އެންޑީއޭގަައި ފަރުވާ ހޯދާ ހަތަރު މީހަކަށް އެސްޓީއޯއިން ވަޒީފާ ދެނީ

މަސްތުވާތަކެތި ބޭނުން ކުރުމުން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ ހަތަރު މީހަކަށް އެސްޓީއޯއިން ވަޒީފާ ދޭން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


އެސްޓީއޯގައި މިއަދު ބޭއްވި ހަފުލާއެއްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އެންޑީއޭގެ ފަރާތުން ސޮއިކުރީ އެތަނުގެ ސީއީއޯ ހަސަން ޝަހީރެވެ.

އެ އެއްބަސްވުމުގެ ދަށުން، އެންޑީއޭ އިން ފަރުވާ ހޯދާ ހަތަރު މީހަކަށް އެސްޓީއޯ އިން ވަޒީފާ ދީ، ތަޖުރިބާއަށް ބެލުމަށް ފަހު ކުރިއަށް އޮތް ތަނުގައި އިތުރު ފަރާތްތަކަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން އެންޑީއޭގައި ފަރުވާ ހޯދާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން އެންޑީއޭ އިން ދަނީ މަސައްކަތް ކުރަމުންނެވެ.