މެންދުރު ނަމާދަށް ފަހު ޒުވާން އުމުރުގެ މީހަކު މިސްކިތުގައި ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 މާޗް 2023 - 10:08
އިންސާނާގެ ނަފްސަކީ ތަގުވާވެރި ވުމުގައި ތަފާތު ދަރަޖަތަކެއް ލިބިގެންވާ އެއްޗެކެވެ. އެއް ދަރަޖައެއްގައި އެއީ ނުބައި ކަންކަމަށް އަމުރުކުރާ އެއްޗެކެވެ. އަނެއް ދަރަޖައެއްގައި އެއީ ނުބައި ކަންކަމަށް ހުށަހެޅިއްޖެ ނަމަ އަމިއްލަ އަށް ކުށްވެރިކުރާ އެއްޗެކެވެ. އަދި އަނެއް ދަރަޖައެއްގައި އެއީ ކާމިޔާބީގެ އުފަލާއި ހަމަޖެހުން ލިބިފައިވާ އެއްޗެކެވެ.
އިންސާނާ ދުނިޔެ އާއި އާހިރަތް ކާމިޔާބު ކުރަން ބޭނުން ނަމަ އެންމެ ފަހުން މި ބުނެވުނު ދަރަޖަ އަށް ދާން މަސައްކަތް ކުރަން ޖެހެ އެވެ. ކުރާނެ ވަރަށް ގިނަ ކަންކަން އިސްލާމްދީނުގައި ރޭވިފައި ވެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ކަންކަމުގެ ހަގީގަތްތައް ހައްގު ގޮތުގައި ދެނެގަނެ އެ ކަންކަން ހިތުގެ އަޑިން ގަބޫލު ކުރުމެވެ. އިސްލާމީ އަގީދާ ވަރުގަދަ ކުރުމެވެ.
ދެވަނަ ކަމަކީ އިސްލާމީ އަޅުކަންތައްތަކުގެ ތެރެއިން ނަފްސު ތަޒުކިޔާ ނުވަތަ ތަހުޒީބު ކުރުމެވެ. އަޅުކަންތައްތަކުގެ ތެރެއިން ރޯދައަކީ ނަފްސު ހާނުވައި، ތަޒުކިޔާ ކުރުމުގައި ވަރަށް މުހިންމު ތަމްރީނެކެވެ. ހާއްސަކޮށް ރަމަޟާންމަހުގެ ރޯދަ އެވެ.
މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިހާރު ވަނީ އަޅުގަނޑުމެންނާ ވަރަށް ކައިރީގަ އެވެ. އެ މާތް މަހުގެ ދުވަސްތަކާއި ރޭތަކުގައި އިންސާނާ ކުރާ ހެޔޮ ޢަމަލުތަކުގެ މާތްކަމާއި މަތިވެރިކަން ކީރިތިޤުރުއާނުންނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން އެނގެ އެެވެ.
ޤުރުއާނާއި ސުންނަތުގެ އަލީގައި ބަލާއިރު ރަމަޟާން މަހަކީ ބަރަކާތާއި ރަހުމަތާއި ފުއްސެވުމުގެ މަހެކެވެ. އެއީ ﷲގެ ހަޒުރަތުގައި އެންމެ މާތް މަހެވެ. އެ މަހުގެ ދުވަސްތަކަކީ އެންމެ މާތް ދުވަސްތަކެވެ. އެ މަހުގެ ރޭތަކަކީ އެންމެ މާތް ރޭތަކެވެ. އެއީ ރަޙްމާންވަންތަ މާތް ﷲގެ ހާއްސަ މެހުމާނަކަށް ވުމަށް ދައުވަތު ދެވިފައިވާ މަހެކެވެ. އެކަލާނގެ ހަޒުރަތުން ކަރާމަތްތެރިކަމާއި ދީލަތިކަން ލިބެނިވި މަހެކެވެ. އަމަލުތައް ގަބޫލު ވެވެނިވި މަހެކެވެ. ދުއާތައް އިޖާބަ ކުރެވެނިވި މަހެކެވެ.
