ޕީޕީއެމްގެ އެއްވެސް ލިޔެކިޔުމެއް ނައްތައެއް ނުލަން: އަލީމް

ޕީޕީއެމްގެ ކުރީގެ އޮފީހުގައި ހުރި ލިޔެކިޔުންތަކެއް ނައްތައިލި ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުން އައްޔަންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ރޭ ދޮގުކުރައްވައިފި އެވެ.


ޕީޕީއެމްގެ ކުރީގެ އޮފީސް އަދި މިހާރު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީސް ހުންނަ ހ. ތެމާ އާއި އަލީމް ދިރިއުޅޭ ގ. އުފުރިޔާ ފުލުހުން ރޭ ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އަލީމް ފުލުހުންގެ އިދާރާއަށް ރޭ ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގައިފަ އެވެ. މީގެ އިތުރުން މައްސަލައިގެ ތަހުގީގަށް އަލީމްގެ ފޯނު ފުލުހުން ވަނީ އަތުލައިފަ އެވެ.

އަލީމް ވިދާޅުވީ ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކުރީ ޕީޕީއެމްގެ ކުރީގެ އޮފީހުގައި ހުރި ލިޔެކިޔުންތަކެއް ބަޔަކު ނައްތައިލި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. އޭނާގެ އިތުރުން ޕީޕީއެމްގެ އެސިސްޓަންޓް ރެޖިސްޓްރާ އަދި މައުމޫން ފެކްޝަންގައި ހިމެނޭ ފާތުމަތު ޝަހީދާ ވެސް ފުލުހުންގެ އިދާރާއަށް ރޭ ހާޒިރުކުރި އެވެ.

"އަޅުގަނޑަށް 100 ޕަސަންޓު ޔަގީންކަން އެބައޮތް އެ ތަނުގައި [ޕީޕީއެމްގެ ކުރީގެ އޮފީސް] ހުރި ހާޑާއި ހުރިހާ ލިޔެކިޔުންތަކެއް އެބޭފުޅުން [ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން] ލޮރީތަކަށް އަރުވައިގެން ގެންދިޔަކަން. އިތުރު މަގުބޫލުކަމެއް ހޯދަން ހުށަހަޅައިގެން އުޅޭ މައްސަލައެއް މިއީ،" އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ކުރީގެ އޮފީހުގައި ހުރި ހުރިހާ ތަކެތި ދަރުބާރުގެއަށް ގެންގޮސް، އެ ތަން ހުސްކޮށް، އެންމެ ފަހު ވަގުތާ ހަމައަށް ވެސް އިދާރީ ގޮތުން އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ވާނެ ކަމަށެވެ. އަދި ހާޑް ޑިސްކުގައި ހުރި އެއްވެސް އެއްޗެއް ފޯމެޓްކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮފީހުގައި އުޅޭ އެހެން މުވައްޒަފަކު ވެސް އެކަހަލަ ކަމެއް ނުކުރާނެ،" އަލީމް ވިދާޅުވި އެވެ.

ކޯޓު އަމުރުގައި ބުނާ ގޮތުން ދެ ތަން ފާސްކުރީ، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ މުދާތައް އެހެން ތަނަކަށް ގެންދިޔައިރު، ކޮމްޕިއުޓަރުތަކުގެ ފަސް ހާޑް ޑިސްކާއި ޕާޓީގެ ދަފްތަރާއި ބައެއް ލިޔުންތައް ގެއްލިފައިވާ މައްސަލައިގަ އެވެ. ޕީޕީއެމްގެ ކުރީގެ އޮފީހަށް ފުލުހުން ރޭ ވަދެ ފާސްކުރީ މައުމޫންގެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށެވެ. އެވަގުތު މައުމޫން ވެސް އޮފީހުގައި އިންނެވި އެވެ.

ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި ރައީސް ޔާމީނަށް ތާއީދުކުރާ ފެކްޝަނަކާއި މައުމޫންގެ ފެކްޝަނެއް އުފެދި ރައީސް ޔާމީންގެ ފެކްޝަނުން ވަނީ، ތެމާގައި ހިންގި އޮފީހުގައި ހުރި ތަކެތި އެހެން ތަނަކަށް ކުރިން ގެންގޮސްފަ އެވެ.

ރައީސް ޔާމީން ފެކްޝަނުން ބުނި ގޮތުގައި ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަމާ އެކު، ޕީޕީއެމްގެ އޮފީހަށް ވަދެ ތަކެތި ގެންދިޔައިރު، ބައެއް ކޮމްޕިއުޓަރުތަކުގައި ހާޑް ޑްރައިވް ނެތެވެ. އަދި ހާޑްޑްރައިވް ހުރި ކޮމްޕިއުޓަރުތަކުގައި ހުރި އެއްޗެހި ފޮހެލާފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ހިސާބުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެކި ފަރާތްތަކާ އެކު ހަދާފައި ހުރި އެއްބަސްވުންތައް ފަދަ މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް އެ ފެކްޝަނުން ތުހުމަތުކުރެ އެވެ.