ދޮޅު އަހަރު ނުވާ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި، ސީރިއަސްވުމުން މާލެ ގެނެސްފި

ލ. ގަމުގައި ދޮޅު އަހަރު ނުވާ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.


ގަމު ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ، ގަމު މަތިމަރަދޫ އަވަށުގައި އުމުރުން 14 މަހުގެ އެ ކުއްޖާ މަސް ފެންގަނޑަކަށް އިއްޔެ ވެއްޓިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ރޭ އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ. ގޯތިތެރޭގައި ހަދާފައިވާ މަސްފެންގަޑަކަށް ވެއްޓުނު އެ ކުއްޖާ ގަމު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ރަނގަޅު ނޫން ކަމަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭނެތިފައިވާ ކަމަށް ވެ އެވެ. އަދި އިތުރު ފަރުވާ އަށް ރޭ މާލެ ފުރުވައިލި އިރު ވެސް ހޭނާރާ ކަމަށް ވެ އެވެ.

މިދިޔަ އަހަރު ވެސް ގަމުގައި ދެ އަހަރުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި، ހާލު ސީރިއަސްވުމުން މާލެ ގެނެސް ފަރުވާ ދޭން ޖެހުނެވެ. އެ ކުއްޖާ ފަހުން އިންޑިއާ އަށް ގެންގޮސްގެން ވެސް ފަރުވާ ދިނެވެ.