އިންޑިއާގެ އެހީގައި އައްޑޫގައި ހިންގާ އިކޯޓޫރިޒަމްގެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކޮށްފި

އިންޑިއާގެ އެހީގައި އައްޑޫގައި ހިންގާ އިކޯ ޓޫރިޒަމްގެ ޕްރޮޖެކްޓެއް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.


އިންޑިއާ ހައިކޮމިޝަނުން ބުނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓްރެކްޓަރަކާ ހަވާލުކުރި ޕްރޮޖެކްޓަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ރާއްޖެއަށް ދީފައިވާ 5.5 މިލިއަން ޑޮލަރު (85 މިލިއަން ރުފިޔާ) ގެ އެހީން ހިންގާ ޕްްްރޮޖެކްޓެއް ކަމަށެވެ.

މިއަދު ހަވާލުކުރި ޕްރޮޖެކްޓްގައި ހިމެނެނީ އައްޑޫގެ ފަސް ސަރަހައްދެއް އިކޯ ޓޫރިޒަމަށް ތަރައްގީކުރުމެވެ. ތަރައްގީކުރާނީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ސަރަހައްދުތަކެކެވެ. އިކޯ ޓޯރިޒަމް ޒޯންތައް ހެދުމާ ބެހޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ އެމްއޯޔޫގައިވާ ގޮތުން މަޝްރޫއު ހިންގާނީ އައްޑޫ އައްޑޫ ސިޓީ ކައުންސިލުންނެވެ. އެގޮތުން ޓެންޑަރިން، ޓެންޑަ އިވެލުއޭޝަން، ކޮންޓްރެކްޓް ހަވާލުކުރުން އަދި މަޝްރޫއު ހިންގަމުންދާ ގޮތް ބެލުން ފަދަ ހުރިހާ ކަމެއް ކުރާނީ އައްޑޫ ސިޓީ ކައުންސިލުންނެވެ

މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ސުދިރާއި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާތަކުގެ މެމްބަރުންނާއި އިންޑިއާ ހައިކޮމިޝަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ސަންޖޭ ވިދާޅުވީ އެޗް. އައިސީޑީޕީ މަޝްރޫއުތަކުގެ މައިގަނޑު ތިން މަގުސަދެއް އޮންނަ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، ރަށު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ފައިދާ ކުރުވަނިވި ހައި-އިމްޕެކްޓް ވަސީލަތެއް ގާއިމްކުރުމާއި ކައުންސިލްތައް ބާރުވެރިކުރުވައި ޒިންމާދާރުކުރުވުން އަދި ރަށްރަށުގެ އިގްތިސާދު ކުރިއެރުވުމެވެ.