ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރައީސް ޔާމީންގެ ފެކްޝަން ދުވާފަރަށް

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ޕާޓީގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ރ. ދުވާފަރުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.


ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ރައީސް ޔާމީނާއި އެ ފެކްޝަންގެ އިސްބޭފުޅުން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް އެ ފެކްޝަނުން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް "އަސްލު" ގެ ނަމުގައި މާލޭގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ. ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަތަރު ހާހެއްހާ މީހުން މާލެ އައި ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ބުނެފައިވެ އެވެ. އަދި ޖަލްސާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ފްކެޝަނުން ބުންޏެވެ.

ހަލީލް ވިދާޅުވީ ދުވާފަރުގައި ޖަލްސާ ބާއްވަނީ އެއީ އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި ޕީޕީއެމަށް ބޮޑު ތަރުހީބެއް އޮންނަ ރަށަކަށް ވާތީ ކަމަށެވެ. މީގެ އިތުރުން ދެކުނުގެ ހިސާބުގައި ވެސް ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވާރުގައި ބާއްވާ ޖަލްސާގައި އެ އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ވެސް ބައިވެރިވާނެ. އެ ޖަލްސާގައި ޕީޕީއެމަށް މެމްބަރުން ސޮއިކުރުން ވެސް އޮންްނާނެ،" ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލް ވިދާޅުވި އެވެ.

ދެފަޅިވެފައިވާ ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ވެސް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ދުލެއް ނުކުރި އެވެ. އެތަން ދޫކުރަން އެއްބަސްވެ ހައުސިން މިނިސްޓްރީން ފައިސާ ބަލައިގަތް ނަމަވެސް ފަހު ވަގުތު ވަނީ ޖަލްސާ އަށް ދަރުބާރުގެ ދޫކުރަން ދެކޮޅު ހަދައިފަ އެވެ. އެހެންވެ ޕާޓީގެ ރަސްމީ އޮފީހުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ޖަލްސާ ބާއްވަން އުޅުމުން ވެސް ފުލުހުން މެދުވެރިކޮށް ވަނީ ޖަލްސާ ހުއްޓުވައިފަ އެވެ.

މި ހުރަސްތަކާ އެކު ވެސް މައުމޫން ވަނީ ޝީ ބިލްޑިންގްގައި ބޭއްވި ހަފުލާއެއްގައި، ފަސް ވަނަ އަހަރީ ދުވަހުގެ ކޭކު ފަޅުއްވައިފަ އެވެ. ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން ވެސް މައުމޫން އިއުލާންކުރެއްވީ އެ ހަފުލާގަ އެވެ. ޕީޕީއެމްގައި ރައީސް މައުމޫން އަދާކުރެއްވި ޒިންމާތައް ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރުމާ އެކު ޔާމީން ފެކްޝަނުން ވަނީ ޕާޓީގެ ރަސްމީ އޮފީހުގައި ހުރި މުދަލާއި ލިޔެކިޔުންތައް ވެސް ގެންގޮސްފަ އެވެ.