ކޮވިޑުގައި ހާލު ސީރިއަސްވި ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެ

ކޮވިޑް-19 ގައި ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް، ރ. އަތޮޅުގެ ކުރީގެ މަޖިލިސް މެމްބަރު އިސްމާއިލް ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެ އެވެ.


އިސްމާއީލް ޒަކަރިއްޔާގެ ދަރިކަލެއް ކަމަށްވާ އަދި އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ބައްޕަ އަވަހާރަވީ ދަރުމަވަމަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭގެފަހުން، ހެލްތު އިމަޖެންސީ އޮޕަރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ މިއީ ކޮވިޑުގައި ރާއްޖޭގެ 33 ވަނަ މަރު ކަމަށެވެ.

މިދިޔަ މަހުގެ 13 ގައި ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ނަމަވެސް އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާގެ ހާލު ބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ފަހުން ބަދަލުކުރީ އެވެ.

އޭނާ އަކީ ސަރުކާރުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ. އަދި 1990ގެ އަަހަރުތަކުގައި ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ވެސް ކުރެއްވި އެވެ. އާ ގާނޫނުއަސާސީގެ ދަށުން 2009 ގައި ބޭއްވި އާންމު އިންތިހާބުގައި ދުވާފަރު ދާއިރާއަށް ވާދަކުރައްވައި އޭނާ އަށް ނާކާމިޔާބުވެވަޑައިގަތީ ވަރަށް ކުޑަ ތަފާތަކުންނެވެ.

ސަރުކާރުގެ ހިދުމަތްތަކުގެ ތެރެއިން އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގަ އެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލަކީ ވެސް، އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލެކެވެ.