އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެގެން މިއަދު 40 ތަނެއް ބަންދުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އެކުލަވައިލާފައިވާ އުސޫލުތަކާ ޚިލާފަށް ހިންގަމުން ދިޔަ 40 ތަނެއް މިއަދު ބަންދުކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.


އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ބޭއްވެވި މީޑިއާ ބްރީފިންގައި ވިދާޅުވީ، އެ 40 ތަން ބަންދުކުރީ 189 ތަނެއް އިންސްޕެކްޓް ކުރުމަށް ފަހު ކަމަށެވެ.

މިއަދު އިންސްޕެކްޓް ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ޚިދުމަތްދޭ 62 ތަނަކާއި 13 ސެލޫނަކާއި 113 ފިހާރައެއް އަދި މާރުކޭޓެކެވެ.

އުސޫލުތަކާ ޚިލާފުވެގެން އޭގެ ތެރެއިން ބަންދުކުރީ ނުވަ ސެލޫނަކާއި 14 ފިހާރައަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ 16 ތަނަކާއި މާރުކޭޓެކެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މީގެ ތިން ދުވަސް ކުރިން ފެށި "މާސް އިންސްޕެކްޝަން" ގައި، ފުރަތަމަ ބެލި ދެބައިކުޅަ އެއްބައި ތަންތަން އެޗްޕީއޭގެ އުސޫލުތަކަށް ނުފެތޭތީ ބަންދުކުރަން ޖެހުނު ކަމަށެވެ. އެކަމަކު، އެ އުސޫލުތަކަށް ފެތޭ ތަންތަން މިހާރު އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފު ވެގެން، ބަންދުކުރާ ތަންތަނުގެ ނަން ހާމަނުކުރައްވާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ސިޔާސަތެއް އަދި ނެތް ކަމަށެވެ. އެކަމަކު، ނަން ހާމަކުރާ ގޮތަށް ކުރިމަގުގައި ބަދަލު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަނެއް ބަންދުކުރާ ނަމަ، އެ ފިޔަވަޅު އަޅާފައި ވަނީ އެޗްޕީއޭގެ އިންސްޕެކްޝަނާ ގުޅިގެން ކަން އާންމުންނަށް އަންގައި ދިނުމަށް މިހާރު އެ ތަނެއްގައި އެޗްޕީއޭ އިން ހަރުކުރަނީ ނޯޓިސް އެކެވެ.

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލުމުގެ ބޮޑު އިންސްޕެކްޝަނެއް ސަރުކާރުން ފެށީ، މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކުރިއަށް ވުރެ ގޯސްވަމުންދާތީ އެވެ.