ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެ މަނިކުފާނަށް އަމާޒު ވެއްޖެ އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ނަޝީދު އެދިވަޑައިގަތީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށް ވެސް ހަމަޖައްސައި ދިނުމަށެވެ.
އެ މަނިކުފާނު އެގޮތަށް އެ ކޮމިޓީގައި އެދިވަޑައިގަތީ، އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައި ދިނުމަށް އެދި ފޮނުވުމުންނެވެ. ނަޝީދު ބޭނުންފުޅުވާ ބައިތައް، އިމިގްރޭޝަންގެ ގާނޫނުގެ އިސްލާހުތަކުގެ ތެރޭގައި ހިމަނުއްވަން ވެގެން ކޮމިޓީން ފޮނުވި މައްސަލަ ވެސް އަނބުރާ ފޮނުވައިލެއްވީ އެވެ.
ނަޝީދު ބޭނުންފުޅުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން، މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވެސް ދެކޮޅު ހެއްދެވި އެވެ. އެ މެމްބަރުންގެ ނަޒަރުގައި ރާއްޖޭގައި ގެއަކަށް ކުލި ދައްކާތާ 10 އަހަރު ވެފައިވާ ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދިނުމަކީ، މާބޮޑު ފައިދާއެއް ނެތް އަދި އެއިން ލިބިދާނެ ގެއްލުންތައް ގިނަ ކަމެކެވެ.
ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދިނުމަށް ނަޝީދު ބޭނުންފުޅުވުމުން، ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ އެ މަނިކުފާނަށް ފާޑު ކިޔައިފަ އެވެ. "މިހާރު" ގައި ޖެހި އެ ޚަބަރަށް ގިނަ މީހުން ކުރި ކޮމެންޓުތަކުން ވެސް އެނގުނީ މި މައްސަލައިގައި ނަޝީދަށް ދެކެ ގިނަ ބަޔަކު ހިތްހަމަނުޖެހިފައި ތިބި ކަމެވެ.
ގިނަ މީހުން ދެކޭގޮތުގައި ގެއެއް ކުއްޔަށް ހިފައިގެން، އެ ގެ އަށް 10 އަހަރު ވަންދެން ކުލި ދެއްކުމުން ބިދޭސީންނަށް ރަށްވެހިކަން ދިނުމަކީ، އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ގައުމަށް ފޫނުބެއްދޭނެ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.
ޓްވިޓާގައި ހިޔާލުފާޅު ކުރި މީހަކު ބުނިގޮތުގައި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ، ގެދޮރަށް ދިވެހިން ސަލާން ޖަހަޖަހައި ތިއްބައި، ބިދޭސީން ތަންތަން ކުއްޔަށް ހިފައިގެން ވިސާ ހޯދާ ނަމަ، ކުލީގެ އަގު ދާނީ ހައްތަހާ މައްޗަށެވެ.
"އެއްލައްކަ ރުފިޔާއަކީ ހައެއްކަ ހާސް ޑޮލަރު. މި ވަރު ދައްކަައިގެން ކިހިނެއް ވިސާ ދޭން ހެޔޮވާނީ. މިއީ އެހެން ގައުމުތަކުގައި ކަންކުރާ ގޮތެއް ނޫން." ނަޝީދު މި ފަދަ ކަމަކަށް އެދިވަޑައިގަތުމުގެ ހަގީގީ މަގުސަދު ސާފުވާން ޖެހޭނެ ކަމަށް ބުނެ ޓްވީޓް ކުރި މީހަކު ބުންޏެވެ.
"10 އަހަރަށް ތަނެއް ކުއްޔަށް ހިފިދާނެ 1،000 ރުފިޔާ އަށް ވެސް."
ކުރީގެ ނައިބު ރައީސް އަދި މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރެއްވި ގޮތުގައި މިއީ ދިވެހި ގައުމިއްޔަތު ނައްތައިލުމަށް ރާވާ ރޭވުމެކެވެ. އަދި މިއީ ގައުމުގެ ހުރިހާ ލީޑަރުން އެކުގައި ތެދުވަން ޖެހޭ ކަމެއް ކަމަށާއި މިހާ ފަސޭހައިން މިކަން ދޫކޮށްލައިފި ނަމަ، ދިވެހި ރާއްޖެ ކިޔާތަނެއް މާދަމާ ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަބަދު ދިވެހިންނަށް ގެއްލުން ދޭން މި ރާވަނީ ކީއްވެބާ،؟" ޓްވިޓާގައި ޖަމީލް ސުވާލު ކުރެއްވި އެވެ.
މިކަމާ ގުޅޭގޮތުން "މިހާރު" ގައި ޝާއިއުކުރި ޚަބަރަށް ކޮމެންޓް ކުރި މީހަކު ބުނީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ރެސިޑެންޓް ވިސާ ދޭ ނަމަ ވަރަށް ފަސޭހައިން ބޭރު މީހުންނަށް ރާއްޖޭގައި އާބާދުވެވިދާނެ ކަމަށާއި އޭރުން ދުވަސްކޮޅަކުން ދެން އެ މީހުން ޑިމާންޑު ކުރާނީ އެ މީހުންގެ ހައްގުތައް ހޯދުމަށް ކަމަށެވެ. އޭގެ ސަބަބުން ދީނީ އެއްބައިވަންތަކަން ގެއްލި އިޖުތިމާއީ ފޭރާން ވީދިދާނެ ކަމަށް އޭނާ ބުންޏެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ގައުމު ދެކެ ޒައްރެއްގެ މިންވަރަށް ވެސް ލޯބިވާ ނަމަ، މިކަމާ މެދު ވިސްނެވުމަށް އާދޭސް ކުރައްވާ ކަމަށެވެ. މި ފަދަ ގޮތަކަށް ރެޒިޑެންޓް ވިސާ ދީފި ނަމަ ގައުމަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށާއި އެކަން ފަލަސްތީނުން މިހާރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވީ، މިއީ ރައްވެހިކަން ނޫން ކަމަށާއި ރައްޔިތުކަން ހޯދުމަށް ދިން ދައުވަތެއް ކަމަށެވެ.
ނަޝީދުގެ މި ހުށަހެޅުއްވުމާ މެދު އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ވެސް ތިބީ ރުޅި އައިސްފަ އެވެ.
"ނައިބުތުއްތު" ގެ ނަމުގައި ޓުވީޓު ކުރި މީހަކު ބުނީ، ނަޝީދު ބޭނުންފުޅުވާ ގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ.
"ފަހަކަށް އައިސް މުހައްމަދު ނަޝީދު ބައިކޮޅަށް ގިނަ ގޯލް އެބަޖަހާ. ދިވެހިންގެ ވިސްނުމާއި އާދަކާދަ އަށް ނުބަލައި ބަސް ނުބުނުން އެދެން. ހިކުމަތްރެރިކަން ހުންނަން އެބަޖެހޭ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ޓެގް ކުރަމުން "ނައިބުތުއްތު" ގެ ޓުވީޓުގައި ވެ އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުން ވޯޓު ދިނީ، ނަޝީދު ބޭނުންފުޅުވާ އެއްޗެއް ވިދާޅުވާން، ބޭނުންފުޅުވާ ކަމެއް ކުރައްވަން ނޫން ކަމަށެވެ.
"މަދު ފައިސާކޮޅަކަށް މި ގައުމުގެ އިސްތިގުލާލު ވިއްކައެއް ނުލެވޭނެ،" ސައުދު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާާޅުވީ، ރައްޔިތުން ހޭލަންވެއްޖެ ކަމަށާއި ދިވެހިންގެ އެންމެ އަސާސީ ހައްގުތައް ވެސް ކަށަވަރުކޮށް ނުދީ، ކުރަން އުޅެނީ ނުރައްކާތެރި ކަމެއް ކަމަށެވެ. ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ތުހުމަތު ކުރައްވާ ގޮތުގައި، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ "އަވަށްޓެރި ގައުމެއްގެ ނުބައި ރޭވުންތެރިކަމެއްގެ" ތެރެއިންނެވެ.
ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމަށް ގާނޫނަށް އިސްލާހު ގެންނަން ނަޝީދު އެދިވަޑައިގަތުމާ ގުޅިގެން "މިހާރު" ގައި ޖެހި ޚަބަރަށް ކޮމެންޓު ކުރި ބައެއް މީހުން ދެކޭގޮތުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ އިންޑިއާގެ ގިނަ ބަޔަކު ރާއްޖެ ގެނެސް އެ މީހުންގެ ބާރު ގަދަ ކުރުމަށެވެ.
"އެންމެ އެއްލައްކަ ރުފިޔާގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރުމުން އެފަދަ މީހަކަށް ރާއްޖޭގައި ނޮން ރެސިޑެންސް ވިސާ ދޭން އަދި 10 އަހަރު ދުވަހަށް މާލޭން ކޮޓަރި ގަނޑެއް ކުއްޔަށް ހިފުމުން ނޮން ރެސިޑެންސް ވިސާ ދޭން މަޖްލީހުގެ ރައީސް ސަރުކާރުން އިމިގްރޭޝަންގެ ބިލްގައި ނުހިމަނާ އިސްލާހެއް ކުއްލި އަކަށް ހިމަނާނީ މި ސަރަހައްދުގެ ގައުމުގެ ބޮޑަކު ކުރާ ފޯން ކޯލެއް ނުވަތަ ވަޓްސްއެޕް މެސެޖެއްގެ ސަބަބުންނޭ،" އިންޑިއާ އަށް ތުހުމަތުކޮށް ކުރި ކޮމެންޓެއްގައި ވެ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، ސަރުކާރުން ބޭނުން ނުވަނީސް އަދި އެމްޑީޕީގެ ތެރޭގައި ވެސް މަޝްވަރާ ކުރުމެއް ނެތި، މިފަދަ އިސްލާހެއް ގެންނަން ނަޝީދު ބޭނުންފުޅުވުމުގައި ފޮރުވިފައިވާ އެޖެންޑާއެއް އެބައޮތެވެ.
މި މައްސަލަ ދިރާސާކުރާ ކޮމިޓީން ނިންމާފައި ވަނީ ނަޝީދު ބޭނުންފުޅުވި ގޮތާ މެދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ކޮމިޓީ އަށް ހާޒިރުކޮށް، އޭނާ ދެކެވައިގަންނަވާ ގޮތް ވެސް ސާފުކުރުމަށެވެ.