އިސްކަންދަރު ސްކޫލުގެ މަސައްކަތު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ސަޕޯޓު ސްޓާފެއްގެ ވަޒީފާގައި ހުރި އުމުރުން 50 އަހަރުން މަތީގެ އެ އަންހެންމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ އެންމެ ފަހުން މަސައްކަތަށް ނުކުމެފައިވަނީ އޭގެ ދެ ދުވަސް ކުރިން މިދިޔަ އަންގާރަ ދުވަހު އެވެ.
އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެ އެވެ.
މަސައްކަތު މީހުން ކްލާސްތައް ސާފުކުރަން ވަންނަނީ ކުދިން ސްކޫލުން ދިއުމުން ކަމަށް ވާތީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކުދިންނާ އެއްވެސް ވަރަކަށް ކޮންޓެކްޓް ނުވާ ކަމަށް ވެ އެވެ.
ސަޕޯޓު ސްޓާފް ޕޮޒިޓިވްވުމުން، އޭނާއާ ގުޅިގެން ސްކޫލުގެ އެހެން ބަޔަކު އައިސޮލޭޓް ކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރިތާ ތިން މަހަށް ފަހު، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. ސްކޫލުތައް ހުޅުވާފައިވަނީ ވެސް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކުގަ އެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ދިއުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ކްލާސްތެރެ ސާފުކޮށް، ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2،930 އަށް އަރާފައިވާއިރު މި ބަލީގައި 15 މީހަކު މަރުވެފައި ވެ އެވެ.