ކޮވިޑަށް ކުރި ހަރަދު 2.3 ބިލިއަނަށް އަރައިފި

ކޮވިޑް-19 ކޮންޓްރޯލްކުރުމާއި ބަލިވާ މީހުންނަށް ފަރުވާ ދިނުން އަދި ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވާން ދައުލަތުން ކުރި ޚަރަދު 2.3 ބިލިޔަން ރުފިޔާއަށް އަރަައިފި އެވެ.


ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށް 1.2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުވެފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެ އޮތޯރިޓީން މިހައިތަނަށް 778.1 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެމްޑީއެމްއޭއިން ކުރި ހަރަދަކީ ކޮވިޑްގެ ކަންކަމަށް ކުރި ހަރަދުގެ 88.3 ޕަސެންޓެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 200.4 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ކޮވިޑާ ގުޅޭ އިގުތިސާދީ ކަންކަމަށް މިހައިތަނަށް ކުރި ހަރަދުގެ ޖުމްލައަކީ ހިސާބުތަކުން ދައްކާ ގޮތުގައި 1.03 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޮޑުބައެއް ހަރަދުކޮށްފައި ވަނީ ރިކަވަރީ ލޯން ސްކީމަށެވެ. އެ ސްކީމަށް މިހައިތަނަށް ހަރަދުކުރި ފައިސާގެ ޖުމްލައަކީ 900 މިލިޔަން ރުފިޔާ އެވެ. އިންކަމް ސަޕޯޓަށް 101 މިލިޔަން ރުފިޔާ އަދި ކަރަންޓްބިލުން ޑިސްކައުންޓް ދިނުމަށް ސަބްސިޑީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދެބައި އެއްކޮށް މިހައިތަނަށް ހަރަދުވި ފައިސާގެ އަދަދަކީ 2.3 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން މިދިޔަ މަހު ހަރަދުވީ 106 މިލިޔަން ރުފިޔާ އެވެ.

އޮގަސްޓްމަހު މަސް ނިމުނު އިރު ކޮވިޑާ ގުޅޭ ކަންކަމަށް ދައުލަތުން ހަރަދުވެފައި އޮތީ 2.1 ބިލިޔަން ރުފިޔާ އެވެ. އެ މަހު ވެސް ބޮޑު ބައެއް ހަރަދުވެފައި ވަނީ ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށެވެ. އެއީ ފަރުވާ ދިނުމާއި އައިސޮލޭޓް ކުރުމާއި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ސިއްހީ ހިދުމަތްތެރިން ދަތުރުކުރުން ފަދަ އެންމެހާ ހަރަދުތައް ހިމެނޭ ގޮތުންނެވެ. އޮގަސްޓްމަހުގެ ފަހު ހަފްތާއާ ހަމައަށް އެކަންކަމަށް ހަރަދުވީ 1.1 ބިލިޔަން ރުފިޔާ އެވެ. ކޮވިޑާ ގުޅޭ އިގުތިސާދީ ކަންކަމަށް އެހައިތަނަށް ހަރަދުވެފައި އޮތީ 964 މިލިޔަން ރުފިޔާ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭ ކަންތައްތައް ހަމަޖައްސަން ދައުލަތުން މިހާ ބޮޑު ހަރަދެއް ހިނގާ އިރު އެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ އިގުުތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އައި ޓޫރިޒަމް އިންޑަސްޓްރީ ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީ އިރު ރާއްޖެއަށް ލިބޭ އާމްދަނީ ވަނީ 50 ޕަސެންޓުން ދަށްވެފަ އެވެ. އެހެންވެ ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިންޑިއާއިން 250 މިލިޔަން ޑޮލަރުގެ ލޯނެއް ވެސް މިހާރު ވަނީ ނަގައިފަ އެވެ.