"މިހާރު"ގައި ޖެހި ހަބަރަކާ ގުޅިގެން އެމްޑީޕީގެ ޝިފާޒް ފުލުސް އޮފީހަށް

"މިހާރު"ގައި ޖެހި ޚަބަރަކާ ގުޅިގެން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ފުލުސް އޮފީހަށް މިރޭ ހާޒިރުވާން އަންގައިފި އެވެ.


އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝިފާޒްއާ ސުވާލުކުރަނީ މިދިޔަ ސެޕްޓެމްބަރު 20 ގައި "މިހާރު"ގައި ޖެހި ޚަބަރަކާ ގުޅިގެން ކަމަށް އެނގިފައިވާ ކަމަށެވެ.

އެ ޚަބަރާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި "މިހާރު"ގެ ނޫސްވެރިޔާ ފަޒީނާ އަހުމަދާ ވެސް ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

އޭނާގެ އަބުރު ގެއްލުނު ކަމަށް ސުޖާއު ބުނަނީ އެ ހަބަރުގައި އޭނާ އަކީ "އެމްޑީއޭގެ މެމްބަރެއް" ކަމަށް ލިއެފައި އޮތުމުންނެވެ.

އެމްޑީޕީން ބުނީ ޝިފާޒް ފުލުސް އޮފީހަށް ހާޒިރުކުރަން އެންގި އެންގުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ހުއްޓާލަން ވެސް އެ ޕާޓީން ގޮވާލި އެވެ.

"އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ފާސްކޮށް މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ހަގީގީ ބޭނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުން ކަމުގައި މިއަދު މިއަންނަނީ ހާމަވަމުންނެވެ. އެންމެ ފުރަތަމަ ވެސް މި ގާނޫނުގެ ދަށުން ސުވާުލުކޮށް ބަޔާން ނަގާފައި ވަނީ ދިވެހިރާއްޖޭގައި އެންމެ ކުޅަދާނަ އެއް ނޫސްވެރިއެއްގެ ފަރާތުންނެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"އެއަށް ފަހު ދެން ސުވާލުކުރުމަށް ނިންމާފައި މިވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރަކާތްތެރި ސިޔާސީ ޕާޓީގެ ނައިބު ރައީސާ އެވެ."

އެމްޑީޕީން ބުނީ އެއްވެސް ފަރާތެއްގެ އަބުރު ގެއްލޭ ފަދަ ވާހަކައެއް އެ ހަބަރުގައި ނެތް ކަމަށެވެ. އެހެންކަމުން ޝިފަޒާ ސުވާލުކުރުމަކީ ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި ފުލުހުންގެ އަމަލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެ، މިނިވަން ނޫސްވެރިކަން ނެތިކޮށްލައި، ނޫސްވެރިނަށާއި ނޫސްތަކަށް ބިރު ދެއްކުމެވެ.

"އެހެންކަމުން މިފަދަ ގާނޫނީ ހަމައެއް ނެތް ކަންކަމުގައި ފުލުހުންގެ އަގުހުރި ވަގުތު ނަގާނުލައި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތް ބައްޓަންކޮށް ޑިމޮކްރަސީގެ އުސޫލަށް ވާސިލްވުމަށް ފުލުހުންނަށް ގޮވާލަމެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ގޮވާލަމެވެ،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ.