ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް އައިލެންޑް އެކްސްޕާޓުން މުސާރަ ނުދީގެން، އިއްޔެ ހިންގި ބޮޑު ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި 41 ބިދޭސީއެއްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ އެ ހުރިހާ ބިދޭސީން ވެސް 15 ދުވަހަށް ޖަލުގައި ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން މިއަދު އަންގައިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިނުން

މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާތީ ކަމަށް ބުނެ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ވަނީ ހުޅުމާލޭގައި ބޮޑު ހަމަނުޖެހުމެއް އިއްޔެ ހިންގައި ފުލުހުންނާއި އާންމުންގެ ތަކެއްޗަށް ގެއްލުންދީފަ އެވެ. މީގެ ކުރިން ދެ ފަހަރަކު އެ މީހުން މުޒާހަރާ ކުރި ނަމަވެސް މިގޮތަށް ހަމަނުޖެހުން ހިންގައި ފުލުހުންނަށާއި އާންމުންގެ ތަކެއްޗަށް ގެއްލުން ދީފައެއް ނުވެ އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުރަތަމަ ދިޔަ ފުލުހުންގެ ޓީމާ ދިމާ އަށް ބިދޭސީން ވަނީ ގާ އުކައިފަ އެވެ. ދިފާއު ވުމަށް އެއްވެސް ހަތިޔާރެއް ނެތި، ހުސްއަތާ ދިޔަ 10 ވަރަކަށް ފުލުހުންނަށް ބިދޭސީން ގަލުން ދިން ހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވެ، ވެހިކަލެއްގެ ބިއްލޫރި ތަޅައިލި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީންގެ ހަމަނުޖެހުމުގައި، ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަަށެވެ.

ހަމަނުޖެހުން ހިންގި ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުގައި: އެ މައްސަލާގައި 41 ބިދޭސީން ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާ މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ކުރެވެން ހުރި ހުރިހާ މަސައްކަތަކެއް ވެސް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުން ދިނުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމަނުޖެހުމާ ގުޅިގެން އައިލެންޑް އެކްސްޕާޓުން ބުނީ، އެއީ މުސާރަ ނުދީގެން ހިންގި ހަމަނުޖެހުމެއް ނޫން ކަމަށެވެ. މުސާރައިގެ މައްސަލަ މަޝްވަރާކޮށް ހައްލުކޮށްފައިވާ ކަމަށާއި، އެއީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް އެ ކުންފުނިން ތުހުމަތު ކުރެ އެވެ.

ބިދޭސީންނަށް މުސާރާ ނުދީގެ މިފަދަ އިހުތިޖާޖްތައް ފަހަކަށް އައިސް ދަނީ ގިނަ ވަމުންނެވެ. އެގޮތުން، ބ. ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރާ ބިދޭސީން ވެސް ވަނީ އެތަނުގައި ދިވެހިން ރަހީނުކޮށް ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ. އެއީ ވެސް މުސާރަ ނުލިބުމާ ގުޅުން ހުރި މައްސަލައެކެވެ. އެ މައްސަލާގައި ވެސް ގިނަ ބިދޭސީންތަކެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފަ އެވެ.