އަދީބަށް ނުފިލޭނެ ކަން ގާނޫނީ ނިޒާމުގެ ތެރެއިން ކަށަވަރު ކުރިން: ޕީޖީ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކޮށް، މިނިވަންވުމާ އެކު ވެސް އޭނާ އަށް ފިއްލަވައިގެން ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭނެ ކަން ގާނޫނީ ނިޒާމު މެދުވެރިކޮށް ކަށަވަރު ކުރެއްވި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.


އަދީބު މިނިވަންވީ، އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ބާތިލް ކުރުމުންނެވެ. އެ ނިންމެވުމާ މެދު ޕްރޮސިކިއުޓަ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވާފައިވާ އިރު ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި އެ މައްސަލަ އަންނަނީ ބަލަމުންނެވެ. އެ ގާޒީ މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ދައުލަތުގެ 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި ތުހުމަތުކުރާ އަދީބަކީ ގޭބަންދުގައި ހުންނަވަނިކޮށް ވެސް ފިއްލަވައިގެން ބޭރަށް ވަޑައިގަތުމަށް ޕްލޭން ރާއްވަވައި، އެގޮތަށް އެކަން ކުރެއްވި ބޭފުޅެކެވެ. ޓަގު ބޯޓެއްގައި ދަތުރުކުރައްވަނިކޮށް އޭނާ އަތުލައިގަނެވުނީ ކަނޑުމަތިންނެވެ.

ބަންދުގައި ހުންނެވި އިރު ވެސް ފިއްލެވި ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ އަދީބު މިހާރު ނުފިއްލަވައި ގާނޫނީ ނިޒާމުގެ ތެރެއިން މައްސަލަތައް ހިނގައިގަންނަން ދެން ވެސް ގޭގައި ހުންނަވާނެ ކަމުގެ ކޮން ޔަގީންކަމެއްތޯ ޕީޖީ އަށް އޮތީ "މިހާރު"ން ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ އެކަމުގައި އޭނާ ކަށަވަރު ކުރައްވަން ޖެހޭ ކަންކަން ކުރެއްވި ކަމަށެވެ.

ޝަމީމް "މިހާރު"އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޝަމީމް ވިދާޅުވި ގޮތުގައި އަދީބު މިނިވަންވުމަކީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބޭނުންވި ގޮތެއް ނޫނެވެ. ދަށު ކޯޓުން ނިންމި ގޮތަކާ މެދު ދެން އަމަލުކުރާނެ ގޮތް، ގާނޫނު އޮންނަ ގޮތުން ޖިނާއީ އިޖުރާއަތުގެ 199 ވަަނަ މާއްދާގައި ކިޔައިދީފައި އޮތުމުން ކުރެވެން އޮތް ކަމަކީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުން ކަން ޝަމީމް ފާހަގަކުރެއްވި އެވެ. އެ މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް ފުލުހުން ވަރަށް ޔަގީންކަން ދެއްވާ ފުލުހުން ބައްލަވާނެ ކަމަށް. ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ރާއްޖެ އިން ބޭރަށް ފިއްލަވައިގެން ދިއުމުގެ ފުރުސަތެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ނޫން ވެސް އަޅުއްވަން ޖެހޭ ފިޔަވަޅުތައް ގާނޫނީ ނިޒާމުގެ ތެރެއިން އެޅުއްވި އެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލަ ބަލައިގެންފައިވާ ކަން ހައި ކޯޓުން ކަށަވަރުކޮށް ދިނެވެ.

އަދީބުގެ މައްޗަށް އުފުލީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ފިލި މައްސަލައިގައި ތިން މަހުގެ ޖަލު ހުކުމެއް ވެސް އިއްވައި ގޭ ބަންދުގައި ހުންނެވި އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުއައްސަސާތައް ކޮންޓްރޯލް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ މައްޗަށް ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ކޯޓުތަކުން އަދީބު މިނިވަންކުރީ، އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ އެވެ.