތުކޮށް، ފުލުހުން އެންގީ ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެހެން ތަނަކަށް ގެންދިއުމާ ގުޅޭ ގޮތުން ސީލް މޯލްޑިވްސްއާ މަޝްވަރާކުރަނިކޮށް ކަމަށް ބަޔާނުގައިވެ އެވެ.

ކުއްލި ގޮތަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުު ރިޒް ކުންފުނީގައި އެޅުވުމުން އެ ބިދޭސީންނާ ހަވާލުވާން ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ބަޔާނުގައިވެ އެވެ. ހަވާލާދީފައި ވަނީ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 6 ވަނަ ބާބުގައިވާ، ޓްރެފިކް ކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް ދައުލަތުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ގޮތަށް އޮތް އޮތުމަށެވެ.

ޓްރެފިކްކުރެވޭ މީހުން ބަލަހައްޓައި ދިރިއުޅެން އެކަށީގެންވާ ތަނެއް ހޯދައިދިނުމަކީ ގާނޫނުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޒިންމާއެއްގެ ކަމަށް ރިޒް ކުންފުނީގެ ނޫސް ބަޔާނުގައިވެ އެވެ.

"އަޅުގަނޑުގެ މުވައްކިލުގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތަކެއްގެ ގޮތުގައި ބެލެވިފައިވާ ފަރާތްތަކެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ފާހަގަކޮށްފައިވާ ފަރާތްތަކެއް ދައުލަތުގެ ރައްކާތެރިކަމުން ބޭރަށް ގެންދިއުމަކީ އެކަމުގެ ޒިންމާ ގާނޫނީ ގޮތުން އަޅުގަނޑުމެންގެ މުވައްކިލަށް ނުއުފުލޭނެ ހާލަތެއް ކަމުގައިވާތީ އާއި މިވަގުތު ބިދޭސީންގެ ފަރާތުން ހިންގަމުންދާ ހަމަނުޖެހުންތަކަށް ބަލާއިރު މިކަމަކީ ގައުމީ ސަލާމަތަށް ވެސް އެކަމުގެ ސަބަބުން ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމުގައި ބެލެވޭތީ ބިދޭސީންނަށް މިވަގުތު ދޭންޖެހޭ ރައްކާތެރިކަމާއި ޚިދުމަތްތަކަކީ މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ކަންކަން ކަމުގައި އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ދެންނެވީމެވެ،" ރިޒްގެ ބަޔާނުގައިވެ އެވެ.

ރިޒުން މިގޮތަށް ބުނެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ހޯމް މިނިސްޓްރިީން ބުނެފައި ވަނީ މުސާރަ ނުދިނުމުގެ މައްސަލަ ހިއުމަން ޓްރެފިކިންގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދަން ގާނޫނީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެއާއެކު އެ ބިދޭސީން ވެސް ހިއުމަން ޓްރެފިކިންގެ ވިކްޓިމްސްގެ ގޮތުގައި ރަޖިސްޓަރީވާން ބޭނުން ނުވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުސާރަ ނުދޭ އެންމެންނަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ބައެއްގެ ގޮތުގައި ދެކި ދައުލަތުގެ ބެލުމުގެ ދަށުގައި ގެންގުޅުމަކީ ވެސް ގޮންޖެހުން އޮތް ކަމެއް ކަމަށާއި ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގެ މިހާރު ވެސް ޖާގައަކީ ގާތްގަނޑަކަށް 40 ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރިޒް ކުންފުންޏާއި ސަރުކާރުގެ ވާހަކަތައް މިގޮތަށް ހުރިއިރު، ބޮޑުފިނޮޅުގައި 179 ބިދޭސީން އެ ތިބީ ހަވާލުވާނެ ބަޔަކު ނެތިފަ އެވެ. މައްސަލައިގެ ތަހުގީގު ކުރަމުން އަޔަސް ބިދޭސީންނަށް އިންސާފު ހޯދައިދީ، އެ މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގި މީހުންނާ މެދު ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތައް ބަލާއިރު، އެ މީހުންނަށް މުސާރަ ހޯދައިދެވޭނެ މަގެއް ވެސް އަދި ފެންނާކަށެއް ނެތެވެ.