މިއީ ގިނަ ބައެއްގެ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް

އުމުރުން 65 އަހަރުން މަތީ މީހުންނަށް ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅީ ގިނަ ބައެއްގެ ސިޔާސީ ހަޔާތް ދުއްވާލަން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ. އެކަމަކު މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސަލީމްގެ ވިޔަފާރީގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.


މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ދާދިފަހުން ޔާމީން ފެކްޝަނާ އަލުން ގުޅިވަޑައިގެންނެވި ސަލީމް ވިދާޅުވީ ސިޔާސީ މަގާމަކަށް އައުމަށް ބައެއް މީހުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިގައި ނުވަތަ ސިވިލް ސާވިސް ތެރޭގައި އެތައް އަހަރެއްވަންދެން މަސައްކަތްކޮށް ތަޖުރިބާ ލިބުމަށް ފަހު ކަމަށެވެ.

"އުމުރު ދުއްވާލައިގެން މަސައްކަތްކޮށް ތަޖުރިބާ ހޯދައިގެން ސިޔާސީ މައިދާނަށް ނިކުންނައިރު ސިޔާސީ ކެރިއަރު މި ދުއްވާލަނީ. އެއީ އެކަން ވާނެ ގޮތެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވަމުން ސަލީމް ވަނީ ބައެއްގެ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ސިޔާސީ މަގާމަކަށް އަންނަން ބަޔަކު ކުރާ މަސައްކަތް ނާކާމިޔާބު ކުރަން ފުރުސަތު ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމީ ތާރީހުގެ ތެރޭގައި ކަންކަން ހިނގާފައިވާ ބައެއް ކަންކަމުން މިސާލު ނަންގަވަމުން ސަލީމް ވަނީ އެ ކަންކަމުން އިބުރަތް ހާސިލްކޮށް ވިސްނާވަޑައިގަތުމަށް މެމްބަރުންނަށް ގޮވާލައްވާފަ އެވެ. އަދި ހިތަށް އަރާއިރަށް ވިސްނާނުލައި ގާނޫނަށް ބަދަލު ގެނެސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ގައުމު ތަރައްގީވެ، ރައްޔިތުންގެ އަތްމަތި ތަނަވަސްވާން އޭނާ ވެސް ބޭނުންވެ އެވެ. އެކަމަކު އިންސާނުން ގަބޫލު ނުކުރެވޭ ކަންކަމަށް ތާއީދު ކުރެވެން ނޯންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް މި އިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

އިސްލާހު ހުށަހެޅުއްވި ޝުޖާއު ވިދާޅުވި ގޮތުގައި އުމުރުން 65 އަހަރުވުމުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ޒިންމާއެއް އެންމެ އެކަށީގެންވާ ވަރަށް ނުއުފުލޭނެ އެވެ. ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭތީ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.