ޖޫރިމަނާ ހޯދަން ޑީއާރުޕީއާ ދެކޮޅަށް އީސީން ކޯޓަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަތުން ޖޫރިމަނާ ފައިސާ ހޯދަން އިލެކްޝަންސް ކޮމިޝަނުން ދައުވާކޮށްފި އެވެ.


އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ޑީއާރުޕީއާ ދެކޮޅަށް މިދިޔަ ހަފުތާގައި ސިވިލް ކޯޓުގައި ދައުވާކުރީ އެ ޕާޓީގެ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ޖޫރިމަނާއެއް ކަން ސާފެއް ނުވެ އެވެ.

"އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި ޖޫރިމަނާތަކެއް އެއީ. އެކި ފަހަރު އެކި މިންވަރަށް ޖޫރިމަނާ ހުންނާނީ،" އަކްރަމް ވިދާޅުވި އެވެ.

ޑީއާރުޕީއާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ދައުވާ ކުރިއިރު، ޖޫރިމަނާ ނުދައްކާ މައްސަލާގައި އެ ޕާޓީއަށް ނަސޭހަތާއި އިންޒާރު ދީފައިވާތީ އެކަމާ މެދު ދެން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ ޕާޓީއާ އެކު މަޝްވަރާ ކުރަން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޖޫން މަހު ނިންމި އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ބުނާގޮތުން އޮޑިޓް ރިޕޯޓް ހުށަނާޅާ ނަމަ 20،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އޮޑިޓް ރިޕޯޓް ހުށަނާޅާ ބައެއް ޕާޓީތައް މީގެކުރިން ވެސް ޖޫރިމަނާ ކުރި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްކޮށް ހުންނަވައިގެން އުފެއްދެވި އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި ކުރިން އޮތް ޑީއާރުޕީގެ ލީޑާޝިޕްގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައުމޫނާއި އެ ޕާޓީގެ އިސް ބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގަތްއިރު އެ ޕާޓީން އެކި ފަރާތްތަކަށް ބޮޑެތި އަދަދުން ފައިސާ ދައްކަން ޖެހި، މާލީ ބޮޑެތި ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފަ އެވެ. މިހާރު އެ ޕާޓީގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.