ބޮޑު ހިޔާނާތުގައި ޕީޖީ ޝަމީމްްގެ މަސްލަހަތު ފުށުއަރާތީ ބާ ކައުންސިލަށް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ބާ ކައުންސިލަށް އާންމު މީހަކު މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ. އަދި އެކަން ބާ ކައުންސިލުން ވަނީ ކަށަވަރު ވެސް ކޮށްދީފަ އެވެ.


އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު ބާ ކައުންސިލުން އަދި ގޮތެއް ނުނިންމަ އެވެ.

ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ޝަމީމާ ދެކޮޅަށް އެންމެ ބޮޑަށް ފާހަގަކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވި ހުކުމް ވެސް ކޮށްފައިވާ ބައެއް މީހުންގެ ދިފާއީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވުމެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ދިފާއީ ވަކީލަކަށް ޝަމީމް އުޅުއްވި އެވެ.

ބާ ކައުންސިލަށް ހުށަހެޅި މައްސަލާގައި ބުނީ ޒިޔަތު ހައްޔަރުގައި ބަހައްޓަން ފުރަތަމަ ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެ މަރުހަލާގެ ކަންކަން ވެސް ޝަމީމް އޭނާގެ ފަރާތުން ބެލެހެއްޓި ކަމަށެވެ.

"ކުރީ ސަރުކާރު ބަދަލުވެ އަބްދުﷲ ޒިޔަތުގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގެއް ފުލުހުން ހިންގަމުންދިޔަ އިރު، 2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން، މީނާ ޕީޖީގެ މަގާމަށް އައްޔަންކުރުމާ ހަމައަށް އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުން ފުލުހަށް ހާޒިރުވެ ވަކާލާތުކޮށްފައި ވެ އެވެ،" މައްސަލާގައި ބުންޏެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ އަރިސް އެކެއް ކަމަށް ބެލެވޭ އަހުމަދު ހުސައިން (އޮއިއްޓެ)ގެ ވަކީލެއްގެ ގޮތުން ވެސް ޝަމީމް އުޅުއްވާފައިވާ ކަމަށް، މަސްލަހަތު ފުށުއެރުމުގެ މައްސަލަ ހުށަހެޅި މީހާ، ފާހަގަކޮށްފައިވެ އެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާއެރުމާ އެކު، އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އޮއިއްޓެގެ މައްޗަށް ދައުވާނުކުރާ ގޮތަށް ޕްލީ ބާގެއިނިން އެގްރީމެންޓެއް ހެދިއިރު އެ ބަޔާނުގައި ދިފާއީ ވަކީލަކަށް ސޮއިކުރައްވާފައި ވަނީ ވެސް ޝަމީމް ކަމަށް، މައްސަލައިގައިވެ އެވެ.

"މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބަޔާން ނެގުމަށް ޔޫކޭއަށް ދިއުމުގެ ހަރަދާއި، ދެކޮޅު ޓިކެޓާއި، ފައިވް ސްޓާ ހޮޓަލް އެކޮމޮޑޭޝަން، ލަންޑަންގެ ސައިޓް ސީންގެ އިތުރަށް، 20 ހާސް ޕައުންޑް މި މަސައްކަތުގެ އަގުގެ ގޮތުގައި އެސްއޯއެފް މެދުވެރިކޮށް އެމްއެމްޕީއާރުސީގެ ފައިސާ އިން ހުސައިން ޝަމީމަށް އަދާކޮށްފައި ވެ އެވެ،" މައްސަލާގައި ފާހަގަކުރި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުން ޝމީމް މަސައްކަތްކުރެއްވި ކަމަށް ވެސް، ބާ ކައުންސިލްގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. ނަމަވެސް ޝަމީމް އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އަދީބުގެ ދިފާއީ ވަކީލަކަށް އޭނާ ހުންނެވީ، ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. އެމްއެމްޕީއާރުސީއާ ގުޅުވައިގެން އަދީބުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ދިފާއުގައި އޭނާ އުޅުއްވާފައި ނުވާނެ ކަމަށް، ވިދާޅުވެ އެވެ.

އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލި ހަތް ދައުވާ ވެސް ބޭރުކޮށްލުމުން، އޭނާ މިހާރު ހުންނެވީ މިނިވަން ވެފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ ނިންމުމާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ގާތްގަނޑަކަށް 850 އަހަރުގެ ހުކުމް އަންނަ ވަރުގެ ކުށްތައް ސާބިތުވާ ވަރަށް، އަދީބާ ދެކޮޅަށް ހެކި ހުރި ކަމަށާއި އެ މައްސަލަތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހިޔާނާތުގެ ފައިސާ

ބާ ކައުންސިލަށް ހުށަހެޅި ކަންބޮޑުވުންތަކުގައި ފާހަގަކުރި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެޅިފައިވާ މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުން ޝަމީމް އުޅުއްވި އިރު "އާދަޔާ ހިލާފް ބޮޑެތި އަދަދުތަކެއް"ގެ ފައިސާ ނަންގަވާފައިވާ ކަމަށެވެ. އެކަމަކު އެއީ "ހިޔާނާތުގެ ފައިސާކަން" އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް، ތުހުމަތުކުރި އެވެ.

އެ ފައިސާ ބޭނުންކުރެވި ގޮތާ މެދު، އެ މައްސަލާގައި ޝަމީމުގެ މައްޗަށް އެހެން ތުހުމަތެއް ކުރި އެވެ. ހިޔާނާތުގެ ފައިސާކަން އެނގިވަޑައިގަންނަވާތީ އެ ބަދަލުކުރީ ލޯނަކަށް ކަމަށާއި އަދި ނެންގެވީ މުޅިން ވެސް ނަގުދު ފައިސާ ކަމަށް ހަދައި، އޭގެ ހަގީގަތް ލޯފާމްގެ އެހެން ބައިވެރިންނަށް އޮޅުވާލެއްވި ކަމަށް ވެސް ތުމަތުކޮށްފައިވެ އެވެ.

މި ހުރިހާ ތުހުމަތުތަކާ އެކު މައްސަލާގައި ފާހަގަކޮށްފައި ވަނީ، ޝަމީމަކީ އެމްއެމްޕީއާރުސީގެ މައްސަލާގައި ޕީޖީއަކަށް ވުމަކީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދެއްވުން ކަމަށެވެ.

"މިގޮތަށް އެމްއެމްޕީއާރްސީގެ އެމްޑީން ފެށިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ އެކި ފަރާތްތަކުގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނަގާފައިވާ ބޭފުޅަކު، ޕީޖީގެ މަގާމަށް އައްޔަންވެ، އެ މައްސަލައިން ތަނާޒުލްވުމަކާ ނުލައި، މަސައްކަތްކުރުމަކީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް އާންމުން ދެކެ އެވެ،" ބާ ކައުސިލަށް ހުށައެޅި ލިޔުމުގައި ބުނެފައި ވެ އެވެ.

މައްސަލާގައި ބާ ކައުންސިލްގެ ކިބައިން އެދުނީ އެންމެ އަވަހަކަށް އެކަން ބަލައިދީ އިންސާފު ހޯދައިދިނުމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ދައުވާއެއް ސާބިތުވެ މިވަގުތު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ޒިޔަތާއި އަދީބުގެ މައްޗަށް ކުރިން ސާބިތުވި ކުށްތައް ވަނީ ބާތިލްކޮށްފަ އެވެ.