މިނިވަންކަން މަތީ އޮތުމަށް ރަނގަޅު އިގުތިސާދެއް މުހިންމު: ރައީސް

މިނިވަންކަން މަތީ ގައުމު އޮތުމަށް ރަނގަޅު އިގުތިސާދެއް ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިއަދު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގުތިސާދަށް ކުރިމަތިވާ ހީނަރުކަން ކަމަށެވެ. ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތް ނަމަ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދު ވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

"މިނިވަން ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުގެ ވިސްނުމަށް އަންނަނީ، ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި ވާންޖެހިފައިވާ ގުރުބާނީގެ މަތިވެރިކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވިގޮތުގައި، މިއީ ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ފުޅާ ކުރަން އަމާޒު ހިފަންވީ ވަގުތެވެ. އިގުތިސާދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެއްބާރުލުމަށް އެދިވަޑައިގެންނެވި

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ މުޅި ދުނިޔެ މިއަދު މިވަނީ، ފަހުގެ ޖީލުތައް ތަޖުރިބާ ނުކުރާވަރުގެ ބަނަކަމެއްގެ ތެރޭގައި ކަމަށެވެ. މި ބަލީގެ ހިޔަނި ނޭޅޭ އެންމެ އާއިލާއެއް މި ރާއްޖޭގައި ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ހަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫން،" ރައީސް ވިދާޅުވި އެވެ.

"ކޮވިޑް-19 ގާދޫކޮލުން އެތެރެވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގުތިސާދު ކަރުތާފެނަށް ގަންބާލައިފި."

އެ މަނިކުފާން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކުރިތާ ތިން މަހަށް ފަހު، އަލުން ބޯޑަރު ހުޅުވާލި ނަމަވެސް އިގުތިސާދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އުންމީދަކީ މި އަހަރުގެ ފަހުކޮޅަށް ދާއިރު ފަތުރުވެރިކަން ރަނގަޅުވުން ކަމަށާއި އެކަން ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ އިތުބާރާއި ޔަގީންކަން، ބޭރު ދުނިޔެ އަށް ލިބިގެން ނޫނީ އަޅުގަނޑުމެންގެ މި އުންމީދު ހާސިލެއް ނުވާނެ. އެ އިތުބާރު ލިބޭނީ ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކޮށް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގައުމީ ތަރައްގީ އަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރެވޭނީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ވަރަށް ބާރުމިނެއްގައި ތަރައްގީކޮށް، އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެން ކަމަށެވެ.

"ޤައުމީ ތަރައްގީގެ ސިޔާސަތުގައި، މީހުން ބިނާކުރުމަށް އަޅުގަނޑުމެން ހާއްސަ އިސްކަމެއް މި ދެނީ، މި ދެންނެވި ސަބަބަށްޓަކައި. ގައުމުގެ އިގުތިސާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް އަޒުމެއްގައި މަސައްކަތްކޮށް، މި ނަތީޖާ ހާސިލުކުރުމަކީ މާ އުނދަގޫ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.