ޔާމީންގެ ހާލުކޮޅު ގޯސް، ގެއަށް ބަދަލު ކުރަންޖެހޭ: ވަހީދު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސް ކަމަށާއި ފަރުވާ އަށް އެ މަނިކުފާނު ގެއަށް ބަދަލުކުރަން ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ގޮވާލައްވައިފި އެވެ.


އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމާ އެކު، އެ ޕާޓީގައި ދާދި ފަހުން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރުމަކީ ދައުލަތުން ކޮށްދޭން ޖެހިފައި އޮތް ކަމެއް ކަމަށެވެ. ހިތުގެ ބައްޔާއި އެހެން ވެސް ސިއްހީ ކަންކަމަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ޔާމީން ގޭބަންދަށް ދޫކޮށްދޭން ކުރިން ޕީޕީއެމުން ވެސް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ޖަލު ހުކުމް އިއްވި ފަހުން، ޔާމީން އެކި ފަހަރު މަތިން މާލެ ގެންނަވައި، އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ.

ރާއްޖޭގައި ލިބެން ނެތް ފަރުވާތަކެއް ހޯއްދަވަން ރާއްޖެ އިން ބޭރަށް ވަޑައިގަތުމަަށް ޔާމީނަށް ޑޮކްޓަރުން ލަފާ ދެއްވުމުން، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ބޭރަށް ފޮރުވަން ހޯމް މިނިސްޓްރީން މަސައްކަތް ކުރި އެވެ. އެކަމަކު، އެ ފަހަރު އެ މަނިކުފާނު ބޭރަށް ވަޑައިގަތުމަށް ބޭނުން ނުވީ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޔާމީން ގެއަށް ބަދަލުކުރަން ވަހީދު މި ގޮވައިލެއްވީ، ޔާމީނަށް ޖަލު ހުކުމެއް އިއްވި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އެ ޚިޔާނާތާ ގުޅިގެން އުފުލި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން އިއްޔެ ބާތިލްކޮށް، މިނިވަންވެފައި ވަނިކޮށެވެ.

ޔާމީންގެ ސަރުކާރުގެ ދުވަސްވަރު 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ރާވައި ހިންގި ކަމަށް ފުލުހުން ތުހުމަތުކުރާ އަދީބު މިނިވަންވެ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދުގައި ހުންނެވުމަކީ މި ސަރުކާރުން ޔާމީނަށް އުފުލީ ބާތިލް ދައުވާތަކެއް ކަން ސާބިތުވާ ކަމެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދީބު މިނިވަންވެ، ޔާމީން ޖަލުގައި ހުންނެވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެ މަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ޔާމީން އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ދައުވާގައިވެ އެވެ.

މި މައްސަލައިގައި ފަސް އަހަރުގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.