ދަރުމަވަންތަ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމްގައި ތިބި ބަލިމީހުންނާ ސީއީއޯއާ ގުޅުމެއް ނެތް: އައިޖީއެމްއެޗް

ޓްރީޓޮޕް ހޮސްޕިޓަލްްގައި އެޑްމިޓްކޮށްފައި ތިބި ބަލި ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށާއި އެ ދެ މީހުންނާ އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމާ ގުޅުމެއް ނެތް ކަމަށް އަައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.


ދަރުމަވަންތަ ހޮސްޕިޓަލްގެ 18 ވަނަ ފްލޯގައި ދެ މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އެ ދެ މީހުންނަކީ ސަލީމްގެ އާއިލާގެ މީހުން ކަމަށް ވާތީ ކަމަށް ދޭހަވާ ގޮތަކަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ހަބަރަށް ރައްދުދީ އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދެ މީހުންނަކީ ސަލީމްގެ އާއިލާގެ ބޭފުޅުން ކަަމަށް ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އެކަމަކު އެއީ ހޮސްޕިޓަލްގައި ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓްރީކޮށް އެޑްމިޓްކޮށްގެން އުސޫލުތަކާ އެއްގޮތަށް ފަރުވާ ދެމުން އަންނަ ދެ ޕޭޝަންޓުން ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

"... އަދި މި ޕޭޝަންޓުންނަކީ އާސަންދައިން ކަވަ ނުކުރާ ޕްްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައް ވެސް ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތައް ކަން ފާހަގަ ކުރަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.

އެ ދެ ބަލިމީހުން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ސަބަބެއް ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައި ބުނީ ކޮވިޑް-19 އަށް ފަރުވާ ކުރާ ތަނެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް ސަރުކާރުގެ ބޭނުމަށް ނެގުމެވެ. އެއީ އައިޖީއެމްއެޗުން ބުނި ގޮތުގައި ޓްރީޓޮޕް ސަރުކާރުގެ ބޭނުމަށް ނެގި އިރު ވެސް އެތަނުގައި އެޑްމިޓްކޮށްފައި ތިބި މީހުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 18 ވަނަ ފްލޯގައިވާ ޕްރައިވެޓް ރޫމްތައް އާއްމުކޮށް މީހުން އެޑްމިޓްވާން ދޫކުރާ އުސޫލެއް ހަމަޖެހިފައިވޭތޯ އާއި ވާ ނަމަ އެތަންތަން ދޫކުރަން ފެށީ ކޮން އިރަކުތޯ އައިޖީއެމްއެޗުން އަދި ސާފެއް ނުކޮށްދެ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޔާނުގައި ހުރި މައުލޫމާތަށް ވުރެ އިތުރަށް އެކަމުގެ ތަަފްސީލު ހޯދަން އަދި ވަގުތު ނަގާނެ ކަަމަށެވެ.

ބަޔާނުގައި ބުނީ ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާ މިވަގުތުގައި ދޮގުވާހަކަ ފެތުރުމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.