އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަން އުޅުމަކީ ގާނޫނު އަސާސީއާ ޚިލާފުވުން: މައުމޫން

ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ގަދަވެގަންނަން އުޅުމަކީ ގާނޫނު އަސާސީއާ ޚިލާފުވުން ކަމަށާއި ގާނޫނުއަސާސީގެ ދިފާއުގައި ގުޅިގެން މަސައްކަތް ނުކޮށްފި ނަމަ، ފުންމިން ނޭނގޭ އަނދިރި ވަޅުގަނޑަކަށް ސިޔާސީ ގޮތުން ރާއްޖެ ވެއްޓިދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ތިން ބާރު ވަކިވެފައިވާ ނިޒާމަކަށް ދިވެހިން ތާއީދުކޮށް އެ ނިޒާމު ގެނައިއިރު ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރަންވާނީ އެގޮތުގެ މަތިން ކަމަށެވެ.

"ގާނޫނުއަސާސީގައިވާ ގޮތުން ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ގާނޫނުއަސާސީން ކަނޑައަޅާފައިވާއިރު، ގާނޫނުއަސާސީ ދަމަހައްޓައި ދިފާއު ކުރުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކެވެ،" މައުމޫން ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީޕީއެމް ތެރޭގައި މައްސަލަ ޖެހި، ޕާޓީގެ ރައީސް ކަމުގެ ބާރުތަކުން އެއްފަރާތްކޮށްފައިވާ މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އިންތިހާބީ ރައީސުންގެ އަތުން ޕާޓީ ހިންގުމުގެ ބާރު ނިގުޅައިގަތުމަށް ކުރެވޭ ކޮންމެ ކަމަކީ ޑިމޮކްރަސީ އާއި ރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ކުރިމަތިވާ ވަރުގަދަ ގޮންޖެހުމެއް ކަމަށެވެ.

"އެހެންކަމުން ރާއްޖޭގެ ދިމުގްރާތީ ނިޒާމުގެ ދިފާއުގައި އަދި ރާއްޖޭގެ ގާނޫނުއަސާސީގެ ދިފާއުގައި އެންމެން ގުޅިގެން މިދަނޑިވަޅުގައި މަސައްކަތް ކުރުން ވަރަށް މުހިންމެވެ. މިގޮތަށް މަސައްކަތްނުކޮށްފި ނަމަ، ސިޔާސީ ގޮތުން ރާއްޖެ ވެއްޓިގެން ދާނީ ފުންމިން ނޭނގޭ ވަރަށް އަދިރި ވަޅުގަނޑަކަށެވެ،" މައުމޫން ވިދާޅުވި އެވެ.

ޖުމްހޫރިއްޔާއެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެ ޖުމްހޫރިއްޔާއެއްގައި ހިމެނޭ ރައްޔިތުން ކަމަށާއި އެއީ ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށްވާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމަށް ފަހު، ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ހިނގަމުންދާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ.