ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރަން ބުނި ފަހުން ދެ އަހަރު

ޓީޗަރުންގެ މުސާރަ ބޮޑުކުރި ފަދައިން ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ވެސް މުސާރަ ބޮޑުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ބުނިތާ ދެ އަހަރު ވާން ކައިރިވެފައިވާއިރު، މުސާރަ ބޮޑުނުކޮށްދޭތީ ބައެއް ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ. އަދި އެއާ އެއްގޮތަށް ސީނިއާ މެނޭޖްމެންޓުގެ ވެސް މުސާރަ ބޮޑުކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން އެދުމުން ރައީސް އޮފީހުން ވަނީ މިދިޔަ އަހަރު ނިމުމުގެ ކުރިން މުސާރަ ބޮޑުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެ އަހަރު ވާން ކައިރިވެފައިވާ އިރު ވެސް މުސާރަ ބޮޑުނުކޮށްދޭތީ ބައެއް ޕްރިންސިޕަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހަށް ގުޅުމުން އެތަނުން ބުނީ ފަހުން ޖަވާބެއް ދޭނެ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ވުރެ ބައެއް ޓީޗަރުންގެ މުސާރަ ބޮޑެވެ. އެގޮތުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މާސްޓާސް ޑިގްރީ އޮންނަ ޓީޗަރެއްގެ މުސާރަ، 9،900ރ. އަށް އަރާއިރު މި ކޮލިފިކޭޝަންގެ ޕްރިންސިޕަލެއްގެ މުސާރައަކީ 8،800ރ. އެވެ.

"އަޅުގަނޑުމެންނަށް އަންގާފައި އޮތް ގޮތުން ސީނިއާ މެނޭޖްމެންޓުގެ މުސާރަ އަށް މިދިޔަ އަހަރު ނިމުމުގެ ކުރިން ރަނގަޅު ބަދަލެއް އަންނާނެ. އެކަމަކު މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ބައެއް ޓީޗަރުންނަށް ވެސް ދަށް މުސާރައެއްގައި،" މާލޭގެ ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސާރަ އަށް ހެޔޮ ބަދަލެއް ނާންނާތީ ވަރަށް ގިނަ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން މިހާރު މަގާމު ދޫކޮށް، އެހެން ދާއިރާތަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަމަށް ހައްލެއް އައިސްފައި ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަމަލު ކުރަން ފެށި "ސްޓާފް ރިކުއަމެންޓް"ގެ ސަބަބުން ގިނަ އަދަދެއްގެ ޑެޕިއުޓީ ޕްރިންސިޕަލުން ވަނީ މަގާމުން ވަކިވެފަ އެވެ.

އޭގައިވާގޮތުން 1000 ދަރިވަރުންނަށް ވުރެ މަދުން ކިޔަވާ ސްކޫލެއްގައި ނަމަ ހުންނަން ޖެހޭނީ އެންމެ ޑެޕިއުޓީ ޕްރިންސިޕަލެކެވެ. އަދި އެއަށް ވުރެ އިތުރު ވާނަމަ، ގިނަ ވެގެން ތިބެން ޖެހޭނީ ދެ ޑެޕިއުޓީ ޕްރިންސިޕަލުންނެވެ.

"ހަގީގަތުގައި އެންމެ މަސައްކަތް ބުރަވާނީ ޑެޕިއުޓީީ ޕްރިންސިޕަލުންނަށް. ކުރިން މި ސްކޫލުގައި ހަތަރު ޑެޕިއުޓީން ތިބި ނަމަވެސް އާ ގަވައިދުގެ ދަށުން އެ އަދަދު ދޭކަށް މަދުވުމުން އެ މީހުންގެ މަސައްކަތް އިތުރަށް ބުރަ ވެއްޖެ. އެކަމަކު އެ ބަދަލެއް މުސާރައަކުން ނުފެނޭ،" މާލޭގެ އެހެން ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަދެއްކެވި، ޕްރިންސިޕަލް ވިދާޅުވީ އޭނާއާ އެކު ޕްރިންސިޕަލް ކަމުގެ ޓްރޭނިން ހެދި ދިހަ މީހުންގެ ތެރެއިން މިހާރު މަގާމުގައި ދެމި ތިބީ އެންމެ ދެ މީހުން ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ސްކޫލުތަކަށް، ޕްރިންސިޕަލުން ލިބުމުގެ ދަތިކަން ދިމާވެފައިވާއިރު ވެސް މި މައްސަލަ ހައްލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.