ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވީ 31 މީހުން

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެންމެ 31 މީހަކު ކަމަށް އެޗުޕީއޭ އިން މިރޭ ބުނެފި އެވެ.


އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވީ 25 ދިވެއްސަކާއި ހަ ބިދޭސީ އެކެވެ. އެއީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތެރެއިން ފަސް މީހެކެވެ.

މިހާރު 20 ރަށަކާއި 24 ރިސޯޓަކުގައި އެކްޓިވް ކޭސްތައް އުޅޭއިރު އޭގެ ތެރޭގައި ހިމެނެނީ 30 މުވައްޒަފަކާއި 12 ޓޫރިސްޓެކެވެ.

ކޮވިޑަށް މިއަދު އެންމެ 31 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ފެނި ކުރި ލޮކްޑައުން އަށް ލުއި ދިނުމަށް ފަހު ކޭސްތައް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަސްތެރޭގައި ކޭސްތައް ވަނީ 100 އަށް ވުރެ ދަށްވެފަ އެވެ. އެކަމަކު، 31 އާ ހަމައަށް ކޭސްތައް މީގެ ކުރިން ދަށްވެފައެއް ނުވެ އެވެ.

ރާއްޖެ އިން މިހާތަނަށް 10،045 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 8،754 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 1،250 މީހަކަށް ފަރުވާދެމުން އަންނަ އިރު މީގެ ތެރެއިން 84 މީހަކު ތިބީ އެޑްމިޓްކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ. އެކަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ތިބީ 771 މީހެކެވެ.