ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

އަދީބުގެ އިއުތިރާފާ އެކު ޕާޓީތަކުން ދިފާއުވާން ޖެހިއްޖެ؟!

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު (މ) ކޯޓަށް ވަޑައިގަންނަވަނީ. -- ފޮޓޯ: އަހްމަދު އަވްޝަން / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ސްކޭމް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެން ފައިސާ ބެއްސެވި ގޮތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޝަރީއަތުގެ މަޖިލީހުގައި އިއްޔެ ކިޔައިދެއްވުމާ އެކު ބައެއް ސިޔާސީ ޕާޓީތަކުން އެ ޕާޓީއެއްގެ ދިފާއުގައި ތެދުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހި "ހުދު ފޮތިކޮޅަކަށް" ވެގެން ގިނަ ބަޔަކު ތިއްބައި އަދީބު އިއްޔެ ވަނީ ލައިވްކުރި ޝަރީއަތުގެ މަޖިލީހުގައި، ޚިޔާނާތް ހިންގެވި ގޮތާއި އެ ފައިސާ ދައުރުވި ގޮތް ކިޔައި ދެއްވައިފަ އެވެ.

ޝަރީއތުގައި އިއްޔެ ނަންތައް އާއްމު ނުކުރެއްވި ނަމަވެސް ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް އަދީބު ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް ކުރާ ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ.

އަދީބު އެ އިޝާރާތް ކުރެއްވި މަންފާ ލިބުނު ލިސްޓެއް އޮތް ކަން ތަހުގީގީ އިދާރާތަކުން މިދިޔަ އަހަރު ވަނީ ބުނެފަ އެވެ. އެއީ، ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގާ ތަހުގީގުގައި އަދީބުގެ ފޯނުތަކާއި ލެޕްޓޮޕުން ހޯދި ހެކިތަކާއި ކިޔައި ދެއްވި މައުލޫމާތަށް އެކުލަވާލި ލިސްޓެކެވެ.

އަދީބުގެ މި އިއުތިރާފާ އެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެ ޚިޔާނާތުގައި އެ ޕާޓީތަކުގެ ދައުރެއް ނެތް ކަން ސާބިތުކޮށްދޭން ދިފާއުގައި ވާހަކަތަކެއް ދައްކަމުންނެވެ.

އެންމެ ބޮޑަށް ދިފާއުވީ، މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕާޓީގެ ރައީސްކަމުގައި ހުންނެވި އަދާލަތު ޕާޓީންނެވެ. ކުރީގެ ސަރުކާރުގައި ޚިޔާނާތް ހިންގަން ފެށިއިރު އަދާލަތު ޕާޓީއަކީ އެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. މި ވެރިކަމެކޭ އެއްގޮތަށް، އެކި މިނިސްޓްރީތަކުގައި އެ ޕާޓީގެ ހިއްސާ އޮތް ނަމަވެސް މަޖިލީހުގައި އެ ޕާޓީއަށް ކަށަވަރުވީ އެންމެ ގޮނޑިއެކެވެ.

އަދާލަތު ޕާޓީން ކުރި ޓުވީޓްތަކެއްގައި ބުނެފައި ވަނީ، އަދީބު އިޝާރާތް ކުރެއްވި ސްކޭމްގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ހިންގަވަމުން ގެންދެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ ކުރީގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ދައްކަން ފެށީ އެ ޕާޓީން ކަމަށް އަދާލަތުން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި ޔާމީންގެ ވެރިކަމުގައި ހިންގަމުން ދިޔަ ޚިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ ދެއްކެން އޮތް އެންމެ އަޑު ހަރުކޮށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ވާނީ ދައްކައިފަ އެވެ.

"އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަގީންކަމަކީ މި ޚިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތުކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއް މި ޕާޓީން ހޯދާފައި ނުވާނެ ކަމުގެ ޔަގީން ކަމެވެ،" އަދާލަތުގެ ޓުވީޓްތަކުގައިވެ އެވެ.

މިއާ އެކު އަދާލަތުން ގޮވާލީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާއި ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލް ކަމާގުޅުން ހުރި ހުރިހާ މުއައްސަސާތަކުން ހާމަކުރުމަށެވެ.

