އޮޑިޓް ރިޕޯޓު އިންސާފުވެރިއެއް ނޫން: ހެލްތު މިނިސްޓްރީ

ދުބާއީ ކުންފުންޏަކާ ހަވާލު ކޮށްގެން ވެންޓިލޭޓަރު ގެނައުމާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓު އިންސާފުވެރި ނޫން ކަމަށް އެ މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި މިއަދު ބުނެފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންއާ ހެލްތު މިނިސްޓްރީން ހަވާލުކޮށް، 30 މިލިއަން ރުފިޔާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން މިއަދު ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި އޮޮޑިޓް ރިޕޯޓާ ހަވާލާދީ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ރިއާޔަތްކުރީ ހެލްތު މިނިސްޓްރީން ދިން މައުލޫމާތުތަކަށް ވުރެ ބޮޑަށް އެހެން ގޮތްގޮތުން ލިބުނު މައުލޫމާތުތަކަށް ކަމަށެވެ. އެހެންވެ، އެއީ އިންސާފުވެރި ރިޕޯޓެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާފާ ބީރައްޓެހި ރިޕޯޓެކޭ މި ދަންނަވަނީ އެހެންވެ،" ސިއްހީ ދާއިރާގައި އުޅުއްވާތާ ދުވަސްތަކެއް ވެފައިވާ އަބޫބަކުރު ވިދާޅުވި އެވެ.

ދުބާއީގެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ސަބަބާ ބެހޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އޭނާ ވިދާޅުވީ، އެކަމުގައި އިތުބާރުކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ލަފައަށް ކަމަށެވެ. އެގޮތަށް އަމަލުކުރީ އެ ހާލަތުގެ ގޮތުން ކަމަށާއި އެކަން ޑަބްލިއުއެޗްއޯ އިން ކަށަވަރުކޮށް ދޭ ކަމަށް އަބޫބަކުރު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީ އަށް ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ވިދާޅުވީމާ، ދެން އިތުރަށް ވެރިފިކޭޝަނަކަށް އޭރުގެ ހާލަތާއި ވަގުތަށް ބަލާއިރު ދާނެ ވަގުތެއް އަދި ޖާގައެއް ވެސް ނެތް. އެ ބޭފުޅާ އަށް އިތުބާރު ހިފޭ ޕްރޮފެޝަނަލް ކޮންޓެކްޓެއް މެދުވެރިކޮށޭ މިކޮޅަށް އެ މައުލޫމާތު ދެއްވީ. އެއީ އެވިޑެންސެއް،" އަބޫބަކުރު ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓް އާންމު ކުރުމުގެ ކުރިން ހެލްތު މިނިސްޓްރީގެ ކޮމެންޓަށް ފޮނުވާފައިވޭ ނޫންތޯ މެމްބަރަކު ސުވާލު ކުރެއްވުމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ގާސިމް ވިދާޅުވީ، އެ މިނިސްޓްރީން ކޮމެންޓްގެ ގޮތުގައި ފޮނުވި މައުލޫމާތުތައް ރިޕޯޓުގައި ހިމަނާފައި ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދުބާއީ ކުންފުންޏަށް ދިނުމުގެ ކުރިން އެސްޓީއޯ އާއި ރާއްޖޭގެ އެހެން ކުންފުނިތަކާ ވެންޓިލޭޓަރު ގެންނަން ހަވާލު ކުރުމުން ވެސް ލިބުނީ މަދު ވެންޓިލޭޓަރުތަކެއް ކަމަށާއި އެކަންކަން ރިޕޯޓުން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް ހެލްތު މިނިސްޓްރީން ފޮނުވި ހުރިހާ މައުލޫމާތެއް ފަހުން ނެރުނު ރިޕޯޓަކު ނެތް،" ގާސިމް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ގެންނަން ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު، އެ ތަހުގީގު ނިމެންދެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަ އަށް މަސައްކަތުން އެކަހެރިވެވަޑައިގެންފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.