ހުސައިން މަނިކު: އޭނާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ވަނީ ނިންމާލާފައި -- ފޮޓޯ/ޕޮލިސް
20 ސެޕްޓެމްބަރ 2020 - 14:26
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ ހައްޔަރުކުރި ހ. ރެހި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
މަސްތުވާތަކެތީގެ ބޮޑު ހަ މީހުުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ބުނެ އޭޕްރީލް، 2009 ގައި ހުސައިން ހައްޔަރުކުރީ އިންޑިއާ އިން ރާއްޖެ އައި އުމުރުން ދުވަސްވީ ދެމަފިރިއެއްގެ އަތަށް ދީގެން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ހުރި ފޮށިގަނޑާ ހަވާލުވާން ދިޔަ ތަނުން ކަމަށް ދައުވާގައިބުނެ އެވެ.
ހުސައިން މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2010 ވަނަ އަހަރު އޭރުގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ސެޕްޓެމްބަރު، 2016 ގައި ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލަައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނީ ދަށު ކޯޓާއި ހައި ކޯޓުން ހެކި ވަޒަން ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ހުސައިންގެ ފަރާތުން ދިފާއީ ހެކިން ޝަރީއަތުގައި ހުށަހެޅިޔަސް، ތަހުގީގު މަރުހަލާގައި އޭނާ ހަނު ހުރުމުގެ ހައްގުގެ ބޭނުން ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ހުސައިންގެ ވަކީލް އަލީ ޝާހު ވިދާޅުވީ ތަހުގީގުގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރުމުގެ ވާހަކަ އަކީ ދައުލަތުގެ އިސްތިއުނާފީ ނުކުތާއެއް ކަމަށް ނުވާތީ އެ ވާހަކަ މި މަރުހަލާގައި ފާހަގަ ނުކުރޭ ކަމަށެވެ. އަދި ހެކި ވަޒަންކުރީ ގޯސްކޮށް ކަމަށް ބުނާ ބުނުމެއް ފިޔަވައި، އެކަމުގައި އޮތް ގޯހެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ފެނުނު މަސްތުވާތަކެއްޗާއި ހުސައިންއާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ގާނޫނާ ޚިލާފަށް ހެކި ހޯދިކަން ވެސް ހާމަވެފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ފޮށިގަނޑުން މަސްތުވާތަކެތި ފެނުނީ ހުސައިން ހައްޔަރު ކުރުމަށް ފަހު ފުލުސް އޮފީހަށް ގެންދިޔަތާ އެތައް ގަޑިއިރުތަކެއް ފަހުން ކަމަށްވާތީ އެ މަސްތުވާތަކެއްޗަކީ އޭނާ ހަވާލުވި ފޮށިގަނޑުން ފެނުނު އެއްޗެއް ކަން ކަށަވަރު ނުވާ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެކަމުގައި ފުލުހުން އަމަލުކުރީ މަސްތުވާތަކެތި ހޯދުމަށް ކޮޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގަމުން އައި އުސޫލާ ޚިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ހައި ކޯޓުން ނިންމީ މަސްތުވާތަކެތި ފެނުނު ފޮށިގަނޑާ ހުސައިން ހަވާލުވީ އެހެން މީހަކު ބުނެގެންތޯ ނުވަތަ އެއީ ހަގީގަތުގައި ވެސް އޭނާގެ ފޮށިގަނޑެއްތޯ ބެލިފައިނުވާ ކަމަށެވެ. އެ ފޮށިގަނޑުން އޭނާގެ ފިންޕްރިންޓެއް ފެނިފައި ނުވާއިރު، އެ ފޮށިގަނޑާ ހަވާލުވާން އޭނާ ދިޔަ ދިއުމުގެ މައްޗަށް އެކަނި ބިނާކޮށް އެއީ އޭނާގެ އެއްޗެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެއްސެއް
21 September 2020
ސީދާ ގަސްތުގަ ހެކި ބާތިލްވާގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމުގެ ތުހުމަތު ފުލުހުންނަށް ކުރަން ފުރުސަތު އެބައޮތް. ކިތަށް މަސްތުވާ ތަކެއްޗާ ގުޅޭ ހުކުން ހެކީގަ މައްސަލަ ހުރެގެން ދައުލަތާ ދެކޮޅަށް ނިމިއްޖެތަ. ފަޑިޔާރުން އެކަންޏެއް ނޫން މައްސަލައަކީ.
ޙިނި
20 September 2020
މައްސަލައައް 10 އަހަރުވީމަ ސައިދޭންވާނެ
ހަލީމާފުޅ
20 September 2020
ކާލޯ މިދުނިޔޭގަ ތިޔހެން ފިލިދާނެ މަރުނުވެ އުޅެވެންޏާ އެފިލުނީ މީރާވައިގެން ހިންގާ ޖަރީމާތައް ތިޔަމީހާ ކުރާ މަސައްކަތެއް ފެންނަ ބަޔަކު އުޅޭބާ އޭނާ އެއުޅޭ މުސްސަދިކަމާ ބަލާފައި
1828
20 September 2020
ދައުލަތުގެ ޒިންމާއަކީ ކުރި ކުށް ސާބިތިކުރުމަށް ޝަރިއަތަށް ހެކި ހުށައެޅުން. ހެކި ނުދެއްކިއްޖެ ކަމަށްވަނީ ނަމަ ސާބިތެއް ނުވާނެ. ދިފާއީގެ ޒިންމާއެއްނޫން އެއީ މައްސަލަ ސާބިތުކުރުމަކީ. ދިފާއީ ހަނު ހުއްޓަސް، ކުށް ސާބިތުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަކީ ދައުލަތުގެ ޒިންމާއެއް.
ހަސަނބ
20 September 2020
ހުޅުމާލޭގަ ކިތައްގެ މީނަގެ އެބަހުރި. ކޮންތާކުން ހޯދިލާރިއަ ކުންގަނެފަބާ