ކެލަ އާއި ދިއްދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލަ އާއި ހއ. ދިއްދޫ ހޯމް ކަރަންޓީނުގައި ތިބި ދެ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.


އެޗްއީއޯސީން މިއަދު ބުނީ ދިއްދޫން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 22 އަހަރުގެ އަންހެނަކު ކަމަށެވެ. ކެލަ އިން ޕޮޒިޓިވްވީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުން ދޫކުރުމުގެ ކުރިން ނެގި ނެގި ރިލީސް ސާމްޕަލުންނެވެ.

ރާއްޖެ އިން މިހާތަނަށް 25 ރަށަކުން ކޮވިޑް-19 ފެނިފައިވާއިރު އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ ގދ. ހޯޑެއްދޫންނެވެ. އެއީ 36 ކޭސް އެވެ. އެ ރަށުގައި މިހާރު ކޮމިއުނިޓީ ޓްރާންސްމިޝަންއެއް އޮތް ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖެ އިން މިހާތަނަށް 8،900 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 6،559 މީހުން ރަނގަޅުވެ 31 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ފަރުވާދެމުން އަންނަނީ 2،310 މީހަކަށެވެ.

ލޮކްޑައުންއަށް ލުއި ދިނުމާ އެކު ކޭސްތައް ވަރަށް ބޮޑަށް އިތުރުވި ނަމަވެސް ފާއިތުވި އެއް ހަފުތާ ތެރޭގައި ފެންނަ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.