ރޭގެ ޕްރޮގްރާމްގައި އަމީތު (ކ)، މުބީން (މ) އަދި ހުށަހެޅުންތެރިޔާ ޖަދުއާން
05 ޖުލައި 2017 - 12:53
ރާއްޖޭގެ އެންމެ ބޮޑު ޕްރޮޕެގެންޑާ މެޝިން ކަމަށްވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން މި ފަހުން ނުކުރާ ކަމެއް ރޭ އެވަނީ ކޮށްފަ އެވެ. އަދި އެކަން ކުރުމުގެ ތެރޭގައި ފެނުނީ ޕީއެސްއެމްގެ ޓީވީއެމާއި ޕްރޮގްރާމް ހުށަހަޅަން ބޭންދި ޒުވާން ޕްރެޒެންޓަރު ވެސް ބިރުގަތް ތަނެވެ. ކުރަން ބޭނުން ނޫން ނުވަތަ ކޮށްފި ނަމަ ސަރުކާރުގެ އިސް ފަރާތްތަކުން ދެން އަޅާފާނެ ފިޔަވަޅަކަށްޓަކައި ތުރުތުރު އަޅާ ތިބޭ ބަޔަކަށް ވާނީ އެވަރެވެ.
އެކަމަކު ސަރުކާރާ އިދިކޮޅު މަޖިލިހުގެ މެމްބަރަކަށް ދިން ފުރުސަތަކީ، އޭގެ ޒާތުގައި، މި ފަހުގެ ދެތިން އަހަރު، ޕީއެސްއެމުން ފެނުނު ބޮޑު ބަދަލެކެވެ. ދާއިމީ ބަދަލެއް ނޫން ނަމަވެސް، އަޖުމަ ބަލައިލުމުގެ ތަޖުރިބާއެކެވެ.
ރޭގެ މައުލޫއުއަކަށް ޕީއެސްއެމުން ހަމަޖެއްސީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުން މިހާރު ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު އޮތީ ކޮން ބަޔަކަށްތޯ އެވެ. ޕްރެޒެންޓަ އަހުމަދު ޖަދުއާންގެ ކުރިމަތީގައި ތިއްބެވީ އިދިކޮޅު މެމްބަރެއްގެ ގޮތުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އަދި ސަރުކާރު ދިފާއުކުރެއްވުމަށް ބިލެތްދޫ ދާއިރާގެ އަހުމަދު މުބީނެވެ.
މިއީ ޕްރޮޕެގަންޑާގެ ސަގާފަތެއް ރާއްޖޭގައި އަލުން ކުރިއަށް ގެންދަން ފެށި ފަހުން ޕީއެސްއެމުން އިދިކޮޅު މެމްބަރަކަށް ދިން ފުރަތަމަ ފުރުސަތުކަމުން، ޖަދުއާންގެ ސުވާލުތައް އޮތް ތަނުގައި ބާއްވާފައި އަމީތު ފޯރުކޮށްދެއްވީ މައުލޫމާތުތަކެކެވެ. އާންމުކޮށް ޓީވީއެމް ބަލާ ދިވެހިންނަށް މި އޮތް ހުރިހާ ދުވަހު ނޭނގި އޮތް އެތައް ކަމެއް އޭނާގެ ވާހަކަތަކުގެ ތެރެއިން އިވޭނެ އެވެ. އެކަމަކު އެއީ ޖަދުއާންގެ ނުތަނަވަސްކަން ބޮޑުކުރުވި ޖަވާބުތަކެކެވެ. ހަގީގަތުގައި ހުށަހެޅުންތެރިޔާގެ މައްސަލައެއް މިއަކު ނެތެވެ. މައްސަލަ އުފެދިގެން އަންނަނީ، ހަގީގަތް އޮތް ތަނުގައި ބާއްވާފައި ޕްރޮޕެގަންޑާ ފެތުރުމުގެ އާރުކާޓީންތަކެއްގެ ދަށުގައި މަސައްކަތްކުރަން ޖެހުމުން ބެދެވިފައި އޮތް ދަލެއްގެ ތެރެއިންނެވެ. ބަޔަކު ރުޅިއަތުވެދާނެ އެއްޗެއް، އޭނާގެ ޕްރޮގްރާމެއްގައި، ގެނެސްދެވިދާނެތީ ވާ ކަންބޮޑުވުމެވެ. ދެން އޭގެ ފަހުން ކުރިމަތިވެދާނެ ސުވާލުތަކާއި ގަޔަށް އޮއްސާލާފާނެ ހޫނުފެނެވެ.
