ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް އައްޔަން ކުރައްވައިފި

ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް ހަމަޖައްސަވައި މަގާމުގެ ހުވާ ދެންމެ ކުރައްވައިފި އެވެ.


ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމް އެ މަގާމަށް ހަމަޖައްސަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަށް ވަނީ ފަތްކޮޅު ދެއްވައިފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ކުރިން ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މައުސޫމް އެންމެ ފަހުން ފުރުއްވީ ސިންގަޕޫރަށް ރާއްޖެ އިން ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ މައުސޫމެވެ. އޭނާ ކިޔަވާ ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑްޓޫރިޒަމް" އިންނެވެ.

ޑރ. މައުސޫމް ވަނީ ހޮޓެލް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ. އޭނާ ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވުމަށް ފުރާވަޑައިގަތުމާ ހަމައަށް ހުންނެވީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް(އެފްއެޗްޓީއެސް)ގެ ސީނިއާ ލެކްޗާ އަކަށެވެ. އޭނާ ފުރުއްވި މަގާމްތަކުގެ ތެރޭގައި، އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑު މެމްބަރު ކަމުގެ މަގާމުގެ އިތުރުން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމްތައް ހިމެނެ އެވެ.

މައުސޫމް ވަނީ، ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ކުރިން، ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ވެސް ހިންގެވީ މައުސޫމެވެ.

މައުސޫމްގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ ޑީއާރުޕީންނެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ކުރީގެ ރައީސް އަހްމަދު ތަސްމީން އަލީގެ އަރިހުގައި މަސައްކަތް ކުރައްވައިފަ އެވެ.

އޭނާ މަގާމާ ހަވާލުވެވަޑައިގަތީ ސިންގަޕޫރުން ރާއްޖެ ވަޑައިގެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހު އެވެ. ކަރަންޓީނުގެ މުއްދަތު ހަމަވެފައި ވަނީ އިއްޔެ އެވެ. އޭނާ މިނިސްޓަރަކަށް މި ހަމަޖެއްސެވީ ކުރިން އެ މަގާމު ފުރުއްވި އަލީ ވަހީދު މަގާމުން ވަކިކުރެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 9 ގައި ވަކިކުރީ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތާ އެކުގަ އެވެ. އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އެކަން ނުކުރެއްވުމުން މަގާމުން ވަކިކުރެއްވީ އެވެ.

އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހަތަރު މަސް ވަންދެން ބޯޑަރު ބަންދުކޮށްގެން ތިބުމަށް ފަހު މިދިޔަ މަހުގެ 15 ގައި އަލުން ހުޅުވާލި އިރު، ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރެއްވީ ފައްޔާޒްގެ ބެއްލެވުމުގެ ދަށުންނެވެ.