ނަޝީދާއި ނާޒިމް އަދި އިމްރާނަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދިގު މުއްދަތުގެ ޓެރަރިޒަމް ހުކުމް އިއްވާފައި ވަނީ އަދުލުވެރިކަމާ އެކު ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމް ދެ ފަޅިވެ، އެ ޕާޓީގެ ފަސް ވަނަ އަހަރީ ދުވަސް ޕީޕީއެމް އޮފީހުގައި ފާހަގަކުރުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުޅުއްވުމުން، ފުލުހުން ހުރަސް އެޅުމާއެކު، ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަ ނުޖެހެނީ ނަޒާހަތްތެރިކަން ނެތިވެ އިންތިހާ އަށް ކޮރަޕްޝަން ބޮޑުވެ އަދުލުވެރިކަން ގެއްލިފައިވާތީ ކަމަށެވެ. އަދުލުވެރިކަން ދޫކޮށްލާފައިވާ ކަމުގެ ސާފު ބޮޑެތި މިސާލުތަކެއްގެ ގޮތުގައި އުމަރު ނެންގެވީ ސިޔާސީ ލީޑަރުންނަށް އިއްވާފައިވާ ހުކުމްތަކެވެ.

މި ހުކުމްތައް އިއްވީ، އުމަރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ނަމަވެސް އޭރު މި ހުކުމްތަކުގެ އަދުލުވެރި ކަމާ ގުޅޭގޮތުން އުމަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު މަގާމުން އިސްތިއުފާ ދެއްވި ފަހުން، ފާޅުކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް ރޭ އުމަރު ވަނިީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސަރުކާރުގެ އަދުލުވެރިކަން ގެއްލިފައި އޮތް މިންވަރުގެ މިސާލު ޖައްސަވައި އެއް ކަމެއްގެ ގޮތުގައި އުމަރު ފާހަގަ ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ހުކުމެވެ.

ނަޝީދާއި ނާޒިމް: ދެ ބޭފުޅުންގެ ހުކުމް އަދުލުވެރި ނޫން ކަމަށް އުމަރު ރޭ ވިދާޅުވި.

މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އުމަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމެއް ނުކުރެވޭނެ ކަމަށެވެ. ގަވާއިދާ ހިލާފަށް މީހަކު ހިފެހެއްޓުމުގެ އަދަބަކީ ދެ އަހަރު ނުވަތަ ތިން އަހަރަށް ޖަލަށް ހުކުމް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ ގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލައިގައި ނާޒިމްގެ އިނގިލީގެ ނިޝާނާއި އޭނާގެ ޑީއެންއޭ ނެތް ކަމަށް ވިދާޅުވި އެވެ. އެ ފިސްތޯލައިން ފެނުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެ ޑީއެންއޭ ހޯދީ ދިވެހި ދައުލަތުގެ ފުލުހުން. ފުލުހުން ހޯދައި ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ވެސް އަދިވެސް މި އުޅެނީ އަދުލުވެރިކަމާ އެކު ހުކުމެއް ނުކޮށްގެން،" އުމަރު ވިދާޅުވި އެވެެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އަދުލުވެރި ވެރިކަމެއްގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، އިމްރާނަކީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫނެވެ.

އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި މީހެއްގެ ހުކުމަކީ ހަ މަސް ދުވަސް ކަމަށް އުމަރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ވަޑައިގެންނެވި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އިމްރާނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އަދާލަތު ޕާޓީ

"އަޅުގަނޑުމެން މި ވަކާލާތު ކުރަނީ އަދުލުވެރިކަމަށް. ޕީޕީއެމަކީ އަދުލުވެރި، ނަޒާހަތްތެރި ވެރިކަމެއް ކުރާ ޕާޓީއަކަށް ވުމަށް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ވިދާޅުވީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާއި އެހެން ވެސް ކޮރަޕްޝަނުގެ އަމަލުތައް ސަރުކާރުން ހިންގީ، އެފަދަ ކަންކަން ހުއްޓުވަން މައުމޫން އެދިވަޑައިގެންފައި ވަނިކޮށް ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުމޫން ފެކްޝަނާ ދެކޮޅަށް ޓީވީތަކަށް އަރާވަޑައިގެން ވާހަކަ ދައްކަވާ ބޭފުޅުންގެ ފަތިފުށަށް ބަލައިލުމުން، ބައެއް މެމްބަރުން ދިރިއުޅުއްވަނީ ލިބޭ މުސާރަ އިން އެކަނިތޯ ސާފުވާނެ އެވެ.

ޕީޕީއެމްގެ ސަރުކާރަކުން "ކަތި ފިޔަވަޅު ތަކެއް" އަޅާތީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ސަރުކާރު ހަމަ މަގަށް އެޅުވެން ހުރި ހުރިހާ ގޮތްތަކަކަށް ޕާޓީގެ ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅިވި ގޮތުގައި ރައީސް ޔާމީނަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދެވުމަށް ވުރެން ވަކިން ބޮޑު "ބޮމެއް" މި ސަރުކާރުގެ މައްޗަކަށް ނާންނާ އެވެ. މައުމޫން ތައީދު ގެންދެވުމާއެކު، 2018 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ނުވާނެ ކަން ޔަގީންވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"މިރޭ [ރޭ] ޖެހިގެން އެ ދިޔައީ ސިއްކައެއް 2018 ކާމިޔާބު ނުވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގޯސްކޮށް ކަންކަން ދިޔަ ނަމަވެސް، ތަރައްގީ ކުރިއަށް ދާ ކަމަށް ބުނެ ހުރިހާ ކަމަކަށް އެއްބަސްވެ މަޑުން ތިބެގެން ނުވާނެ އެވެ. ބްރިޖް އެޅުމާއި މަގު ހެދުން އަދި ފަޅު ފުންކުރުމަކީ ކޮރަޕްޝަނަށް އޮތް ލައިސަންސަކަށް ހަދައިގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ކޮރަޕްޝަނަށް އޮތް ލައިސަންސެއް ނޫން ތަރައްގީގެ ކަން ކަމަކީ. ސަރުކާރަކުން ގެންދަން ޖެހޭނެ ތަރައްގީގެ ކަންކަން. އެ ކަމަށް ސަރުކާރެއް އަންނަނީ. އެކަމަކު ސަރުކާރަކަށް ނޯންނާނެ ނަޒާހަތްތެރިކަން ދޫކޮށްލާކަށް، އަދުލުވެރިކަން ދޫކޮށްލާކަށެއް،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމް ދެ ފަޅިވީ ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ. އެ މައްސަލަ ކޯޓަށް ސިވިލް ވެއްދުމުން ޕާޓީ ހިންގުން މުސްތަޝާރު ރައީސް ޔާމީނާ ވަނީ ހަވާލުކޮށްފަ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އެ ހުކުމް ރަނގަޅު ކަމަށެވެ.