އެ ހުރިހާ ސަބަބުތަކަށްޓަކައި އެ މައްސަރާ ކުރިމަތިލާއިރު އަޒުމްތަކެއް ކަނޑައަޅަން ޖެހެ އެވެ. ތެދުވެރި ނިޔަތާއެކު އަދި ތާހިރު ހިތަކާއެކު އެ މަހުގެ އަޅުކަމުގައި ތައުފީގު ދެއްވުމަށް އެދި ﷲގެ ހަޒުރަތުގައި ދުއާ ކުރުމުގެ އަޒުމް ކަނޑައަޅަން ޖެހެ އެވެ. އެއީ މާތް ﷲގެ ރަހުމަތާއި ފުއްސެވުމުން މަހުރޫމު ވުމުގެ ސަބަބުން އަބާއްޖަވެރިއަކަށް ވިޔަނުދިއުމަށްޓަކަ އެވެ. އަދި ކާމިޔާބު ހޯދުމަށްޓަކައި އެ މަހުގެ ދުވާލު ވަގުތުގައި ރޯދައިގެ ސަބަބުން ލިބޭ ހައިކަމާއި ކަރުހިއްކުން އެއީ ގިޔާމަތުގެ ހަނދާން ކުރަން ލިބޭ ފުރުސަތެއް ކަމަށް މިހާރުއްސުރެ ބަލަން ވެެެއްޖެ އެވެ. ފަގީރުންނާއި މިސްކީނުންނަށް އެހީ ފޯރުވަން އާދަކުރަން ވިސްނަން ވެެއްޖެ އެވެ. ބޮޑެތި މީހުނަށް އިހުތިރާމުކޮށް، ކުޑަކުދިންނަށް އޯގާތެރިވެ ރަހިމުގެ ގުޅުންތައް ވާސިލުކޮށް ދޫތައް ރައްކާތެރި ކުރަން އަޒުމް ކަނޑައަޅަން ވެއްޖެ އެވެ. ހުއްދަ ނޫން ބެލުންތަކާއި ހުއްދަ ނޫން އަޑުއެހުންތަކުން ރައްކާތެރިވުމަށް ނިޔަތްގަންނަން ވެއްޖެ އެވެ. ފާފަތަކުން ސަލާމަތްވުމަށްޓަކައި ތައުބާވުން އިތުރުކޮށް، ނަމާދުގެ ވަގުތުތަކުގައި ދުއާ ކުރުން ގިނަ ކުރުމަށް ނިންމަން ވެެއްޖެ އެވެ. އެ ކަންކަން މިހާރު ވެސް ފަށަން ވެއްޖެ އެވެ.
ޤުރުއާނާއި ސުންނަތުގެ އަލީގައި ބަލާއިރު ރަމަޟާން މަހަކީ ބަރަކާތާއި ރަހުމަތާއި ފުއްސެވުމުގެ މަހެކެވެ. އެއީ ﷲގެ ހަޒުރަތުގައި އެންމެ މާތް މަހެވެ. އެ މަހުގެ ދުވަސްތަކަކީ އެންމެ މާތް ދުވަސްތަކެވެ. އެ މަހުގެ ރޭތަކަކީ އެންމެ މާތް ރޭތަކެވެ. އެއީ ރަޙްމާންވަންތަ މާތް ﷲގެ ހާއްސަ މެހުމާނަކަށް ވުމަށް ދައުވަތު ދެވިފައިވާ މަހެކެވެ.
އިންސާނާގެ ނަފްސަކީ އެނާގެ އަމަލުތަކުން ރަހުނު ކުރެވިފައިވާ އެއްޗަކަށް ވާ ހިނދު އެ ރަހުނު ފިލުވާލުމަށް އޮތް މަގަކީ ފާފަފުއްސެވުމަށް އެދި ދުއާކުރުން ނުވަތަ އިސްތިއުފާރު ކުރުމެވެ. އިންސާނާ އުފުލަން ޖެހިފައިވާ ފާފަތަކަކީ ބުރަ އެއްޗެކެވެ. ރުކޫއާއި ސުޖޫދު (އެބަހީ ނަމާދު) އަކީ ފާފަތައް ލުއި ކުރެވިދާނެ އެއް މަގެވެ.