ޕާޓީތަކުން މިހެން ގޮވާލިއިރު، ތަހުގީގީ އިދާރާތަކުގެ ވިސްނުމަކީ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ނަން ހާމަ ނުކުރުމެވެ. އިދާރާތައް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައި ވަނީ، ކުރިން މަގާމެއް ފުރުއްވި ބޭފުޅަކަސް އަދި މިހާރު މަގާމުގައި ހުންނެވި ބޭފުޅަކު ނަމަވެސް ތަހުގީގުގައި ގާނޫނީ އިޖުރާއަތު ފުރިހަަމަކޮށްފައި ނޫނީ ނަން ހާމަކުރަން ގަސްތު ނުކުރާ ކަމަށެވެ.

މުހިއްމު އެއް ވައުދެއްގެ ގޮތުގައި ޚިޔާނާތް އިންސާފު ވެރިކަމާ އެކު ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުން ވެރިކަމަށް އައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމާއި ބަދުނާމް އެޅޭކަށް އެ ޕާޓީން ބޭނުން ނުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން ބައިކުޅަ ބައި ލިބިފައި ތިބި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި އެ ނޫން ވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ބަދުނާމު އެޅޭކަށް ގައިމު ވެސް އެމްޑީޕީ ބޭނުމެއް ނޫން،" ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފްގެ ޓުވީޓް.

ޝަރީއަތުގެ މަޖިލީހުގައި އަދީބު އިއްޔެ ކިޔައި ދެއްވި ގޮތުގައި، ރައީސް ޔާމީންގެ ވެރިކަން ސިޔާސީ ބާރުވެރިކަމާ އެކު ދަމަހައްޓަން ރޭވުންތެރިކަމާ އެކު އެ ޚިޔާނާތް ފެށުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމައިންނެވެ. އޭގެ ފަހުން، މަޖިލީހުގައި ނެގި އެކި ވޯޓުތައް އޭރު ޔާމީންގެ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމަން ވެސް އެ ފައިސާ ޕާޓީތަކުގެ މެމްބަރުންނަށް ބެހި ކަމަށް ފުލުސް އޮފީހުން ވަނީ ބުނެފަ އެވެ.

އެމްޑީޕީ އަށް އެންމެ ބޮޑު ތުހުމަތެއް އެޅިފައި ވަނީ، ބޭރު މީހުންނަށް ރާއްޖެ އިން ދިގު މުއްދަތަކަށް ބިން މިލްކުކުރެވޭ ގޮތަށް ދޫކޮށްލަން ޔާމީންގެ ސަރުކާރުގައި ގާނޫނުއަސާސީ އިސްލާހުކުރަން އުޅުމުން، ފްރީ ވިޕްލައިނެއް ނެރެ، ޕާޓީގެ މެމްބަރުން ބޭނުން ގޮތަކަށް ވޯޓުލާން ދޫކޮށްލުމުންނެވެ.

ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ ވޯޓާ އެކު ބޭރު ފަރާތްތަކަށް ބިން މިލްކުކުރުމުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 70 މެމްބަރުން ވޯޓު ދެއްވި އެވެ. އޭގެތެރޭގައި އެމްޑީޕީގެ 17 މެމްބަރުން ހިމެނެ އެވެ.

އެކަމަކު، މަޖިލީހުގައި ބާރު އޮވެ ސީދާ ރަތަށް އެމްޑީޕީން ފިތަން ޖެހޭ ފަހަރު އެކަން ނުކޮށް ދޫކޮށްލުމުން ފާސްވި އިސްލާހު ބާތިލްކުރެއްވީ ވެސް މި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަދީބުގެ ވާހަކައަށް އިޝާރާތް ކުރައްވައި ޚިޔާނާތުގެ ފައިސާ ޖުމްހޫރީ ޕާޓީއަށް ވެސް ލިބުނު ކަމަށް ނޫހަކުން ރިޕޯޓްކުރުމުން، އެ ޕާޓީން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ޕާޓީގެ ތަރުޖަމާން، އަދި މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ބިލިއަނުން ގައުމު ލޫޓުވުމަށް ފަހު، އޭރުގެ އެންމެ އިސް ބޭފުޅުން ޝަރީއަތުގެ މަޖިލީހުގައި ރޯ ބުހުތާނު ދޮގު ހެދުން ދެކޮޅެއް ނުޖެހޭ ކަމަށެވެ.

