ބޭރުގެ ނުފޫޒާ ހެދި މިނިވަންކަން ގެއްލުމުގެ ވަގުތު ކުޑަތަން ވެއްޖެ: އިދިކޮޅު

ރާއްޖެ އަށް ބޭރުގެ ނުފޫޒުތައް އައިސް، މިިނިވަންކަން ގެއްލުމުގެ ވަގުތު ކުޑަތަން ވަަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


މިއަދު ފާހަގަކުރާ، ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "ޗެނަލް 13" ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ބޭރު ގައުމުތަކުގެ އަސްކަރިއްޔާތަކުގެ އިމާރާތްތަކާއި އުޅަނދުތައް ބަހައްޓައި، އެހެން ގައުމުތަކުގެ މީހުން ރާއްޖޭގައި އުޅެވޭ ގޮތް ހަދަން މަސައްކަތް ފެށުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އެކި ފަހަރުމަތިން ރާއްޖޭގެ މިނިވަންކަން ކުރިން ގެއްލިގެން ދިޔަ ގޮތަށް އަނެއްކާވެސް އަޅުވެތިކަމަށް ދާން ވަގުތު ކުޑަތަން ވަމުންދާ ކަމަށާއި ރައްޔިތުން އެކަމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އިނގެނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ގެއްލެން ވަގުތު ކުޑަތަން ވެފައިވާކަން. މި މައްސަލައަކީ މިހާރު ގައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތަކު ވެސް އިހުސާސް ކުރާ ބިރެއް ކަން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ބޭރުގެ ނުފޫޒުތަކާއި އަޅުވެތިކަމަށް އެ މަނިކުފާނު ދެކޮޅު ހެއްދެވުމުންނެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އޭނާ އަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: ބޭރުގެ ނުފޫޒުތަކާ ހެދި މިނިވަންކަން ގެއްލުމުގެ ވަގުތު ކުޑަތަން ވެފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު

"ދަންނަވަންތޯ ދިވެހިރާއްޖޭގެ މިނިވަން ދުވަހު ޖަލުގައި އެ އޮންނެވީ ދިވެހި ގައުމުގެ މިނިވަންކަން. ޝައްކެއް ނެތެއް ނޫންތޯ؟،" މަނީލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާފައިވާ ޔާމީނަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ބައެއް ރަށްރަށުގައި އެތައް ހާސް ބިދޭސީން "ވަޒަންވެރި" ކުރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެން ބައެއް ގައުމުތައް އަޅުވެތިކަމުގެ ދަށަށް ދިޔައީ އެގޮތަށް ކަމަށާއި ރާއްޖޭގެ މިނިވަންކަން މިހާރު އޮތީ ކަންބޮޑުވާން ދަރަޖައެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

"މިހެން ބިން ގެއްލިގެން ނޫންތޯ ރޮހިންޔާ މުސްލިމުން ދިރިތިބެ އެ ވަޅުލެވެނީ. މިހެން ބިން ގެއްލިގެން ނޫންތޯ ސީރިއާ ރައްޔިތުން މާ ކަނޑަށް އަރަގުުވެ، ހުސްވަނީ. މިހެން ބިން ފޭރިގަތީމަ ނޫންތޯ ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނެއް 12 ފޫޓު 12 ފޫޓު ފޭލިގެތަކުގައި ކަރުނަ އާއި އުދާހުގައި އެ ތިބަ ފުރާނަ ދޫކޮށްލަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ އަސްކަރިއްޔާތަކުން ރާއްޖޭގެ ސަރަހައްދުތަކުގައި ގާއިމްވެ، ސަރުކާރުގެ ބާރު ނުހިނގާ ގޮތަށް އެހެން ގައުމުތަކުގެ ސިފައިން ތިބުމަކީ ދިވެހިން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބޭރު ގައުމުތަކުން ބުނާހާ ކަމަކަށް ސަރުކާރުން އާ ބަސް ބުނަން ފަށައިފި ނަމަ، ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކާއި ހޮސްޕިޓަލްތަކަކީ ބޭރުގެ އަސްކަރިއްޔާތަކުން ބަލަހައްޓާ ތަންތަނަށް ވެގެން ހިނގައިދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.