23 މާޗް 2021 - 07:49
މިސްރުގެ މަޝްހޫރު އެކްޓަރު/ލަވަކިޔުންތެރިޔާ މުހައްމަދު ރަމަދާންއާ އެކު ވީޑިއޯ ލަވައެއް ކުޅުމުގެ ފުރުސަތު ބޮލީވުޑްގެ ބަތަލާ އުރްވަޝީ ރޯޓޭލާ އަށް ލިބިއްޖެ އެވެ.
"ވަސާޗޭ" ގެ ނަން ދީފައިވާ ލަވައިގެ ޝޫޓިން ނިންމާލައި ލަވަ ރިލީޒްކުރަން ވެސް ތައްޔާރުވަމުން އަންނަ އިރު އުރްވަޝީ ވަނީ އެ ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. ޑޮލަރު ބޮނޑިތަކެއް ފެންނަ ފޮޓޯއަކާ އެކު އޭނާ ބުނީ ލަވަ ދައްކައިލަން މިހާރު ކެތްމަދުވެފައިވާ ކަމަށެވެ. އަދި މުހައްމަދާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.
ލަވައިގެ ވާހަކަ މުހައްމަދުގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އުރްވަޝީ އަށް މިސްރުގެ ވީޑިއޯ ލަވައެއް ކުޅެން ލިބުނު އިރު އޭނާ އަކީ ބޮލީވުޑްގައި އެހާ ވިދާ ބަތަލާއެއް ނޫނެވެ. އަދި ކުޅެން ރަނގަޅު ފިލްމުތަކެއް ވެސް ލިބޭ ބަތަލާއެއް ނޫނެވެ. ދެހާސް ތޭރައިގެ "ސިންގް ސާބް ދަ ގްރޭޓް" އިން ސަނީ ޑިއޯލްއާ އެކު ތައާރަފުވި ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު "ވާޖިން ބާނޫޕްރިޔާ" އެވެ.
މިސް ޔުނިވާސްގައި 2015 އިން އިންޑިއާ ތަމްސީލުކުރި އުރްވަޝީ، 27، ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހޭޓް ސްޓޯރީ" އާއި "ޕާގަލްޕަންތީ" އަދި "ސަނަމް ރޭ" ހިމެނެ އެވެ. އޭނާ ދާދި ފަހުން ރަންދީޕް ހޫޑާއާ އެކު "އިންސްޕެކްޓަރު އަވިނާޝް" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ނިންމާފައިެވ އެވެ.
އުރްވަޝީ މިހާރު އަންނަނީ ތެލެގޫ ފިލްމަކާއި ތަމަޅަ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy