އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ލިބޭނެ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ދެމުން އަންނަ އިންކަމް ސަޕޯޓް އެލަވަންސް މިއަހަރު ނިމެންދެން ވެސް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ޑިސެމްބަރާ ހަމަ އަށް އިންކަމް ސަޕޯޓް އެލަވަންސް ލިބޭނެ ކަމަށެވެ.

ޖާބިރު ސުވާލު ކުރެއްވީ މަސްވެރިންނާއި ދަނޑުވެރިންނަށް އިންކަމް ސަޕޯޓް ނުދެނީ ކީއްވެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ މަސްވެރިންނަށް ވެސް އިންކަމް ސަޕޯޓް ދޫކުރަމުން އަންނަ ކަމަށެވެ. އިތުރު ސުވާލުކުމުގެ ވަގުތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސުވާލު ކުރެއްވީ އިންކަމް ސަޕޯޓް އެލަވަންސްގެ މުއްދަތު އިތުރުކުރަން ސަރުކާރުން ގަސްދުކުރޭތޯ އެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ ޑިސެމްބަރާ ހަމަަ އަށް އިންކަމް ސަޕޯޓް އެލަވަންސް އެކްސްޓެންޑް ކޮށްގެން އެކަންތައް ކުރިއަށް ގެންދަން. އިންކަމް ސަޕޯޓް އެލަވަންސް ލިބޭނެ ޑިސެމްބަރާ ހަމައަށް. އަދި އޭގެ އިތުރުން އެ އެކްސްޓެންޑް ކުރަން ޖެހިއްޖެ ހާލަތެއްގައި އަޅުގަނޑުމެން އެކްސްޓެންޑްވެސް ކުރާނަން،" ސަލީމަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވި އެވެ.

އިންކަމް ސަޕޯޓް އެލަވަންސް މަސްވެެރިންނަށާއި ދަނޑުވެރިންނަށް ނުދެނީ ކީއްވެތޯ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ އެ އެލަވަންސް ދެމުން އަންނަނީ މަސްްވެރިންނާއި ދަނޑުވެރިން ވެސް ހިމެނޭ ގޮތުން ކަމަށެވެ. އެގޮތުން ހަމަ އެކަނި މަސްވެރިންނަށް މިހައިތަނަށް 8.4 މިލިޔަން ރުފިޔާގެ އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. ،މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ބޮޑުކަންނެލީގެ އަގު ހިފެހެއްޓުމަށް ޓަކައި ކަންނެލި ގަންނަ ފަރާތްތަކަށް 100 މިލިޔަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅޭ ކަންކަމަށް ސަރުކާރުން ކުރި ޚަރަދު މިހާރު ވަނީ 2.3 ބިޔަން ރުފިޔާ އަށް އަރައިފަ އެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑާ ގުޅޭ އިގުތިސާދީ ކަންކަމަށް މިހައިތަނަށް ކުރި ހަރަދުގެ ޖުމްލައަކީ 1.03 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޮޑުބައެއް ހަރަދުކޮށްފައި ވަނީ ރިކަވަރީ ލޯން ސްކީމަށެވެ. އެ ސްކީމަށް މިހައިތަނަށް ހަރަދުކުރި ފައިސާގެ ޖުމްލައަކީ 900 މިލިޔަން ރުފިޔާ އެވެ. އިންކަމް ސަޕޯޓަށް 101 މިލިޔަން ރުފިޔާ އަދި ކަރަންޓްބިލުން ޑިސްކައުންޓް ދިނުމަށް ސަބްސިޑީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.