ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ

ހެންވޭރު ޖަނަވަރީ މަގުގައި ހުންނަ ފިހަރާއެއްގައި މިއަދު ރޯވެއްޖެ އެވެ.


ޖަނަވަރީ މަގު، މަޖީދީމަގާ ގުޅޭ ކަންމަތިން ހ. ޑޮނީބޯލްގެ ތިރީގައި ހުންނަ "ވެސްޓަޔާ" ފިހަރާގައި ވަރަށް ބޮޑަށް ރޯވުމާ އެކު އާންމުން ވަނީ އެ ހިސާބުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ދުރުކޮށްފަ އެވެ. އަލިފާން ރޯވިތާ މާ ގިނަ އިރެއް ނުވެ ސިފައިން ގޮސް ވަނީ އަލިފާން ނިއްވާލައިފަ އެވެ.

އެމްއެންޑީއެފުން ބުނީ ފިހާރާގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ މެންދުރު 1:08 ހާއިރު ކަމަށާއި ރޯވެފައި ވަނީ ފިހާރައިގެ އޭސީގެ އިންޑޯ ޔުނިޓްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ވެސް ބުންޏެވެ.

ވެސްޓަޔާ ފިހާރާގައި ރޯވެ ދުން އަރަނީ

އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ މެންދުރު 1:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރޯވީ އަންނައުނު ވިއްކާ ފިހާރައެއްގަ އެވެ. އަލިފާން ނިއްވައިލި އިރު ފިހާރާގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައި ހުލިވެފަ އެވެ. ތިން ބުރި އަށް ހުންނަ އިމާރާތުގެ ތިރީގައި ހުންނަ މި ފިހާރާގައި ރޯވުމާ އެކު އިމާރާތުން ވަނީ މީހުން ހުސްކޮށްފަ އެވެ.

ވެސްޓަޔާ ފިހާރައިގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ފަހު، ފަޔާ ފައިޓަރުން އެ ފިހާރައިގެ ތެރެއަށް ފެން ޖަހަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވެސްޓަޔާ ފިހާރައިގެ ވެރިޔާ ހަސަން ޒުބައިރު "މިހާރު" އަށް ބުނީ، އެ ތަން ބަންދުކޮށްފައި ދިޔައީ މެންދުރު 12 ޖަހާކަންހާއިރު ކަމަށެވެ. ފިހާރައިގައި ރޯވިކަން އެނގުނީ އޭނާ ބުނިގޮތުގައި ރައްޓެއްސެއްގެ ފަރާތުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. ހުކުރު ދުވަހުގެ ރޭގެ އަލިފާނުގެ ހާދިސާގައި ރޯވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގަ އެވެ. އެ އަލިފާނުގެ ހާދިސާގައި، އެ ކެފޭއާ ޖެހިގެން ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ 10 ވަނަ ބުރީެ ޕެންޓު ހައުސްގައި ވެސް އަލިފާން ރޯވެ ވަނީ އަނދައިފަ އެވެ.