މިދިޔަ އަހަރު ރާއްޖޭގައި އެންމެ ގިނަވީ ވައްކަމާއި އެކްސިޑެންޓާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު މިދިޔަ އަހަރުުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވައްކަމުގެ 4،500 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު އެކްސިޑެންޓްތަކުގެ 2،300 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި އެވެ. އަދި މަސްތުވާތަކެތީގެ 2،100 މައްސަލަ ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވައްކަމުގެ މައްސަލަތައް ހުށަހެޅުނު އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު 39 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 2018 ވަނަ އަހަރާ އަޅާ ބަލާއިރު 47 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާގޮތުން ގެވެށި އަނިޔާގެ މައްސަލަތައް ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު އެފަދަ މައްސަލަތައް ހުށަހެޅި މިންވަރު 13 ޕަސެންޓް އިތުރުވިއިރު އޭގެ ތެރެއިން 44 ޕަސެންޓަކީ ޖިސްމާނީ ގޮތުން އަނިިޔާ ކުރުމުގެ މައްސަލަތައް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް 16،000 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު އޭގެ ތެރެއިން 11،000 ވުރެ ގިނަ މައްސަލަ ހުށަހެޅީ މާލެއިންނެވެ. އަތޮޅުތަކުން އެންމެ ގިނަ މައްސަލަ ހުށަހެޅީ އައްޑޫންނެވެ. އެއީ ޖުމްލަ މައްސަލަތަކުގެ 15 ޕަސެންޓް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެކި ކޯޓުތަކަށް 20،000 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު، އެކި މައްސަލަތަކުގައި 3،300 އަށް ވުރެ ގިނަ މީހުން ބަންދުގައި ތިބި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.