އިމްރާން މަޖިލީހުގައި ހެދީ ދޮގު، މަގާމުގައި ނުހުރެވޭނެ: އިދިކޮޅު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް އަމިއްލަ އަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށާއި އެ އަމަލަށް ފަހު އޭނާ އަށް އެ މަގާމުގައި ދެމިނުހުންނެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރެއްގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، މަޖިލީހުގެ އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އިމްރާން ވަނީ ގާނޫނާ ހިލާފު ވެފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ދޮގު މައުލޫމާތު ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ދޮގު މައުލޫމާތު ދެއްވި ކަމަށް އިމްރާން އަމިއްލަ އަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގައި އިމްރާން ވިދާޅުވީ، މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހެކި ހުރި ލިޔެކިޔުންތައް މޭޑޭގެ މުޒާހަރާ އަށް ފަހު އޭނާ ހައްޔަރު ކުރިއިރު، އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، އޭގެ އެއް ދުވަސް ފަހުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި އިމްރާން ބައިވެރިވެވަޑައިގެން، މަޖިލީހުގައި ދެއްކެވީ ދޮގު ވާހަކަ ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އެކި ފޯރަމްތަކުގައި އެކި ގޮތަށް ވާހަކަ ދައްކަވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު ސަފާރީއެއްގައި ހިނގައިދިޔަ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އިމްރާން އެ ޕްރޮގްރާމުގައި ދެއްކެވި ވާހަކަ ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ. ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ، ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުންނެވެ.

އަޅުގަނޑުމެން ވެސް އަދި ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މި ދެކަންތަކުން އެކަނި ވެސް ޝޭހް އިމްރާން އިސްތިއުފާ ދޭން ޖެހޭ

އިމްރާން، އޭނާ ދެއްކެވި ވާހަކައަށް މާފަށް އެދިވަޑައިގެން ވިދާޅުވީ އެ ވާހަކައިގެ މާނަ އޮޅިވަޑައިގަތީ މީޑިއާ އިން ރިޕޯޓުކުރި ގޮތުން ކަމަށެވެ.

އެ މައްސަލައިގައި ޝިޔާމް ވިދާޅުވީ، ސަފާރީގައި ހިނގައިދިޔަ ޖިންސީ ފުރައްސާރައިގެ ހާދިސާ އަކީ ނުހިނގާ ކަމެއް ގޮތަށް ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވުމަކީ ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އިމްރާން ދެއްކެވި ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.

"އަޅުގަނޑުމެން ވެސް އަދި ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މި ދެކަންތަކުން އެކަނި ވެސް ޝޭހް އިމްރާން އިސްތިއުފާ ދޭން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް އަންހެނުންނަށް އެހާ ކުޑައިމިސްކޮށް ވާހަކަ ދެއްކެވި ބޭފުޅަކު މިއަދު އެ މަގާމުގައި ހުންނަން ޖެހޭނެ ކަމަކަށް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ."

ޝިޔާމް ވިދާޅުވި ގޮތުގައި، މަރު އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ތަހުގީގު ނުނިމޭ މައްސަލަތައް ކަމުން އިމްރާން ދެއްކެވި ވާހަކަތަކަކީ ތަހުގީގަށް ހުރަސް އެޅުމުގެ ނިޔަތުގައި އޮޅުވައިލުމަށް ގަސްދުގައި ދެއްކެވި ވާހަކަ އެކެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް މަދުވެގެން 10 މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަން ތަމްސީލްކުރާ ތިބެނީ ނުވަ މެމްބަރުންނެވެ.

އިދިކޮޅުން ބުނީ އެ މައްސަލަ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވެސް ސޮއިކުރައްވާފައިވާ ކަމަށެވެ. އެކަމުން ވެސް ދޭހަ ވަނީ މަޖިލީހުގެ އިތުރު މެމްބަރުން ވެސް މި މައްސަލައިގެ ސީރިއަސް ކަމަށް ބަލައިގަނެ، އިދިކޮޅާ އެކު މިކަމުގައި ކުރިއަށް ދާން ބޭނުންވާ ކަން ކަމަށް އިދިކޮޅުން ބުނެ އެވެ.