"ޖޭޕީ އާއި އަހްމަދު އަދީބާ އެއްވެސް އިރެއްގައި ގުޅުމެއް ނޯންނާނެ،" އަލީ ސޯލިހް ވިދާޅުވި އެވެ.

މި ޚިޔާނާތް ހިންގިއިރު ވެރިކަން ކުރި ޕީޕީއެމުން، އަދީބުގެ ވާހަކަތަކާ ގުޅޭ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ. މިހާތަނަށް ބުނަމުން އައީ، މަނީ ލޯންޑްރިންގެ ތުހުމަތުގައި ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށެވެ. އެކަމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުމެއް ނެތް ކަމަށެވެ.

އެކަމަކު، އަދީބު އިއްޔެ ކިޔައިދެއްވި ގޮތުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ލިބުނު ފައިސާތައް މާލީ އިދާރާތަކުގެ ތެރެއިން އެއްވެސް ހުރަހެއް ނެތި ދައުރު ކުރަމުން ދިޔައީ އޭރުގެ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ކުރެއްވި ހުރިހާ ކަމަކީ ވެސް ރައީސްގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތްތަކެއް ކަމަށާއި އެކަމަކީ ދުރާލާ ރާވައިގެން ކޮށްފައި ހުރި ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުރީގެ ސަރުކާރުން ވަކި ގޮތަކަށް ރާވައިގެން ވަކި އިންތިޒާމެއްގެ ދަށުން ވަކި ސްކޭމެއްގެ ދަށުން ހިންގާފައިވާ ކަމެއް މިއީ،" އަދީބު ވިދާޅުވި އެވެ.

މި ޚިޔާނާތުގެ ތަހުގީގު 2015 ގައި ފެށި ނަމަވެސް ކުރީގެ ސަރުކާރުގައި އެކަށީގެންވާ ގޮތެއްގައި ނުބެލި އެވެ. މި ސަރުކާރުގައި ވެސް ތަހުގީގު ދިގުދެމިގެން ގޮސްފައިވާ މި ޚިޔާނާތުގައި މިހާތަނަށް ދައުވާ އުފުލީ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ހުރީ ދެ އަހަރު ވި އިރު ވެސް ތަހުގީގު ކުރުމުގެ މަރުހަލާގަ އެވެ. ވަރަށް އަވަހަށް އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވިޔަސް، އެ މުއްދަތަކަށް އެކަމެއް ކުރިއަކަށް ނުގެންދެވުނެވެ.

32 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 4%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

03 October 2020

ޔައީސް ޔާމީނުގެ ވެރިކަމަކީ މާފިޔާ ސްޓައިލްގެ ވެރިކަމެއް. އަދިވެސް ބަޔަކު އެވަރެއް ނެތިގެން އުޅެނީ ކޮންމެވެސް ކަމެއްވެގެން.

The name is already taken The name is available. Register?

ކިނީ

02 October 2020

މާފިޔާ މީހުންގެ މިސާލު

The name is already taken The name is available. Register?

އަސްލަކީމީ

02 October 2020

މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ކައިފި މީހާގެ ބަނޑު އެ ފުރަނީ ނަރަކައިގެ އަލިފާނުން. އެންމެ ނިކެތި މީހާގެ ހައްގު އަދާކޮށްފުމަށް ދާންދެން ދެން ނަރަކައިން މިންޖެއް ނުވާނެ.

The name is already taken The name is available. Register?

ދޮންއަނބު މޫސަ

02 October 2020

ތިކަންވެސް ނިމިގެންދާނީ ބޮޑު ނިގުލައް. ވަރައް ސަލާން

The name is already taken The name is available. Register?

