ރައީސް އަބްދުﷲ ޔާމީން ކުރައްވާ ކޮންމެ ކަމަކާ ދެކޮޅަށް މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައި ހުންނެވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ރައީސް ޔާމީން ފެކްޝަނުން މިއަދު ބުނެފި އެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ ވާހަކަފުޅުތައް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކުގެ ވާހަކަ ހުންނަ ގޮތަށެވެ.
"މައުމޫން އިއުލާން ކުރެއްވީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ރައީސް މައުމޫން ގެންދަވައިފި ކަމަށް. އެހެންވީމަ މި ދަންނަވަނީ ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމެއްގެ އިދިކޮޅަށް މިއަދު (މައުމޫން) އެ ހުންނެވީ،" އާރިފް ވިދާޅުވި އެވެ.
"އަސްލު" ނަމުގައި ރައީސް ޔާމީން ފެކްޝަނުން ބޭއްވި ޖަލްސާ އަށް ފަހު މައުމޫން ވަނީ "މަޖުބޫރުން ނަމަވެސް ޖަލްސާ އަށް ދިޔަ" ޕާޓީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޖަލްސާ ބޭއްވުމަށް ދައުލަތުގެ މުވައްޒަފުންނާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ވެސް ތުހުމަތު ކުރައްވާފައިވެ އެވެ.
"މަޖުބޫރު ހާލަތުން އެއްވެސް މީހަކު އައިސްގެން ނުވާނެ ކަމަށް ބުނެފައިވާނެ،" ޖަލްސާއަށް ގިނަ ބަޔަކު ހާޒިރުވީ މަޖުބޫރުވެގެން ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާ އާރިފް ވިދާޅުވި އެވެ.
ޖަލްސާ އަށް ރަށްރަށުން ގެނައި މީހުންނާ އެކު 12،000 މީހުން ބައިވެރިވި ކަމަށް އެ ފެކްޝަނުން ބުނެ އެވެ. އެ ޖަލްސާ އަށް ގިނަ ބަޔަކު ގެންދިޔައީ ފައިސާ ދީގެން ކަމަށް ބުންޏަސް ރައީސް ޔާމީން ފެކްޝަނުން ބުނަނީ "އެންމެން ވެސް ދިޔައީ އުފަލުން، ހިތްހަމަޖެހުމާ އެކު" ކަމަށެވެ.
ޕީޕީއެމްގެ ޖަލްސާއަށް އެއްވެސް މީހަކު މަޖުބޫރުން ހާޒިރުނުވާން ތަކުރާރުކޮށް އަންގާފައި ވާނެ ކަމަށް އާރިފް ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވެގެން، ތަފާތު ވާހަކަތައް ދެއްކުމަކީ އާންމު ކަމެއްގެ ގޮތުގައި އާރިފް ސިފަ ކުރެއްވި އެވެ.