ތެމާގެ ބައެއް ޔުމްނާއަށް، މައުމޫން ފެކްޝަންގެ މަސައްކަތްތައް އެ އިމާރާތުގައި އަލުން ފަށަނީ

ޕީޕީއެމްގެ އޮފީސް ހިންގި ހ. ތެމާގެ ބައެއް ހަ މަސް ދުވަހަށް، އެ ޕާޓީގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫނަށް ކުއްޔަށް ދިނުމަށް ގޭގެ ވެރިފަރާތުން މިއަދު ނިންމައިފި އެވެ.


ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ ވިދާޅުވި ގޮތުގައި ތެމާގެ ވެރިފަރާތާއެކު މިއަދުން ފެށިގެން ވި އެއްބަސްވުމުގެ ދަށުން، އެ ގޭގައި ކުރިން ޕީޕީއެމް އޮފީސް ހިންގި ބައިގައި، މައުމޫންގެ މަސައްކަތްޕުޅުތައް ވަރަށް އަވަހަށް ފަށާނެ އެވެ.

"ރައީސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާ. އެހެންވީމަ މި ތަނުގައި ކުރިއަށް ދާނީ ޕީޕީއެމްގެ ރައީސްގެ މަސައްކަތްތައް،" ޔުމްނާ ވިދާޅުވި އެވެ.

މައުމޫން ފެކްޝަންގެ ކައުންސިލް މެމްބަރުން ވަނީ ތެމާގެ ވެރިފަރާތް ޝަރީފާ މުހައްމަދުގެ ހުއްދައާ އެކު، ތަޅު ހަލާކުކޮށްލައިގެން ޕީޕީއެމް އޮފީހަށް މިއަދު ވަދެފަ އެވެ. އެ ފެކްޝަނުން ބުނި ގޮތުގައި އެންމެ ފުރަތަމަ މަސައްކަތްކުރީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ތަޅުދަނޑި ހަވާލު ކުރުމުން އެ ތަނަށް ވަނުމަށެވެ.

އެކަމަކު ތަޅުދަނޑި ހަވާލުކޮށްފައި ނުވާތީ ފުލުހުންގެ ހާޒިރުގައި އެ ތަނަށް ވަނުމަށް ބޭނުންވާ ކަމަށް އެންގުމުން ވެސް، ފުލުހުން އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށް މައުމޫންގެ ފެކްޝަނުން ބުންޏެވެ. އެހެންވެ، ވެރިފަރާތުގެ ހުއްދަ ލިބިގެން ޕީޕީއެމްގެ އޮފީހަށް ވަންނަން ޖެހުނީ ކަމަށް މައުމޫންގެ ފެކްޝަނުން ބުންޏެވެ.

ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް މިދިޔަ ހުކުރު ދުވަހުގެރޭ ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ދަރުބާރުގެއަށް ގެންގޮސްފަ އެވެ. އެހެންވެ، ޕީޕީއެމް އޮފީހުގައި އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ނޫސްވެރިންގެ ހާޒިރުގައި ޕީޕީއެމް އޮފީހަށް މިއަދު ވަދެ ބެލިއިރު، އެ ތަނުގައި ހުރި ހުރިހާ މުދަލެއްހެން ވަނީ ގެންގޮސްފަ އެވެ. އަދި އެ ތަނުގައި އޭސީ އާއި ބައެއް މޭޒާއި ރައީސް މައުމޫންގެ ފޮޓޯތައް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. މީގެ އިތުރުން ފާރުތަކުގައި ވަރަށް ބޭއަދަބީ ބަސް ތަކުން މައުމޫނަށް ފާޑު ކިޔައި ލިޔެފައި ހުއްޓެވެ.

ނަމަވެސް ދަރުބާރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ފެކްޝަންގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި "އަސްލު ޕީޕީއެމުން" ކަންކަން ކުރީ ކޯޓުތަކުން ހުކުމް ކުރި ގޮތަށް ކަމަށެވެ. އަދި ޕީޕީއެމް އޮފީހަށް ވަދެ، ތަކެއްޗަށް ގެއްލުންދީ އެއްވެސް ބޭފުޅެއްގެ އަބުރަށް ހުތުރުވާ ޒާތުގެ އެއްވެސް އެއްޗެއް ލިޔެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެމާގެ ބައެއް ޔުމްނާއަށް ކުއްޔަށް މި ދިނީ، އެތަނުގައި ކުރިން ޕީޕީއެމް އޮފީސް ހިންގުމަށް ވި އެއްބަސްވުން ބާތިލު ކުރިކަން، އެ ގޭގެ ވެރިފަރާތުން މައުމޫނަށް އެންގިތާ މާގިނައިރުތަކެއް ނުވަނީހެވެ.