މަރޭމިރުތާ

01 October 2020

އަދީބުގެ ވާހަކައިގައި ތެދުވެސް ދޮގުވެސް ހިމެނޭނެ. އެއީ ސަރުކާރާ އެކި ހެދި ޑީލް ގެ ސަބަބުންނާއި އޭނާ އެކަނި މިކަމުގައި ބެދެން ބޭނުން ނުވާތީ ކަމަށްވެސް ވެދާނެ. އަދީބުގެ އެންމެ ފަރާތުން ވަކީލުކަންކޮށް އަދި އެންމެ ބާރަށް މީޑިއާ ގައި ހިންގާލި ވަކީލު މިހާރު ހުރި މަޤާމް އެނގޭ އެންމެނަށް އެނގޭނެ މިޑްރާމާ ރާވާނެ މީހުންނާ އަޑީގައި ތިބޭނެ މީހުން. އަދީބުވެސް ހުންނާނީ ކުޑަކުޑަ އުންމީދެއްގައި އެކަމަކު ޝަރީއަތްތައް ނިމޭއިރު ބޮނޑި ލިބޭނެކަމަށް ލަފާ ކުރެވެނީ!

The name is already taken The name is available. Register?

ދޮންމަނިކުބެ

01 October 2020

ތަހުގީގީ އިދާރާތަކުގެ ވިސްނުމަކީ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ނަން ހާމަ ނުކުރުމެވެ. އިދާރާތައް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައި ވަނީ، ކުރިން މަގާމެއް ފުރުއްވި ބޭފުޅަކަސް އަދި މިހާރު މަގާމުގައި ހުންނެވި ބޭފުޅަކު ނަމަވެސް ތަހުގީގުގައި ގާނޫނީ އިޖުރާއަތު ފުރިހަަމަކޮށްފައި ނޫނީ ނަން ހާމަކުރަން ގަސްތު ނުކުރާ ކަމަށެވެ. މިހެންވީމާ ކަޑަދޯ

The name is already taken The name is available. Register?

ތެދުވެރިޔާ

01 October 2020

އަދީބު ކިޔާދޭވަރަކައް ބެދޭނީ އެމްޑީޕީގެ މީހުން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

01 October 2020

އެމްޑީޕީ އެތައްބަޔަކު މިކަމުގަ ހިމެނޭ. ނަޝީދު އެޅުވިފަންޏެއްގެ ސަބަބުން އެމްޑީޕީ ނަޝީދު މިކަމުގެ ޒިމްމާނަގަން ޖެހޭނެ. އަފްރަޝީމްގެ ޤާތިލުން ރާއްޖޭން ފުރައިގެން ދިޔަކަން ނަޝީދައް އެގެނީ ކިހިނެއްތަ؟

The name is already taken The name is available. Register?

އަލީރާޖާ

01 October 2020

އަދި ހަމަ އެއްޗެކޭ އަދީބު ބުންޏަކަސް ކަމަކު ނުދާނެ. ހެކި ދައްކަންޖެހޭނެ.

The name is already taken The name is available. Register?

މޫލު ވަގު މާފުށީ ޖަލު

01 October 2020

އަދީބާ ޔާމީނާ ގުޅިގެން ވައްކަން ކުރި ކަމާމެދަކު ޝައްކެއް ނެތެވެ.ޔާމީނަށް ނޭގި ނުވަތަ ޔާމީނަށް ބައި ނާޅައި 1.3 ބިލިޔަން ރުފިޔާ އަދީބު އެކަނި ކައި ނުލެވޭނެ ކަން އެއްމެނަށް ވެސް އެގެއެވެ. އަދި ޔާމީނު ބޭނުންވާ ގޮތަށް ޤާނޫނު ތަށް ހެދުމަށް މެމްބަރުން ނަށް އަދި ޔާމީނު ބޭނުންވާ ހުލުމް ތަށް ލުރުމަށް ޤާޒީން ނަށް އަދީބު އިސް ނަގާގެން ފައިސާގެ ބޮޑެތި އަދަދު ތަށް ދޭނެ ޖެހޭނެ ސަބަބެއް އޮންނާނެ ތޯއެވެ؟

The name is already taken The name is available. Register?

1828

02 October 2020

ތިހިސާބުން އެމް.އެމް.ޕީ.އާރ.ސީ މައްސަލަ ކުލޯސްކޮށް ލީ ތޯއެވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!