މުބީން އޭނާގެ ޒިންމާ އަދާކުރެއްވި އެވެ؛ އިދިކޮޅު ފަރާތްތަކުގެ ރަނގަޅު ނިޔަތެއް ނެތްކަމާއި، ބޭނުމަކީ ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމާއި، ސަރުކާރުން ގެނެސްދޭ ތަރައްގީތައް ހުއްޓުވާ ދަތިކުރުން ކަމެވެ. ހަގީގަތް އޮޅުވާލައި، ސަރުކާރާއި ރައްޔިތުންނާ ޖެއްސުންކަމެވެ. މަސީހުގެ މައްސަލައެއް ނެތް ކަމާއި މަޖިލިހުގެ މެމްބަރުންނަށް ހުރަހެއް ވެސް ނެތް ކަމެވެ.
އަމީތު ތަފާތުވީ އޭނާ ދެއްކެވި ވާހަކަތަކުންނެއް ނޫނެވެ. އެއީ ރާއްޖޭގެ އަމިއްލަ ބައެއް މީޑިއާތަކުން އަބަދުވެސް ގެނެސްދޭ ވާހަކަތަކެކެވެ. ތަފާތަކީ ޓީވީއެމްގެ ބެލުންތެރިންނާ ހަމައަށް އިދިކޮޅު މެމްބަރެއް މެދުވެރިކޮށް އެ މައުލޫމާތުތައް ފެތުރުއްވުމެވެ.
ގަވާއިދާ ހިލާފަށް މަސީހު ކުރެއްވި ބައެއް ކަންކަން، މުބީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން، އަމީތު ދެއްކެވި އެވެ. އޭގެ ތެރެއިިން އެއް ކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެ ފަހު ވަގުތު ސަރުކާރުން ގެންނަން ބޭނުންވި އަދި މުބީން މެދުވެރިކޮށް މަޖިލިހަށް ހުށަހެޅުއްވި، "އަޖައިބެއް ފަދަ" އިސްލާހުތަކެވެ. އަޖައިބަކަށް ވަނީ މުބީނަށް ފުރަތަމަ ލިބިވަޑައިގެން ބިލްގެ ކޮޕީގައި ގާތްގަނޑަކަށް 17 ވަރަކަށް ގަނޑު ހިމެނުނު އިރު، އެދުވަހު ހުށަހަޅުއްވަން ޖެހިވަޑައިގަތީ 50 ހަކަށް ސަފުހާގެ އިސްލާހުތަކަކަށް ވުމެވެ. އަދި ބިލަކާ މެދު ކުރަން ޖެހޭ އިބުތިދާއީ ބަހުސަށް ހުޅުވާލުމަށް ފަހު، ހަމަ ވަގުތުން، އެ ފުރުސަތު މަސީހު ބަންދުކުރެއްވި ގޮޮތެވެ.
ޓީވީއެމް ބަލާ ދިވެހިންނަށް އެ މައުލޫމާތެއް ކުރިއަކުން ނުލިބޭނެ އެވެ. ހަގީގަތުގައި އެދުވަހު މަސީހު ނިންމެވީ މިހާތަނަށް ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަން ކުރެއްވި ގޮތަކަށް ނޫނެވެ. އެއީ އިބުތިދާއީ ބަހުސަށް ހުޅުވާލައްވާފައި، މެމްބަރުންނަށް އެއްވެސް ފުުސަތު ނުދެއްވާ ކުއްލިއަކަށް ބަންދުކުރެއްވުމެވެ. އަމީތު ވިދާޅުވި ގޮތުގައި އޭނާ ވެސް އިންނެވީ ސުވާލުތަކެއް ނޯޓުކުރައްވައި، އެ ބަހުސްގައި ބައިވެރިވާން ތައްޔާރުވެވަޑައިގެންނެވެ.
