ބްރިޖު މަޝްރޫއަށް އިންޑިއާ އިން 500 މިލިއަން ޑޮލަރު ދެނީ

މި ސަރުކާރުގައި މިހާތަނަށް އިއުލާނު ކޮށްފައިވާ އެންމެ ބޮޑު މަޝްރޫއު، މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރު 7.7 ބިލިއަން ރުފިޔާގެ ޕެކޭޖެއް ދޭން އިންޑިއާގެ ސަރުކާރުން ނިންމައިފި އެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.


އެ ގައުމުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯނާއި ހިލޭ އެހީ ހިމެނޭނެ ކަމަށް ބުންޏަސް ތަފްސީލެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

މި ވެރިކަން ފެށުމާ އެކު، ގާތްގުޅުމެއް ބާއްވަމުން އަންނަ އިންޑިއާ އިން މި އެހީ ދޭން ނިންމި ކަމުގެ ޔަގީންކަން ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ފޯނުން ދެއްކެވި ވާހަކައިގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

އުމްރާނީ ތަރައްގީގެ މި މަޝްރޫއުގައި، 6.6 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭތައް އަޅާނެ އެވެ. މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ "ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގައި މާލެ ސަރަހައްދު ގުޅައިލުމުން ރާއްޖޭގެ އިގްތިސާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ބްރިޖު އަޅަން ހަވާލުކުރާ ގޮތަށް ނިންމާފައި ވަނީ ވެސް އިންޑިއާގެ ކުންފުންޏަކާ ކަން ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏަކާ އެވެ.

ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުގެ އަޑި އާއި އެއްގަމުގެ ބިންގަނޑު އޮތް ގޮތް ބެލުމަށްޓަކައި ޖިއޯ ފިޒިކަލް ސާވޭ ކުރުމަށެވެ. އެ ކުންފުންޏާ އެ މަސަައްކަތް ހަވާލުކުރީ 15 މިލިއަން ޑޮލަރުގެ އަގަކަށް، މިދިޔަ މަހުގެ ތެރޭގައި ސާވޭ ނިންމާ ގޮތަށެވެ.

ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެ އެވެ.