މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އިސްލާހު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ވަނީ ބޭރުކޮށްލާފައި. - ފޮޓޯ: މަޖިލިސް
22 ނޮވެމްބަރ 2016 - 16:30
އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެއްޖެ ނަމަ، އެ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބޭރުކޮށްލީ ރައްޔިތުންގެ ޝުއޫރުތަކަށް ވިސްނާފައި ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ ޕީޕީއެމާއި އެމްޑީއޭގެ ބައެއް މެމްބަރުންގެ ވޯޓާއެކުގަ އެވެ. މި އިސްލާހު ފާސް ކުރަން ވޯޓު ދެއްވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމެވެ.
މި އިސްލާހު ބޭރުކޮށްލަން ޕީޕީއެމް ކޯލިޝަނުން ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ އިސްލާހު ބޭރުކޮށްލީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
މާފަންނު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގްރޫޕަކީ މިނިވަންކަމާއެކު މަސައްކަތް ކުރާ ގްރޫޕެއް ކަމަށެވެ. އަދި އެ ގްރޫޕުން އަބަދުވެސް އަމަލު ކުރާނީ ރައްޔިތުންގެ ވިންދާއި ޝުއޫރުތަކާ އެއްގޮތަށް ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ.
"ސަރުކާރުން ފޮނުވާ ކޮންމެ ބިލެއް ފާސް ނުކުރާނެ ކަން މިކަމުން އެނގެނީ،" އަސްމާ ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން ވިދާޅުވި ގޮތުގައި ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އިސްލާހު ފާސް ކުރިނަމަ، ގިނަ ބައެއްގެ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން އުމުރުން ދުވަސްވީ ގިނަ ބައެއްގެ ވޯޓު ބާތިލްވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް މިފަދަ އިސްލާހެއް ފާސްކޮށްގެން އާންމުން ހޭލުންތެރި ކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޯޓު ކަރުދާހުގައި އުމުރުން ދުވަސްވީ މީހުންނަށް ނުބައި ރޮނގެއް ލިޔެވިގެން ވޯޓު ބާތިލްވެދާނެ. ގަލަން ބޭނުންކޮށްގެން ފާހަގަ ޖަހާ ގޮތަކުން ވޯޓު ބާތިލްވެދާނެ. އެހެންވީމަ މިކަހަލަ ސެންސިޓިވް ކަންކަން ހުރީމަ އަޅުގަނޑުމެންނަށް ވިސްނުނީ އިސްލާހު ފާސް ނުކުރަން،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ވޯޓުތަކެއް ބާތިލްވާނަމަ، ވޯޓު ގުނާ ގަޑީގައި ހަމަނުޖެހުން ހިނގުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެހެންވެ، މި ދަނޑިވަޅުގައި މި އިސްލާހު ފާސް ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އިސްލާހު ފާސް ކުރަން އެމްޑީޕީން އަބަދުވެސް ތާއީދު ކުރާ ކަމަށެވެ. ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓު ދޭ މީހާ އެނގޭނެހެން އިތުރު ފާހަގައެއް ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދީދީ ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ 43 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އިތުރުން ޖޭޕީގެ 24 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ. މިއީ ސަރުކާރުގެ މެމްބަރަކު ހުށަހެޅުއްވި ބިލެއް މަޖިލީހުން މި ފަހުން ފާސްނުވެ ބޭރުކޮށްލި ފުރަތަމަ ފަހަރެވެ.
ދީދީ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލް ވާނެ ކަމަށެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ދީދީ ވިދާޅުވީ އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓު ދޭ މީހާ އެނގޭނެހެން އިތުރު ފާހަގައެއް ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރު ކަން ގެއްލޭތީ ކަމަށެވެ. އިސްލާހު ހުށަހެޅުއްވީ އިންތިހާބުތަކުގައި ލާ ވޯޓަކީ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސިއްރު ވޯޓެއްކަން ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާގޮޑި ރާޖާ
23 November 2016
މި ލިއުމާ ގުޅިގެން ކޮއްފަ ހުރި ކޮމަންޓު ތަކާ އަދި ތި ބިލައް ތާއީދު ކޮއްފަ ހުރި ބިލް ތަކައް ލިބިފަ ހުރި ލައިކުން ރައްޔިތުންގެ ސުއޫރު ވަރައް ސާފު ކޮން ފެނޭ. ވަރައް ސަލާން
އަލްޖިބްރާ
23 November 2016
ރައްޔިތުންގެ ޝުއޫރޭ ؟ ރައްޔިތުން ބަޑަށް ޖެއްސުން އެންމެ ރަގަޅުދޯ ؟ ކަލޭމެނަށް ގެއްލުންވާނެކަމަށް ހީވުމުން ބޭރުކޮށްލީ ! ކަލޭމެނަށް ފައިދާ ވާގޮތެއް އޮތީވިއްޔާ ރައްޔިތުންގެ ކަރަށް ފައިން އަރާފަވެސް އެކަމެއް ފާސް ކުރާނެކަން މިއެގެނީ !
ޕަޕެޓް ފެކްޝަން
23 November 2016
ހަމަ ސީދާ ޕަޕެޓުން
ޙަސަންދީ
23 November 2016
އަސްމާއައް ބުނެލަން އޮތީ ތިޔަކަހަލަ މަކަރުވެރި ދޮގުތައް ހަދާފަ ނަމަ ނަމަ ވޯޓް ހޯދަން ނާންނައްޗޭ ދެނެއް ވޯޓެއް ނުދޭނަމާ
ފޮނިސޮރު
23 November 2016
އަސްމައްތާ. މީބިލެއްތަ؟ ވޯޓްކަރުދާހުގައި ފާހަގަލުން މީ ބިލެއްނޫން . ބިލެތްގަނޑެއް. ތިޔައީ ފާޑުކިޔުންތައްގިނަވާތީ އެކަމުން ރެކެން ހުށަހެޅި އެއްޗެއް. ތިޔަކަށް އަހަންމެން ބިލެކޭ ނުކިޔާނަށް.
ސައްދާމް
23 November 2016
މިއޮތީ މޮޅު އިޝްތިހާރެއް ކުޅެފައި............. އަހަރުމެންނީ މޮޔައިން ތަ ؟
ބޮކިފަތި 3 އަހަރު
23 November 2016
ވަރަށް ރައްޔިތުންގެ އިހުސާސްތަކަށް ބަލާބައެއްހެން ހީވަނީ. އަމިއްލަ ޖީބަށް ބަރުކުރުން ނޫންކަމެއް ނުކުރޭ.
މުހައްމަދޫ
22 November 2016
ބަހުސް ކުރަންފެށުމުން ބޮސް އަށް އިގުނީ މިކުރެވެނީ ގޯސްކަމެއްކަން، އަސްލު ބޭނުންވާނީ މިހާރުވެސް އޮތްގޮތަށް ނަމްބަރު ޖެހޭގޮތަށް ބާއްވަން،...............
ހިނިއަންނަނީ
22 November 2016
ރައްޔިތުންގެ ޝުއޫރޭ؟ ތިބޭފުޅުން ސަމާސާކުރަނީ ތޯ؟
އަޙްމަދު
22 November 2016
ދެން ކީއްކުރަން ހުށަހެޅީ.