އެދުވަހު ބަހުސް އަށް ވަގުތު ނުދެއްވައި، ފަހު ބަސް ވިދާޅުވުމުގެ ފުރުސަތު މުބީން އަށް ދެއްވުމުން، އޭނާ ދެއްކެވި ވާހަކަތަކަކީ ވެސް، ޓީވީއެމްގެ ބެލުންތެރިންނަށް އެނގޭނެ އެއްޗެއް ނޫނެވެ. ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން އެ މައުލޫމާތެއް ނުދޭނެ އެވެ. އަދި ހުށަހެޅުންތެރިންނަށް އެ ސުވާލުތައް ކުރުމުގެ ފުރުސަތެއް، މިނިވަންކަމެއް ވެސް ނޯންނާނެ އެވެ. އެހެންކަމުން ރަައްޔިތުންގެ މަސްލަހަތާ އެހާ ބޮޑު ގުޅުމެއް އޮތް ބޮޑު ގާނޫނަކަށް ސަރުކާރުން ކުއްލިއަކަށް ގެންނަން އުޅުނު އިސްލާހުތަކާ މެދު މެމްބަރުން ބަހުސްކުރައްވަން މުބީން ވެސް ބޭނުންނުވާކަން ދޭހަވާ ގޮތަށް އޭނާ ފަހު ބަސް ވިދާޅުވި ކަމެއް، ޓީވީއެމްގެ ބެލުންތެރިންނަކަށް ނޭނގޭނެ އެވެ.
"އިއްޒަތްތެރި މެމްބަރުން ބޭނުންފުޅެއް ނުވޭ މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި މާ ގިނަ ވަގުތުތަކެއް ނަގާލައި ކަންކަން ކުރާ ކަށެއް. އެހެންވީމާ ހަމަ އަޅުގަނޑު މި އެދެނީ މިއަދުގެ ވޯޓު ގަޑީގައި ވެސް މި ބިލަށް ތާއީދުކުރައްވާ މީތި ސަރުކާރުން ފޮނުވާފައި މި އޮތް ގޮތަށް... ހުރިހާ މެމްބަރުންގެ ރުހުމާއި ތާއީދު ލިބޭނެ ކަމަށް،" އެދުވަހު މުބީން ވިދާޅުވި އެވެ.
ސުވާލަކީ ރައްޔިތުންގެ މަޖިލިހުގެ ހާލަތަކީ އެއީތޯ އެވެ؟ ދިހަ އަހަރު ދުވަހުގެ ބުރަ މަސައްކަތުން ތައްޔާރުކުރި ގާނޫނަށް އަމަލްކުރަން އެންމެ ދެ ހަފުތާއަށް ވެފައި ވަނިކޮށް އެހާ ބައިވަރު އިސްލާހުތަކެއް ހުށަހެޅުމުން ވެސް މަޖިލިހުގައި ބަހުސްނުކޮށް، އެދުވަހު އުޅުނީ ކޮމިޓީން ބިލް ނިންމައި، ހަމަ އެދުވަހު ބިލް ފާސްކުރާށެވެ. ހަގީގަތުގައި އެދުވަހު ކަންކަން ވީ މުބީން ރޭ ޓީވީއެމްގައި ވިދާޅުވި ގޮތަކަށެއް ނޫނެވެ. ބިލް އަނބުރާ ގެންދިޔައީ މަޝްވަރާގެ ރީތި ސިފަ ސަރުކާރުންނާއި މެމްބަރުންގެ ތެރޭގައި އޮވެގެން ކަމަކަށެއް ނުފެނެ އެވެ. އެކަން ކުރަން މަޖުބޫރުވީ އެވެ. މެމްބަރުންގެ މެދުގައި އުފެދުނު ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އެ ނޫން ގޮތެއް ނެތީ އެވެ. ނަމަވެސް އެ ސާފު މަންޒަރު، ޓީވީއެމް އިން ގެނެސްދޭ ހަމައެކަނި ސަރުކާރު ފަރާތުގެ ޕްރޮގްރާމްތަކަކުން ބެލުންތެރިންނަކަށް ނުފެންނާނެ އެވެ.
ރޭ އިދިކޮޅު އެންމެ މެމްބަރަކު، އެންމެ ގަޑިއެއްގެ އިރަށް ދެމިގެން ދިޔަ ޕްރޮގްރާމެއްގައި، ދެއްކެވި ވާހަކަތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުގެ ކުޑަ ތަސްވީރެއް، ޓީވީއެމްގެ ބެލުންތެރިންނާ ހަމައަށް ދާނެ އެވެ. މިއީ ޕީއެސްއެމްގެ ގާނޫނުން ލާޒިމްކުރާ ހަމަހަމަކަމާއި މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ މަސްއޫލިއްޔަތުގެ ފެށުމެއް ކަމަށް، އެއްގޮތަކުން ބަލަމާ ހިނގާށެވެ. (ބަލަމާ ހިނގާށޭ މި ބުނީ އެގޮތަށް ޕީއެސްއެމް ހިނގާނެކަމުގެ ޔަގީންކަން އަދި ނެތުމުންނެވެ. ރޭގެ އެ ޕްރޮގްރާމްގެ ރިޕީޓް ނުފޮޮނުވާ ގޮތަށް ހަމަޖެއްސިކަން ވަނީ އެނގިފަ އެވެ.)
ޕްރޮޕެގަންޑާ މެޝިނަކަށް ޕީއެސްއެމް ބަދަލުކޮށްގެން ސަރުކާރަށް ލިބުނު ކުރިއެރުމެއް، ފައިދާއެއް ވެސް ނެތެވެ. މުސްކުޅި އެ ސަގާފަތުން ހުރިހާ ގެއްލުމެއް ލިބުނީ ޕީއެސްއެމް އަށެވެ. އެތަނުގެ ތެރޭގައި އުފެދުނީ ދެ ނުބައެކެވެ؛ މުވައްޒަފުން ބިރުގަތުމާއި ރައްޔިތުންނަށް އޮޅުވާލުމުވެ.
އެކަމަށް ނިމުން އައިސްގެން ނޫނީ ދެ ފަރާތެއް ނުފެންނާނެ އެވެ؛ އެއީ މުބީން ރޭ އަދާކުރެއްވި އޭނާގެ ޒިިންމާ އާއި އަމީތު އަދާކުރެއްވި އިދިކޮޅު މެމްބަރެއްގެ ޒިންމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
06 July 2017
ޕްރައިވެޓް ބްރޯކާސްޓަރުން ކޮންމެ ގޮތަކަށް ޚަބަރު ފެތުރިޔަސް، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހަމަހަމަކަމާއި އެކު ހުރިހާ ފަރާތެއްގެ ގެނެސްދިނުމަށް ލާޒިމްކޮށްފައިވާ ގާނޫނެއްގެ ދަށުން ހިންގާ ތަނަކުން މިކުޅޭ ކުޅިގަޑަކީ ވަރަށް ދަށުދަރަޖައިގެ ލަދުވެތި ކަމެއް.
އަލީ
06 July 2017
ޚަލީލު ވެރިއަކަށް ހުރެގެން ތިނޫން ގޮތެއް ނުވާނެ
އިބޫ
06 July 2017
މޫސަ ވަރަށް ފައްކާ އާޓީކަލެއް އަނެއްކާ މީޑީޔާ ކޮމިޝަން ގެ އިންޒާރެއް، ޖުރިމނަާ އެއް ނާންނާނެބާ
ޅޫކާސް
05 July 2017
މުސާ ލަޠީފް ފުރަތަމަ އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަ ތިމާއަށް މިނިވަންކާއެކު އެއްކޮޅަށްވެސް ބުރަނުވެ ދުވަހަކުވެސް ޚަބަރެއް ލިޔެވުނުތޯ.
ނަލަ
06 July 2017
ތާއީދު...
"މިހާރު"ގެ ފަހުރުވެރި ކިޔުންތެރިޔާ/ހދ.ކުޅުދުއްފުށި/ހާލުފޮޅި
05 July 2017
މުނިފޫހި ފިލުވާ ޕޮރޮގުރާމެއް މީހަކު ތި ޗެނަލުން ބަލައިފާނެ. އެކަމަކު ހަބަރު ބަލާ ސީޔާސީ ކަންކަން ބަލާކަށް ކުރީގެ ބޮލުން ރޯ ނުފިލާ މީހުން ނޫނީ ނުތިބޭ. ހުދު ޕީޕީ ކުދިންވެސް ބަލަނީ ރާޓިވީ ނޫނީ ވީޓިވީ.
ަExpired MUO
06 July 2017
ރާޓީވީ އާއި ވީޓީވީން ތިބޭފުޅުންގެ ޖަލްސާ ބަލަން. އެކަމަކު ޚަބަރު ގަޑިތަކުގައި ބަލަނީ ޕީއެސްއެމް. ސަބަބަކީ ރާޓީވީން ޚަބަރެއް ނުކިޔާ. ކިޔަނީ ކުރު ވާހަކަ. އެހެންވެ ޚަބަރު ބަލަން ބޭނުންވާތީ އެ ގަޑިތަކުގަ ނުބެލެނީ. ސޮރީ. ހަޖަމް ޕްލީޒް
ސައްޕެ
05 July 2017
ޕީއެސްއެމް އެއް ނޫން ހުރިހާ މީޑިއާ ތަކުންވެސް ފަތުރަނީ ހުސް ޕްރޮޕެގެންޑާ!!
ޓްރައިމީ
05 July 2017
ޕީއެސްއެމް އިން ދެއްކިއްޔޭ. ޕީއެސްއެމް ކިޔާ ޗެނަލެއް އިނދޭތަ... އަހަރެން ހީކުރީ އެއީ މުއައްސަސާއެއްކަމަށް މީޑިޔާ ކައުންސިލްކަހަލަ....
ޕީއެސްއެމް
05 July 2017
ޕީއެސްއެމް އަކީ ކުންފުންޏެއް
އެންޓި-ޕްރޮޕެގެންޑާ
05 July 2017
އިދިކޮޅު މެމްބަރަކަށް ފުރުޞަތު ދޭން ޖެހުނު އެހެން ސަބަބެއްވެސް އޮވެދާނެ. އެއީ އެފަދަ ޕްރޮޕެގެންޑާގެ ތެރެއިން އިދިކޮޅު އެއްވެސް ވާހަކައެއް ނުގެނައުމުގެ ނަތީޖާއެއްގެ ގޮތުން ޓީވީއެމް ބަލާ މީހުންގެ ޢަދަދު އިންތިހާއަށް މަދުވެ އެކަމުގެ މޮޅީގައި އިދިކޮޅު ޢާއްމު މީހުން ޓީވީއެމް ބަލާތޯ ކުރުވިކަމަކާ ބޮޑަށް ވައްތަރީ. އެގޮތުން އިދިކޮޅު އެކަކު ބައިންދައިގެން އެމީހުންގެ ޕްރޮޕެގެންޑާ ބޮޑަށް ފެތުރޭތޯ.
ދޮގެއްތަ؟
06 July 2017
ނުބަލާ ކަމަށް ހެދިގެން ތިއްބަސް ބަލާކަން ކަށަވަރުވެ ޔަގީން ވެއްޖެ. ހަމަ ކަށަވަރުންވެސް ތިމީހުންވެސް ޚަބަރު ބަލާނީ ޓީވީއެމުން. އެއީ ކަލޭމެންގެ ޗެނަލްތަކުން ޚަބަރު ނުކިޔާތީ.
ޭގސހހ
05 July 2017
ނީޑްޢަލިންކް
މަރުޒޫޤުގެ ކޮއްކޮ
05 July 2017
ޕީ.އެސް.އެމް. ގެ ކުލަޔަށް ބަލާބަލަ އޭރުންވެސް ވަރަށްބޮޑު އެއްޗެއް އެނގޭނެ