ޒިންމާދާރުކަމެއް ނެތް ފާޑުކިޔުމަކުން ރާއްޖެ-ޗައިނާގެ ގުޅުން ހީނަރެއް ނުވާނެ: ސަފީރު

ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ބައެއް މީހުން ޒިންމާދާރުކަމެއް ނެތް ފާޑުކިޔުންތައް އަމާޒުކުރިޔަސް ދެ ގައުމުގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށާއި އެ ގުޅުން އަންނާނީ އިތުރަށް ހަރުދަވާ ވަމުން ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލޮޖޮން މިއަދު ވިދާޅުވެއްޖެ އެވެ.


ޗައިނާ-މޯލްޑިވްސް ޖޮއިންޓް މެކޭނިޒަމް އޮން ކޮވިޑް-19 ރެސްޕޯންސްގެ ނަމުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓްތަކެއްގައި ޗައިނާ ސަފީރު ވިދާޅުވީ މިއަދުގެ ވީޑިއޯ ކޮންފަރެންސް ކާމިޔާބު ކަމަށެވެ.

"ކޮވިޑް-19 އަށް ފަހު އިގްތިސާދު އަލުން ހިންގަން ފެށުމާއި ޓޫރިޒަމް އަދި ވިޔަފާރީގެ ހަރަކާތްތައް އަވަހަށް ފެށޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި،" ސަފީރު ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ މުހައްމަދު ނަޝީދު ޗައިނާ އާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން ދައްކަވާ ވާހަކަތަކަށް ސޯޝަލް މީޑިއާގައި އާންމު ގޮތެއްގައި ރައްދު ދެއްވާ ސަފީރު ޖަންގް ލޮޖޮން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި "ވަން-ޗައިނާ-" ޕޮލިސީ އަށް ރާއްޖޭން އިތުރު އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދީފައިވާ ކަމަށެވެ.

ޗައިނާއާ މެދު ރާއްޖޭން ގާތް ގުޅުމެއް ބާއްވައި އެ ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް މިއަދުގެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"...ޗައިނާ އިން ގަބޫލުކުރަނީ ބައެއް ފަރާތްތަކުން ޒިންމާދާރުކަން ނެތް ފާޑުކިޔުންތައް އަމާޒުކުރިއެއް ކަމަކު ޗައިނާ އާއި ރާއްޖޭގެ ގުޅުން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަމާލުކަން ނުގެއްލޭނެ ކަމަށް. އަދި މި ގުޅުން އަދިވެސް ދާނީ އިތުރަށް ވަރުގަދަވަމުން ކަމަށް،" ސަފީރުގެ ޓްވީޓެއްގައިވެ އެވެ.

ޗައިނާގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔައޮ ވެން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމާ ބެހޭ ގޮތުން ސަފީރު ތަފްސީލް ދެއްވާފައިވާ ޓްވީޓެއްގައިވާ ގޮތުން މައިގަނޑު ތިން ކަމަކަށް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. އެއީ ކޮވިޑް-19 އާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މި ބައްޔާ ދެކޮޅަށް ދެ ގައުމުން އެކުގައި އިތުރު މަސައްކަތްތައް ކުރުމަށާއި އިގްތިސާދު އަލުން ހިންގަން ފެށުމުގެ ގޮތުން ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުން އަވަސް ކުރުމަށެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން، ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ. ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެޑީޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާނެވެ.

ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބޮޑެތި ލޯނުތައް ދީ ބިޔަ މަޝްރޫތައް ހިންގަމުން އަންނަ ޗައިނާ އިން ކޮވިޑް-19 ގެ ތެރޭގައި ވެސް ވަނީ ބޮޑެތި އެހީތަކެއް ވެފަ އެވެ. ރާއްޖޭން އެންމެ ބޮޑު ދަރަންޏެއް އޮތް ޗައިނާ އިން ވަނީ އެ ގައުމުގެ ލޯނުތަކަށް ފައިސާ ދެއްކުން ވެސް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމާ އެކު މަޑުޖައްސާލަދީފަ އެވެ.