ރޯދަމަހު ނިކަމެތި މުއުމިނަކަށް ރޯދަވީއްލައިދޭން އެހީވުމަކީ އަޅަކު މިނިވަން ކުރުން ފަދަ ކަމެކެވެ. އެކަމަށް ކުޅަދާނަ ނުވާ މީހާ އެންމެ ކަދުރު ފަޅިއަކުން ވެސް އެހީވެވިދާނެ އެވެ.
ރަމަޟާން މަހަކީ އެ މަހުގައި އުޑުތަކާއި ސުވަރުގެތަކާއި ރަހުމަތުގެ ދޮރުތައް ހުޅުވޭ މަހެކެވެ. ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ މަހެކެވެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް ނޫނެވެ. އީމާންތެރިކަމާއެކު ފުރިހަމަ އަށް އަޅުކަން ކުރާ އަދި އެކަމަށް ޝައުގުވެރިވެ އަޒުމް ކަނޑައަޅާ އަޅުވެރިންނަށެވެ. އެއްހާސް މައްސަރަށް ވުރެ ހެޔޮ ރެއެއް އެ މަހެެއްގައި ވަނީ ވެސް ހަމަ ބަރަކާތްތެރި ރަމަޟާން މަހު އެވެ. ވީއިރު އެ މަހުގެ ރޭތަކާއި ދުވަސްތައް ވޭތު ކުރާނެ ގޮތަކާ މެދު ވިސްނައި ރާވަން ވެއްޖެ އެވެ. ރޭގަނޑުގެ ހުރިހާ ވަގުތުތައް މުޅިން ނިދުމުގައި ދުވާލުގެ ހުރިހާ ވަގުތުތައް އާފިލުކަން މަތީގައި ހޭދަނުކޮށް ވޭތޯ ބެލުން މުހިންމެވެ.
ރޯދަވެރިއެއްގެ ގޮތުގައި ފަޖުރުލީއްސުރެ ރޯދަ އަށް ހުންނަން ޖެހޭނީ ހަމައެކަނި ކެއުންބުއިމާއި ރޯދަ ގެއްލޑ އެހެން ކަންކަމުން އެކަންޏެއް ނޫނެވެ. އެހުމާއި ބެލުމާއި އެ ނޫން ވެސް ހުރިހާ ގުނަވަންތަކުން ވެސް "ރޯދަ" ހިފަން ޖެހޭނެ އެވެ. އެބަހީ ހަރާމް ވެގެންވާ ހުރިހާ ކަންކަމުން އަދި ކިއެއްތަ މަކްރޫހަ ކަންކަމުން ވެސް ދުރުހެލިވެ ހުންނަން ޖެހޭނެ އެވެ. ދޮގު ހެދުމުން ދޫ ރައްކާތެރި ކުރަން ޖެހޭނެ އެވެ. ﷲ ހަރާމް ކުރެއްވެވި ބެލުންތަކުން ލޯތައް ރައްކާތެރި ކުރަން ޖެހޭނެ އެވެ. ދެކޮޅުވެރިވުމާއި ހަސަދަވެރި ވުމާއި އެކަކު އަނެކަކަށް ނެތިނުބައި މޮށުމާއި ޒުވާބު ކުރުމުން ދުރުހެލިވާން ޖެހޭނެ އެވެ. ހަޑިހުތުރު އެއްޗެތި ކިޔުމާއި އަނިޔާވެރި ވުމުން ސަލާމަތްވެ ހުންނަން ޖެހޭނެ އެވެ. މާތް ﷲ ހަނދުމަ ކުރުމާއި ނަމާދު ކުރުމުން ތިމާގެ ނަފްސު އާފިލު ކޮށްލައިގެން ނުވާނެ އެވެ. ކެތްތެރިކަމާއި ތެދުވެރި ކަމާއި ހިތްވަރު ގަދަކަމަކީ ނުހަނު ބޭނުންތެރި ކަންކަމެވެ. ދޮގުހުވާ ކުރުމާއި ދޮގު ހެކިދިނުމާއި ނުބައި ހީކުރުންތަކާއި ދެބައުޑުވުން ފަދަ ކަންކަމުން ވެސް މީހާ މުޅިން ސަލާމަތްވެ ހުންނަން ޖެހޭނެ އެވެ.
