ވައްކަންތަކުން ޚަޒާނާ ކައި ހުސްކޮށްފި، ވަގުން ހިފަން ނުކުންނަން ވެއްޖެ: އަދުރޭ

މި ސަރުކާރުން ވެރިކަމަށް އައިސް މިވީ ދޮޅު އަހަރުގެ ތެރޭގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ވައްކަން ކުރާ މަންޒަރުކަން އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބައޮތް ކަމަށާއި އެ ވައްކަންތަކުން "ޚަޒާނާ ކައި ހުސްކޮށްފި" ކަމުގެ ތުހުމަތު އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ލީޑު ކުރައްވާ، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ކުރައްވައިފި އެވެ.


ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރަން އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި، ވައްކަމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަަމަށް މި ސަރުކާރުން ވީ ވައުދަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ، ހާލަތާއި މަންޒަރު ބަދަލުވެއްޖެ ކަމަށެވެ. މިހާރު މުޅި ގައުމުގައި އޮތީ ވައްކަން ކަމަށް ވިދާޅުވެ، އޭނާ ނުރުހުން ފާޅުކުރެއްވި އެވެ.

އަބްދުއްރަހީމް އެ އިޝާރާތްކުރެއްވީ ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްގެން ކުރި މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަން އޮޑިޓް އޮފީހުގެ ޚާއްސަ އޮޑިޓުން ފެންމަތިވެފައިވާ މައްސަލައަށެވެެ. އެ ދެ މިނިސްޓްރީ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ޕީޕީއެމްގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ޕާޓީތައް (މިހާރު ވެރިކަން ކުރާ ކޯލިޝަނުން)، ވެރިކަން ބަދަލުކުރަން ޖެހެނީ ވައްކަންތައް ހުއްޓުވަން ކަމަށް ކެމްޕޭންގައި ރައްޔިތުންނަށް ޔަގީންކަން ދިނެވެ. އެމްއެމްޕީއާރުސީގެ 1.6 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ކުންފުނިތައް މެދުވެރިކޮށް ހިންގި ކޮރަޕްޝަންތައް ބަލައި އެފަދަ ކަންކަން މި ވެރިކަމުގައި ތަކުރާރު ނުވާނެ ކަމުގެ ވައުދު ވެސް ވި އެވެ.

މިފަދަ ވައުދުތައް ނުފުއްދި، ޕީޕީއެމްގެ ވެރިކަމުގައި ފަތުއަޑުކިޔާފައި ރާއްޖެ އަންނަމުން ދިޔަ ތަރައްގީ ވެސް ހުއްޓިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ހާލަތު މިހާ ގޯސްވީ ތަރައްގީ އާއި ހަމަޖެހުމާއި މިނިވަންކަމުގައި ރައްޔިތުން އުޅެމުން ދަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށްލުމުން ކަމަށެވެ.

"ބަލާލި ކޮންމެ ދިމާލަކުން މި ފެންނަނީ ވައްކަން ކުރާ މަންޒަރު. އޮޑިޓެއް ކޮށްފިއްޔާ، އެ ރިޕޯޓު ބަލާލާއިރު އަޅުގަނޑުމެންނަށް ފެންނަނީ އެއީ މިނިސްޓްރީއެއް ކަމަށް ވިޔަސް އެ ނޫން މުއައްސަސާއެއް ކަމަށް ވިޔަސް ވައްކަން ކޮށްފައި އޮއްވައި،" އޭނާ ވިދާޅުވި އެވެ.

"ވައްކަން ކުރީމާ އޭގެ ޒިންމާ ނަގާނެ މީހަކު ވެސް ނުވޭ. ކާނެ ވަރަކަށް ކައިގެން ގޭގައި މަޑުކޮށްލާ ނިޒާމެއް ޒީރޯ ޓޮލަރެންސްގެ ދަށުން މި ގައުމުގައި ތައާރަފްކޮށްފައި މިއޮތީ."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ހާލަތަށް ގައުމު ވެއްޓުމުން ހުރިހާ ރައްޔިތުން ވެސް "ވަގުން" ހިފަން ނުކުންނަން ވެއްޖެ އެވެ. ރާއްޖޭގައި ތިބި "ވަގުން" ހިފައި ހައްޔަރު ކުރުމަށް ވުރެ ބޮޑު މަސްއޫލިއްޔަތެއް ރައްޔިތުން މިއަދު ކުރަން ޖެހިފައި ނެތް ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ އެންމެ އިސް ސަފުން ފެށިގެން މުޅިން ވެސް ތިބީ ވައްކަމުގެ ބައިވެރިން ކަމުގެ ތުހުމަތު އަބްދުއްރަހީމް ކުރެއްވި އެވެ.

"އަމީންގެ ބޮލުގައި އަލީ ވަހީދެއްގެ ބޮލުގައި އަނެކެއްގެ ބޮލުގައި އަޅުވާފައި ޒިންމާ އިން ނުރެކެވޭނެ. އަޅުގަނޑު މި ދަންނަވަނީ ދާދި އަވަހަށް އަޅުގަނޑުމެންގެ ލަޝްކަރު ނުކުމެ މި ރާއްޖެ ފަތަހަ ކުރާނަމޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުރަހީމް ވިދާޅުވި ގޮތުގައި ދިވެހިންގެ އަތުން ގައުމު ބީވެގެންދާއިރު ބަލަން ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ގައުމުގެ ދިފާއުގައި ކުރެވެން އޮތް ގޮތަކަށް ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރަން އެދިވަޑައިގަތެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ހާލަތު މިހާ ގޯސްވީ ތަރައްގީ އާއި ހަމަޖެހުމާއި މިނިވަންކަމުގައި ރައްޔިތުން އުޅެމުން ދަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށްލުމުން ކަމަށެވެ.

"އިޖުތިމާއީ އަދާލަތު އޮތީ ގާއިމްކުރެވިފައި. މިނިވަން ޝަރުއީ ނިޒާމެއް މި ގައުމުގައި އޮތް. ސުލްހަމަސަލަސްކަން އޮތީ މި ގައުމުގައި ގާއިމްކުރެވިފައި،" ޔާމީންގެ ސަރުކާރުގެ ހާލަތު ސިފަކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް އޭރުގެ އިދިކޮޅު ސިޔާސީ ބޭފުޅުން އެކި ދައުވާތަކުގައި ޖަލަށް ލައި ހުކުމް އިއްވާފައި ވަނިކޮށް އެ ދައުވާތައް ގޯސްކަމަށް ނިންމައި އަނބުރާ ގެންނެވީ އެ ދައުވާތައް އުފުއްލެވި އެ ސަރުކާރުގެ ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމެވެ.