ބޮޑު ފެރީގެ ހިދުމަތް ނުދޭތީ ހުޅުމާލޭ ފެރީ ޓާމިނަލަށް ބާރުބޮޑުވެފައި

ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރި ޑަބަލް ޑެކް ފެރީ މަރާމާތަށް އެހެލާފައި އޮތުމުން ފެރީގެ ހިދުމަތް ހޯދާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާން ފަށައިފި އެވެ.


ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން މިއަދު ބުނި ގޮތުގައި ޑަބަލް ޑެކް ފެރީ ނެތުމުން ގިނަ އިރުތަކެއް ވަންދެން ފެރީ ޓާމިނަލް ތެރޭގައި ތިބެން ޖެހެ އެވެ. އަދި އެ ފެރީގެ ބަދަލުގައި އެމްޓީސީސީން ބޭނުން ކުރަނީ ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރަމުން އަންނަ ފެރީތައް ކަމަށް ވެސް އެ މީހުން ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމްޓީސީސީން ހިދުމަތަށް ނެރުނު ޑަބަލް ޑެކް ފެރީއަކީ އެ ކުންފުނިން ބޭނުންކުރާ އެހެން ފެރީތަކަށް ވުރެ ދެ ގުނަ އިތުރަށް މީހުން އުފުލޭ 204 މީހުންގެ ޖާގައިގެ ބޮޑު ފެރީއެކެވެ.

ބައެއް މީހުން ބުނީ އޮފީސް ގަޑިތަކުގައި ވަރަށް ބޮޑަށް ތޮއްޖެހި، ގިނަ ވަގުތު ޓާމިނަލް ތެރޭގައި ތިބެން ޖެހޭ ކަމަށެވެ. އަދި އެމްޓީސީސީން އެކަށީގެންވާ ހައްލެއް ގެނެސް ދީފައި ނުވާ ކަމަށް އެ މީހުން ބުންޏެވެ.

"ބައެއް ދުވަސް ދުވަހު ބައި ގަޑިއިރަށް ވުރެ ގިނައިރު ފެރީ ޓާމިނަލް ތެރޭގައި ތާށިވެފައި ތިބެން ޖެހޭ. ބޮޑަށް ތޮއްޖެހެނީ އޮފީހަށް މާލެ ދާ ގަޑީގައި އާއި އޮފީހުން ނިމިގެން ހުޅުމާލެ ދާ ގަޑީގައި،" ހުޅުމާލޭގައި ދިރިއުޅެމުން އަންނަ މީހަކު ބުންޏެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑަބަލް ޑެކް ފެރީ މަރާމާތަށް ތިލަފުށީގައި އެހެލާފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި އެ ފެރީ ހިދުމަތަށް ނެރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ހިދުމަތުގައި ބޭނުން ކުރާތާ އެއް އަހަރުވީމަ އާންމުކޮށް މެއިންޓަނަންސަށް ފެރީ އެހެލުމަކީ އާންމުކޮށް ކުރަމުން އަންނަ އުސޫލެއް، މަހެއްހާ ދުވަސް ވާނެ އެކަމުގައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑަބަލް ޑެކް ފެރީ ނެތުމުން، ދަތުރުވެރިންނަށް އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އިތުރު ފެރީތައް ހިދުމަތަށް ނެރެގެން ދަތުރުވެރިންނަށް ވީހާ ވެސް އަވަސް ހިދުމަތެއް ދޭން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ އަށް ވަނުމަށް އާ ނެރު ބޭނުން ކުރުމުގެ ކުރިން އެ ރަށާއި މާލެއާ ދެމެދު އާދައިގެ ފެރީއެއްގައި ދަތުރު ކުރުމަށް ހޭދަވީ ގާތްގަނޑަކަށް 20 މިނެޓެވެ. ނަމަވެސް އާ ނެރު ބޭނުން ކުރަން ފެށުމުން 25 މިނެޓު ހޭދަވެ އެވެ. ޕްރިމިއަމް ލިންކުން ދަތުރު ކުރާ ނަމަ، ކުރިން 16 ވަރަކަށް މިނިޓުން ކުރި ދަތުރަށް މިހާރު 20 މިނެޓް ވާނެ އެވެ.