ޒުވާނުންނަށް ތަފާތު ހުނަރު ދަސްކޮށްދޭން ހާއްސަ ޕްރޮގްރާމެއް ފަށައިފި

ކޮވިޑް-19އާ ގުޅިގެން ދިމާވި އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށް ހުނަރުވެރި ޒުވާނުން އުފެއްދުމަށް "ސްކިލްސް ފޮ ރިޒިލިއަންޓް ވޯކާސް" ޕްރޮގްރާމް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކުރައްވައިފި އެވެ.


ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ބޭރު މީހުންނަށް ބަރޯސާވުން ކުޑަކުރެވޭނީ ހުނަރުވެރި ދިވެހިން ތަމްރީންކުރުމުން ކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއް

މަސައްކަތު މާހައުލުގައި ގުޅިގެން މަސައްކަތްކުރަން އެ ޕްރޮގްރާމްގެ ބައިވެރިންނަށް ނައިބު ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ޅަ އުމުރުގައި ގިނަ މަސައްކަތް ދަސްކޮށް، އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާ ބަޔަކަށް ވާން އެދިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަަރު ޑރ. އިބްރާހިމް ހަސަން ވެސް ބައިވެރިވަޑައިގަތެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަސޭހައިން ހޯދައިދޭށާއި ހުނަރު ދަސްކޮށްދިނުމަށް ފެށި މި ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރަން، އެކި ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީން ކުރުން ހިމެނެ އެވެ.

ޓޫރިޒަމް އާއި އައިސީޓީ އަދި ޓޫރިޒަމާ ގުޅުން ހުރި އިމާރާތްކުރުމުގެ ކޯސްތައް މި ޕްރޮގްރާމުގެ ދަށުން ދަސްކޮށްދޭނެ އެވެ. އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ކޯސްތައް ހިންގާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓިވެކް އޮތޯރިޓީ ގުޅިގެންނެވެ.

މި ޕްރޮގްރާމުގެ ދަށުން 1،200 އަށް ވުރެ ގިނަ ދަރިވަރުންނަށް އެކި ހުނަރު ދަސްކޮށްދޭނެ އެވެ. މީގެ ތެރެއިން 33 ޕަސެންޓު ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. ނަމަވެސް މިއަދު މި ޕްރޮގްރާމް ފެށީ، 80 ދަރިވަރުންނާ އެކު އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް، ޕޮކެޓް މަނީގެ ގޮތުގައި މަހަކު 2،000 ރުފިޔާ ދޭން ހަމަޖައްސާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.