ރަމަޟާން މަހަކީ އެ މަހުގައި އުޑުތަކާއި ސުވަރުގެތަކާއި ރަހުމަތުގެ ދޮރުތައް ހުޅުވޭ މަހެކެވެ. ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ މަހެކެވެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް ނޫނެވެ. އީމާންތެރިކަމާއެކު ފުރިހަމަ އަށް އަޅުކަން ކުރާ އަދި އެކަމަށް ޝައުގުވެރިވެ އަޒުމް ކަނޑައަޅާ އަޅުވެރިންނަށެވެ.
އެ ކަންކަން ހާސިލު ނުވާ ގޮތެއްގައި ހަމައެކަނި ނުކައިނުބޮއެ ހުއްޓަސް ރޯދަމަހުގެ ބަރަކާތްތެރިކަމެއް ނުލިބޭނެ އެވެ. މާތް ﷲގެ ތަނަވަސް ރަހުމަތުން އެކަށޭނަ ނަސީބެއް ނުލިބޭނެ އެވެ. އަދި އާހިރަތުގައި ފުއްސެވުމުން ވެސް މަހުރޫމުވާނެ އެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް މިކަމާ މެދު ވިސްނަން ޖެހެ އެވެ.
ރަމަޟާން މަސް ފެށެން ކައިރިވީމާ ގެދޮރު ޒީނަތްތެރި ކުރެ އެވެ. ބާ ވެފައި ހުންނަ ފަރުނީޗަރުތައް އުކާލައި އައު ކުރެ އެވެ. ހިފައިގެންގުޅޭ ވަރަށް ގިނަ ސާމާނުތައް ގަނެ އެވެ. އެއީ އިސްރާފު ކުރުމެއް ނުވަތަ ކަންދެއްކުމެއް އޭގައި ނެތިއްޔާ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެ ކަންކަމަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ މި ބަރަކާތްތެރި މައްސަރު ފެށެން ކައިރިވާ ހިނދު މި މަހުގެ ބަރަކާތާއި ﷲގެ ރަހުމަތާއި ފުއްސެވުން ހޯދައި ގަނެވޭނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ޢަޒުމް ކަނޑައެޅުމަށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިކަމުގައި ހެޔޮ ތައުފީގު ދެއްވާށި އެވެ!
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲ ޝަރީފް
21 March 2023
މުސްލިމުންނަށް ހަނދާން ކޮށްދިނުމުގެ މިފަދަ އަގުހުރި ލިޔުއްވުންތައް ލިޔުއްވާކަމަށްޓަކައި ޑރ ސަޢުދުﷲ ޢަލީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ދީނީ ހޭލުންތެރިކަން އިތުރުކޮށް ޤައުމުގައި މިއޮތް ނުބައި ވަބާތަކުން މިޖުތަމަޢު ސަލާމަތްކުރުމަކީ ދީނީ ޢިލްމުވެރިންގެ ވާޖިބެކެވެ. އެކަމަށް ހުއްޓުމެއް އައިސްގެން ނުވާނެއެވެ. ނަމަވެސް ބައެއް ފަހަރަށް މިފެންނަނީ ދީނީ ޢިލްމުވެރިންވެސް ސިޔާސީގޮތުން ވަކިފަރާތަކަށް މާބޮޑަށް ޖެހިފައިވާތަނެވެ.
މުޙައްމަދު އިލްހާމް ( ކިންގް އިލްހާމް )
20 March 2023
މި އީ ވަރައް ބިނާކުރަނިވި އިލްމީ ދިރާސާ ހިމެނޭ ލިޔުމެއް ، ޝުކުރިއްޔާ ސަރ