ޖޭއެސްސީގެ މެމްބަރުކަމަށް އުއްމުކުލްސޫމް އައްޔަނުކުރައްވައިފި

އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައެޅި އައިމިނަތު އުއްމުކުލްސޫމް މިއަދު އެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި އުއްމުކުލްސޫމަށް މަގާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

ހުވާކުރެއްވުމުން އެ މަގާމަށް އައްޔަނުކުރައްވައި، މަގާމުގެ ލިޔުުން ހަވާލުކުރެއްވީ ރައީސެވެ.

އުންމުކުލްސޫމާ އެކު ފަސް މީހަކު މި މަގާމަށް ކުރިމަތިލެއްވި އެވެ. ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ރުހުން ދިނީ ސ. އުއްމުކުލްސުމްގެ އިތުރުން އާދަމް މިގުދާދަށެވެ.

އުއްމުކުލްސޫމް މި މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 22 ގަ އެވެ.

އުއްމުކުލްސޫމް މީގެ ކުރިން ހުންނެވީ ނެޝަނަލް ސެންޓަ އޮފް ދި އާޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. އިނގިރޭސި ވިލާތުގެ ބްރޭޑްފޯޑް ޔުނިވާސިޓީން ޕްރޮޖެކްޓް ޕްލޭނިން އާއި މެނޭޖްމަންޓުން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވާފައިވާ އުއްމުލުކްސޫމް، މީގެ ކުރިން ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތައް ވެސް އަދާކުރެއްވި އެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަގާމުގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި ރައީސް އައްޔަންކުރައްވާ މެމްބަރުގެ ގޮތުގައި މަސްތޫރު ހުސްނީ އާއި މަގާމުގެ ހައިސިއްޔަތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ސަމީރާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ޝަރީފާއި ވަކީލުންގެ ތެރެއިން އަބްދުލްމާނިއު ހުސައިނެވެ.