ފުލުހުން ތަހުގީގު ކުރާތީ ބްރޯޑްކޮމް އަށް ޖަވާބުދާރީވާން ޗެނަލް13 އުޒުރުވެރި ވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން، ޗެނަލް13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅި މީހަކު ގޮވައިލި މައްސަލައިގެ ތަހުގީގު ފުލުހުން ކުރާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން އެ ޗެނަލުން މިވަގުތަށް އުޒުރުވެރި ވެއްޖެ އެވެ.


"ރައްޔިތުންގެ އަޑު"ގެ ނަމުގައި، ޗެނަލް13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމްގައި، ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތާ މެދު ޕްރެޒެންޓަރު ސުވާލު ކުރުމުން އެ މީހާ ވަނީ މި ވެރިކަން ވަގުތުން ނައްތާލައި، "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.

އެ ޕްރޮގްރާމަށް ފޯނުން ގުޅި އެ މީހާ އިއްޔެ ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ. އުމުރުން 47 އަހަރުގެ އެ ފިރިހެންމީހާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ އަންގައިފަ އެވެ. އެނގިފައިވާ ގޮތުގައި، އެއީ ތ. ވިލުފުށީ މީހެކެވެ. އޭނާ ދިރިއުޅެނީ ވެސް އެ ރަށުގަ އެވެ.

ފުލުހުންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. އެ މައްސަލައިގައި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވައިފަ އެވެ.

މިކަމާ ގުޅިގެން ޗެނަލް13 އިން ލިޔުމުން ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވާން ދިން ދެ ދުވަހުގެ މުއްދަތު މިއަދު ހެނދުނު 9:00 އަށް ވަނީ ހަމަވެފަ އެވެ. އެ ކޮމިޝަނުން ޗެނަލް13 އަށް އަންގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިޔުމުން ޖަވާބުދާރީ ނުވެއްޖެ ނަމަ، ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މަައްސަލަ ބަލައި ނިންމާނެ ކަމަށެވެ.

މިކަމާ ގުޅިގެން، ޗެނަލް13ގެ ސީއޯއޯ ސަމާހު މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ކުރަމުން އަންނާތީ، ބްރޯޑްކޮމް އަށް ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށެވެ. އަދި އެކަން އެ ކޮމިޝަނަށް ލިޔުމުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައި. އެކަމަށް އަޅުގަނޑުމެން މި އަންނަނީ އެއްބާރުލުން ވެސް ދެމުން. އެހެންވީމާ ފުލުހުންގެ ތަހުގީގު ނިމުމުން ނޫނީ [ބްރޯޑްކޮމް އަށް] ޖަވާބުދާރީ ނުވެވޭނެ ކަމަށް ބުނެ އުޒުރުވެރިވެފައި ވާނީ" ސަމާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕްރޮގްރާމް ދެއްކި ގަޑީގައި ސްޓޭޝަނުގައި ތިބި ބައެއް މުވައްޒަފުންގެ ބަޔާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ. އަދިވެސް ބައެއް މުވައްޒަފުންގެ ބަޔާން ނުނެގިވާ ކަމަށް ސަމާހު ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ސަމާހު ވިދާޅުވީ، އެއީ ވަކި ތުހުމަތަކާ ގުޅިގެން ނަގާފައިވާ ބަޔާންތަކެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ފަހު، ބްރޯޑްކޮމުން މައްސަލަ ބަލާ ނަމަ އެ ކޮމިޝަނަށް ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.