ކޮވިޑް-19 ޖެހި، ބަލިން ރަނގަޅުވި ފަހުން ތިން މަސް ވެއްޖެ ނަމަ، އެކްޓިވް ސަވައިލަންސްގެ ދަށުން، ސާމްޕަލް ދޭން ޖެހޭނެ ކަމަށާއި އެ ކަމަށް އެއްބާރުލުން ދޭން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ އެދިއްޖެ އެވެ.
އެ ސެންޓަރުގެ މީޑިއާ ބްރީފިންގައި އެޗުޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހިފައިވާ ވަރު ބަލަން އެކްޓިވް ސަވައިލަންސްގެ މަސައްކަތް ކުރާ އިރު، އެ ބަލިން ރަނގަޅު ވެފައިވާ މީހުންގެ ސާމްޕަލް ނަގަން އުޅުމުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެހެންވެ، މި މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) އިން އެދެނީ، ބަލިން ރަނގަޅުވި ފަހުން ތިން މަސް ދުވަސް ވެއްޖެ ނަމަ އަލުން ސާމްޕަލް ދިނުމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮވިޑު ޖެހި ރަނގަޅު ވެފައިވާ މީހުންނަށް އެ ބަލި އަލުން ނުޖެހޭނެ ކަމަށް މިހާރު ބަލަމުން އަންނަ މުއްދަތަކީ ތިން މަސް ދުވަހެވެ. އެ އަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ ބަލި އަލުން ޖެހިދާނެ ކަމަށާއި އެހެންވެ ޓެސްޓުކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ. މިފަދަ ސާމްޕަލް ޓެސްޓު ކުރުމުން މި ބައްޔާ ގުޅޭ އިތުރު މައުލޫމާތު ދަސްވާނެ ކަމަަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"އެ މީހާގެ ސާމްޕަލް ނެގުން ވަރަށް މުހިއްމު ވާނެ. އެއީ އަޅުގަނޑުމެންނަށް އެ ބަލި ހަގީގަތުގައި [ޖެހެނީ] ކިހިނެއްތޯ [އިނގޭނީ އޭރުން]. ތިން މަސް ދުވަހުންތޯ ނުވަތަ އެ އަށް ވުރެ ގިނަ މުއްދަތެއްތޯ، އެވިޑެންސްތަކެއް މި ނެގެވެނީ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދޭން އާންމުކޮށް ދެކޮޅު ހަދަނީ އެ ބަލިން ރަނގަޅުވިތާ ހަ މަސް ވެފައިވާ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެހެންވެ، ބަލި ޖެހުނު ފަހުން ހަ މަސް ދުވަސް ވީ ނަމަ ވެސް، އާރްއާރްޓީ އަށް އެއްބާރުންދީ ސާމްޕަލް ދޭން އޭނާ އެދިވަޑައިގަތެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދޭތެރެއިން ދަށްވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ފަރުވާކުޑަ ކުރާކަން ވެސް ޑރ. އަފްޒަލް މި ބްރީފިންގައި ފާހަގަކުރެއްވި އެވެ. އަދި ނޭފަތް ނިވާކޮށްގެން މާސްކު އަޅާށާއި ގެއިން ބޭރަށް ދާ އިރު "ޓްރޭސްއެކީ" އެޕް ބޭނުން ކުރާށާއި ދުވަސްވީ މީހުން އުޅޭ ތަންތަަނަށް ޒިޔާރަތްކުރާ އިރު ރައްކާތެރިވާން ވެސް އޭނާ ހަނދާން ކޮށްދެއްވި އެވެ.